ދީން / ކޮލަމް
ކީރިތި ޤުރްއާން އުޑަށް އުފުއްލެވުން: ބިމުން ނޫރު ފޮހެވިގެންދާނެ އެންމެ ނާމާން ރޭ
ކީރިތި ޤުރްއާން އުޑަށް އުފުއްލެވުން ބިމުން ނޫރު ފޮހެވިގެންދާނެ އެންމެ ނާމާން ރޭ - ފޮޓޯ: އުތުރުޖު
ދުނިޔެ އޭގެ އެންމެ ފަހުގެ ވަގުތުތަކާ ދިމާއަށް ދަތުރުކުރަމުންދާއިރު، ޤިޔާމަތްވުމުގެ ކުޑަދުވަސްކޮޅެއް ކުރިން މި ބިމަށް ކުރިމަތިވާނެ އެންމެ ބިރުވެރި، އެންމެ މާޔޫސީ އަދި އެންމެ ނާމާން ވަގުތަކީ ކީރިތި ޤުރްއާން ބިމުން އުޑަށް އުފުއްލެވޭ ރެއެވެ. އެއީ ދުނިޔެމަތިން ބަރަކާތާއި ހިދާޔަތުގެ އެންމެ ފަހު ނޫރު އެކީއެކަށް ފޮހެވި، އިންސާނިއްޔަތު ރޫޙާނީ ކަނު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ހިތާމަވެރި ވަގުތެވެ. މި ބިރުވެރި ހާދިސާ ހިނގާނީ އިސްލާމްދީނުގެ މަތިވެރި ރުކުންތަކާއި އަޅުކަންތައްތައް ބިމުން ފޮހެވި، މީސްތަކުންގެ މެދުގައި ފާފަތަކާއި ނުބައިކަންކަން ހައްދުފަހަނަޅައިދާ ދުވަސްވަރެއްގައެވެ.
މާތް ﷲ ލައުޙުލް މަޙްފޫޡުން މި ބިމަށް ބާވައިލެއްވި އެކަލާނގެ މާތް ކަލާމްފުޅު، އެންމެ ރެއެއްގެ ތެރޭގައި މި ބިމުން އެކީއެކަށް ނެތިކޮށްލައްވާނެއެވެ. އެ ރޭ ފާއިތުވެ ހެނދުނު ވުމުން، މީސްތަކުން މުޞްޙަފްތައް ހުޅުވައިލާއިރު އޭގެ ގަނޑުތަކުގައި އެންމެ އަކުރެއްވެސް ފެންނާކަށް ނުހުންނާނެއެވެ. ހުރިހާ ޞަފްޙާތަކެއް ހުންނާނީ އެއްވެސް ލިޔުމެއް ނެތް ހުދު ކަރުދާސްތަކެއްގެ ގޮތުގައެވެ. ހަމައެއާއެކު، ޙާފިޡުންނާއި ޤުރްއާން ދަސްކޮށްގެން ތިބި އެންމެންގެ ހިތްތަކުންނާއި ހަނދާނުން ޤުރްއާނުގެ ހުރިހާ އާޔަތްތަކެއް އެކީގައި ފޮހެވިގެންދާނެއެވެ. އެންމެ ކުޑަމިނުން "ބިސްމި" ވެސް ހަނދާން ހުންނާނެ ހަމަ އެކަކުވެސް އެދުވަހަކު މި ބިމަކު ނުހުންނާނެއެވެ.
މި ހިތާމަވެރި ހާދިސާއަށްފަހު މުޅި ދުނިޔެއަށް ވެރިވެގެންދާނީ ބަޔާންކުރަން ދަތި ނާމާންކަމެކެވެ. ބިމުގައި ހެޔޮކަމުގެ އެއްވެސް އަސަރެއް ނުހުންނާނެއެވެ. ނަމާދާއި، ރޯދައާއި، ޒަކާތާއި އަދި ޙައްޖުގެ މަތިވެރި ޙުކުމްތައް ދަންނާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ދުނިޔޭގައި ތިބޭ އެންމެ މުސްކުޅި އުމުރުގެ މީހުން ޙައިރާންކަމާއެކު ބުނާނެއެވެ: "ތިމަންމެންގެ ކާބަފައިން 'ލާއިލާހަ އިލައް ﷲ' އޭ ކިޔަނިކޮށް އެހީމެވެ. އެކަމަކު އޭގެ މާނައެއް ނުވަތަ ދީނަކީ ކޮބައިކަމެއް މިއަދަކު ތިމަންމެންނަކަށް ނޭނގެއެވެ."
މި ބިރުވެރި ޙަޤީޤަތަކީ ކީރިތި ރަސޫލާ ﷺ ގެ މާތް ޙަދީޘްފުޅުތަކުން ސާބިތުވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: "ދުނިޔެއިން ފޭރާމެއްގެ ކުރެހުން ފޮހެވިގެންދާ ފަދައިން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެއެވެ. އެއީ ރޯދައަކީ ކޮބައިކަމެއް، ނަމާދަކީ ކޮބައިކަމެއް، އަދި ޤުރުބާނީއަކީ ކޮބައިކަމެއްވެސް ނޭނގޭ މިންވަރަށެވެ. އަދި އެންމެ ރެއެއްގެ ތެރޭގައި ﷲ ގެ ފޮތް (ޤުރުއާން) އުފުއްލެވޭނެއެވެ. އޭގެއިން އެންމެ އާޔަތެއްވެސް ބިމަކު ނުލައްވާނެއެވެ." (ޞަޙީޙް އިބްނު މާޖާ).
އަދި ޞަޙާބީ ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ، ޤުރްއާން ބިމުން އުފުއްލެވުމުގެ ކުރިން އެ ފޮތް ގިނަގިނައިން ކިޔެވުމަށެވެ.
މި ނާމާން ހާދިސާ ހިނގާނީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް ފެނުމުގެ ކުރިން، ބިމުގައި ތިބި ހުރިހާ މުއުމިނުންގެ ފުރާނަ ހެޔޮ ރޯޅިއަކުން ހިއްޕެވުމަށްފަހުގައެވެ. އޭގެ ފަހުގައި ދުނިޔޭގައި ބާކީ ތިބޭނީ ދުނިޔެ ދުށް އެންމެ ނުބައި މީހުންނެވެ. އަދި ޤިޔާމަތް ޤާއިމުވާނީ އެފަދަ ނުބައި މީހުންގެ މައްޗަށެވެ.
މިއަދު އަޅުގަނޑުމެންގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިއަދު އަޅުގަނޑުމެންގެ އަތްމަތީގައްޔާއި، ގެދޮރުގައްޔާއި، ފޯނުތަކުގައި އަދި ހިތްތަކުގައި ﷲ ގެ ބަސްފުޅު އެބައޮތެވެ. ނަމަވެސް، އެ ފޮތަށް ޢަމަލުނުކޮށް، އެ ފޮތް ބާކީކޮށްލައިފިނަމަ، އެ ފޮތް އަޅުގަނޑުމެންނާ ވަކިވެގެންދާނެ ދުވަހަކީ ހިތާމައިން ހިތްތައް ފަޅައިގެންދާނެ ފަދަ ނުރައްކާތެރި ދުވަހެކެވެ. އެހެންކަމުން، އެ ނާމާން ރޭ އައުމުގެ ކުރިން، ކީރިތި ޤުރްއާނަށް ލޯބިކޮށް، އޭގެ އަމުރުތަކަށް ބޯލަނބައި، އެ ފޮތުގެ ނޫރުން އަޅުގަނޑުމެންގެ ދިރިއުޅުން އަލިކުރުމަކީ ކޮންމެ މުސްލިމަކުވެސް އަވަސްވެގަންނަންވީ އެންމެ މުހިންމު ކަންތަކެވެ.