ކޮލަމް

އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު: ގެއްލެމުންދާ ރީތި އާދަތައް އަލުން ދިރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް

އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު: ގެއްލެމުންދާ ރީތި އާދަތައް އަލުން ދިރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް

އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2026، 05:13

13 ނޮވެމްބަރު 2026، 05:13

ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޚްތިރާމްކުރުމާއި ޤަދަރުކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މާދަމާރޭ ރަސްމީކޮށް އިފްތިތާޙް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި، އިޙްތިރާމްކުރުމުގެ ރިވެތި އާދަތައް އަލުން އާލާކޮށް، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހެޔޮ ބަދަލަކަށް ގެނައުމަށް އަމާޒުކޮށްގެން ފަށާ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތެކެވެ.

ޒަމާނުއްސުރެ ދިވެހިން ފާހަގަކުރެވިފައިވަނީ އަޚްލާޤީ ގޮތުން މަތިވެރި، އެކަކު އަނެކަކަށް އިޙްތިރާމާއި ކުލުނާއެކު މުޢާމަލާތުކުރި ބައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ބޮޑެތި މީހުންނާއި ޢިލްމުވެރިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމަކީ ދިވެހި ސަގާފަތުގެ އެންމެ މައިގަނޑު އެއް ބަހާއެވެ. މަގުމަތިން ދިމާވާ ހިނދު ސަލާމް ގޮވާލުމާއި، ވާހަކަދެއްކުމުގައި މަޑުމައިތިރި ބަސްމަގު ބޭނުންކުރުމާއި، އަވަށްޓެރިންނަށް އިޙްތިރާމްކުރުމަކީ ދިވެހި ދިރިއުޅުމުގެ ވައްޓަފާޅިއާ ލާމެހިފައި އޮތް ރީތި އާދަތަކެކެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއި، އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި އަގުހުރި އާދަކާދަތައް ވަނީ މަޑުމަޑުން ފަނޑުވާން ފަށައިފައެވެ. މިއަދުގެ މުޖުތަމަޢުން ފެންނަމުންދަނީ އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި، ޢާންމު ތަންތަނުގައާއި މީސްމީޑިއާގައި ބޭއަދަބީކޮށް މުޢާމަލާތުކުރުން ޢާންމުވަމުންދާ މަންޒަރެވެ. ބޮޑެތި މީހުންނަށް ޤަދަރުކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުން ފަދަ އަސާސީ ސިފަތައް ނެތިދިއުމުގެ ސަބަބުން ޢާއިލީ ގުޅުންތަކަށް ބުރޫއަރައި، ޒުވާނުންނާއި ކުޑަކުދިންގެ އަޚްލާޤަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ މުޅި މުޖުތަމަޢުގެ ހަމަޖެހުމަށާއި އަމާންކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މިފަދަ ނުރަނގަޅު މައްސަލަތައް ޙައްލުކުރުމަށްޓަކައި މާދަމާރޭ ފެށޭ "އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ވެގެންދާނީ ނުހަނު ބޭނުންތެރި، އަދި ވަގުތަށް ބޭނުންތެރި އިސްނެގުމަކަށެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލްތަކާއި، އޮފީސްތަކާއި، މީސްމީޑިއާގެ ޒަރީޢާއިން އިޚްތިރާމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. ޚާއްޞަކޮށް ޅަފަތުއްސުރެ ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤާއި އިޙްތިރާމްކުރުމުގެ ސިފަ އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެއެވެ.

މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެ ތަނެއްގެ އަފްރާދުންގެ މެދުގައި އޮންނަ އިޙްތިރާމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ. އެހެންކަމުން މާދަމާރޭ ފެށޭ މި ޤައުމީ މަޝްރޫޢަކީ ދިވެހިންގެ މެދުގައި ގެއްލެމުންދާ ރީތި އަޚްލާޤީ ސިފަތައް އަލުން ދިރުވައި، އެކުވެރި، އަމާން އަދި އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450