ދީން
އެކި ސިފަސިފައިގައި ފާޙިޝުކަންތައް ފަތުރާމީހުންނަށް ދެ ދުނިޔޭގައި ވެސް ލިބޭނީ އަޒާބު: ޚުޠުބާ
އިސްލާމީ މަރުކަޒު---
އެކި ސިފަސިފައިގައި މުޖުތަމަޢުގެ ތެރޭގައި ފާޙިޝު ކަންކަން ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމުގެ މައްޗަށެވެ. ޚުޠުބާގައި ވިދާޅުވީ، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުރިކަމަށް މާތް ﷲ އަންގަވާފައިވާ ކަމަށެވެ. އަދި އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް ކަމަށް ބަޔާންކޮށް، ބޭރުފުށާއި އެތެރެފުށުގެ، އަދި ފާޅުވެގެންވާ ކަންކަމާއި ވަންހަނާވެގެންވާ އެންމެހައި ފާޙިޝު ކަންކަމާ ކައިރިނުވުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ފާޙިޝު ޢަމަލުތަކުގެ ތެރެއިން ފާފަވެރިކަން އެންމެ ބޮޑު ޢަމަލުތަކަކީ ޒިނޭއާއި، ލިވާޠާއި ސިޙާޤުކަން ފާހަގަކުރައްވައި، ލޫޠުގެފާނުގެ ޤައުމުގެ މީހުން އެފަދަ ހުތުރު ޢަމަލުތައް ހިންގުމުން އެބައިމީހުންނަށް ﷲ ފޮނުއްވެވި ވޭންދެނިވި ޢަޛާބުން ޢިބުރަތް ލިބިގަތުމަށް ގޮވާލެއްވިއެވެ. އަދި ބަޔަކު މީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ޢާންމުވެއްޖެނަމަ، އެބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ޒަމާނުގައި ނުދެކޭފަދަ ވޭންދެނިވި ބަލިތައް ފެތުރޭނެކަމަށް މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅު ޚުޠުބާގައި ގެނެސްދެއްވިއެވެ.
މިއަދުގެ ދުނިޔޭގައި ފެތުރެމުންދާ އެޗް.އައި.ވީ ވައިރަހާއި އެއިޑްސް ބައްޔާއި، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެންނަނީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންނާއި ފާޙިޝު ޢަމަލުތަކުގައި ޝާމިލުވާ މީހުންގެ ތެރެއިންކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި އިންސާނާގެ ޣަރީޒާތަކަށް އިޖާބަދިނުމުގައި ދީން ހުއްދަކުރި ޙަލާލު ޒަވާޖީ ޙަޔާތް އިޚުތިޔާރުކުރުމަށާއި، ފާޙިޝު ޢަމަލުތައް ހުއްޓުވުމަށްޓަކައި، ކައިވެނި ކުރުމުގެ ތަނަވަސްކަން ނެތް ޒުވާނުންނަށް މުޖުތަމަޢުގެ ތަނަވަސް ފަރާތްތަކުން އެހީތެރިވުމަށް ޚުޠުބާގައި ބާރުއެޅިއެވެ.
މީގެއިތުރުން، މިއަދު ވިޔަފާރީގެ އުޞޫލުން އެކިއެކި މަންސަތަކުގައި އަގުތަކާއެކު އިޢުލާނުކޮށްގެން ފާޅުގައި ފާޙިޝު ޢަމަލުތައް ހިންގަމުންދާކަން ހިތާމައާއެކު ފާހަގަކުރިއެވެ. މި ނުރައްކާތެރި ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް އަޅަންޖެހިފައިވާ ކަމަށާއި، އެހެން ނޫންނަމަ މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދިނެވެ.
ޚުޠުބާ ނިންމާލަމުން، ދުނިޔޭގެ ވަގުތީ އުފަލާއި އަރާމުގެ ބަދަލުގައި، ޝަރީޢަތުގެ އިންތަކުގެ ތެރޭގައި ދިރިއުޅުން ބައްޓަންކޮށް، މާތް ﷲ އަށް ބިރުވެތިވެ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވިއެވެ.