ރިޕޯޓް

ނަޞްރުގެ ދުވަސް: މިއީ އެންމެން ފަސްޖެހުނު ވަގުތު، އިންޑިއާ ސިފައިންނަށް އެހީތެރިވެދިން ބަޠަލެއް

ނަޞްރުގެ ދުވަސް: މިއީ އެންމެން ފަސްޖެހުނު ވަގުތު، އިންޑިއާ ސިފައިންނަށް އެހީތެރިވެދިން ބަޠަލެއް

ނ. ވެލިދޫ، މިސްރާބު، އިބްރާހިމް މުޙައްމަދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ނޮވެމްބަރު 2026، 05:45

03 ނޮވެމްބަރު 2026، 05:45

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހި ތާރީޚު ދުށް އެންމެ ކަޅު އަދި އެންމެ ބިރުވެރި އެއް ދުވަހެވެ. ބޭރުގެ ކުލީ ސިފައިންނާ ގުޅިގެން ޤައުމުގެ ޚާއިނުންތަކެއް ދިން މި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ރާއްޖެއަށް އެހީތެރިވުމަށް އެ ދުވަހުގެރޭ އިންޑިއާ ސިފައިން ރާއްޖެ އަޔެވެ. އެ ސިފައިން ރާއްޖެ އައުމުން އެއަރޕޯޓުން މާލެއަށް ގެންދިއުމަށް، އެހެން އެންމެން ފަސްޖެހިފައި ވަނިކޮށް، އިސްނަގައިގެން ހަރަކާތްތެރިވި އެއް ބަޠަލަކީ ނ. ވެލިދޫ، މިސްރާބު، އިބްރާހިމް މުޙައްމަދެވެ. މިއީ ގިނަ ބަޔަކަށް އެނގިފައި ނުވި ނަމަވެސް، އެ ތާރީޚީ ރޭ އޭނާ ކުރި ބިރުވެރި އަދި އެހާމެ ހިތްވަރުގަދަ ތަޖުރިބާގެ ވާހަކައެވެ.

އެ ހާދިސާ ހިނގިއިރު އިބްރާހިމް މަސައްކަތް ކުރަމުން ދިޔައީ، އޭރު މާލެ ކައިރީގައި އޮންނަ ފަރުކޮޅުފުށީގައި (މިހާރުގެ ހުޅުމާލެ ފޭސް-2) ފަތުރުވެރިންނަށް ޚިދުމަތްދޭން ގެންގުޅުނު "ރަނި" ނަމަކަށް ކިޔާ ސަފާރީ ދޯންޏެއްގެ ކައްޕިއަކަށެވެ. ނޮވެންބަރު 3 ވަނަ ދުވަހު ފުރަން ހަމަޖެހިފައި ތިބި ފަތުރުވެރިންތަކެއް ގޮވައިގެން، ފަތިހު 5:30 ހާއިރު އިބްރާހިމް ދިޔައީ ހުޅުލޭ އެއަރޕޯޓަށެވެ. ނަމަވެސް، ޖެޓީއާ ކައިރިކުރަން އުޅުމުން އެ ތަނުގައި ތިބި ސިފައިންތަކެއް އެކަމަށް ހުރަސްއެޅިއެވެ. އެމީހުން ބުނީ އެއަރޕޯޓަށް ކައިރި ނުކުރެވޭނެކަމަށެވެ. އިތުރު ތަފްޞީލެއް ނުދިނުމުން، އޭނާ ނިންމީ މާލޭގައި މަޑުކޮށްލުމަށް، މާލެއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. އޭރު އެ ރިސޯޓުގެ "ރެހެންދި" ކިޔާ އެހެން ސަފާރީ ދޯންޏެއް އޮތީ މީހުން ބަލާ މާލެ ގޮހެވެ.

އެއީ ގާތްގަނޑަކަށް ނޮވެންބަރު 3ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރެވެ. މާލެއާ ކައިރިވަމުން ދިޔަ ވަގުތު ބަޑިޖަހާ އަޑު އިވެން ފެށިއެވެ. އެ ވަގުތު އިބްރާހިމް ހީކުރީ ފަޓާސް އަރުވަނީ ކަމަށެވެ. ނަމަވެސް، މާލެއަށް ގޮސްފިނަމަ ފަތުރުވެރިންނަށް ހެނދުނުގެ ނާސްތާ ދިނުމަށް އުނދަގޫ ވާނެތީ އޭނާ ނިންމީ އަނބުރާ ފަރުކޮޅުފުއްޓަށް ދިއުމަށެވެ. މި ނިންމުމަކީ ﷲގެ އިރާދަފުޅާއެކު އޭނާގެ ފުރާނަ ސަލާމަތްވި ނިންމުމަކަށް ވުން އެކަށީގެންވެއެވެ. ސަބަބަކީ އެ ވަގުތު މާލެއަށް ދިޔަނަމަ، ގޮސް ވަދެވޭނީ އެ ނާމާން ދުވަހުގެ އެންމެ ނުރައްކާތެރި ސަރަޙައްދަށެވެ. 

ފަތުރުވެރިންނާއެކު އަނބުރާ ރިސޯޓަށް ދިޔައިރު އެއްވެސް ކަމެއް ހިނގައިގެން އުޅޭކަމެއް ރިސޯޓަކަށް ނޭންގެއެވެ. މާލެއަށް ހަތިޔާރާއެކު ބަޔަކު އަރައިގެން އުޅޭކަން އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު ފަރުކޮޅުފުށީގައި އޮތް 7 ދޯނީގެ ތެރެއިން "ރެހެންދި" ދޯނި އޮތީ މާލޭގައި ތާށިވެފައެވެ.

އެ ދުވަސް ވޭތުވެގެން ދިޔައީ، މާލޭގައި ހިނގަމުންދިޔަ ކަންކަމުގެ ފުރިހަމަ މައުލޫމާތު ނުލިބިއެވެ. އެނގުނު ކަމަކީ ބޭރުގެ ބަޔަކު އައިސް މާލެ ތެރޭގައި ބަޑިޖަހަމުން ދިޔަކަމެވެ. އެއީ ކޮންބައެއްކަމެއް ނޭންގެއެވެ. އެހެންނަމަވެސް، އެހީއަށް އެދުމުން އިބްރާހިމް ނިންމީ ކެރިގެން ކުރިމަތިލާށެވެ.

އެރޭ 7 ޖަހާކަށްހާއިރު ހުރިހާ ދޯންޏެއްގެ ކައްޕިން އެއްކޮށްފައި ދިވެހި މެނޭޖަރު ސަމަދު ބުނެފި އެއަރޕޯޓަށް ދާންވެއްޖެއޭ. ދާނެ އެކަކުވެސް ނުވި. ސަމަދު ނުބުނޭ ގޮސް ކުރަންޖެހޭ ކަމެއް. ބުނީ ގެސްޓުން ގޮވައިގެން ދާކަށް ނޫނޭ. ދޯނީގަ ގޮސް އެއަރޕޯޓުގައި މަޑުކުރަންވީއޭ. އެކަމަކު އެހެން ކައްޕިއަކު ދާކަށް އެއްބަހެއްނުވި. އަހަރެން ބުނެފިން ގޮސްފާނަމޭ. ދެން ތަކުރާރުކޮށް އެހިން ކީއްކުރަންހޭ. ބުނީ ދިޔައިމަ ނޫންހޭ އިނގޭނީ. އެއްވެސް މީހަކު ނުގޮސްފާނެތީ އޭނާ ނުބުނީ.

އިބްރާހިމް ކިޔައިދިނެވެ.

ރިސޯޓުގެ ދިވެހި މެނޭޖަރު، ކުރަން ޖެހޭ މަސައްކަތް ކިޔައިދިނީ އިބްރާހިމް އެއްބަސްވުމުންނެވެ. އޭނާގެ މަސައްކަތަކަށްވީ އިންޑިއާ ސިފައިން އެއަރޕޯޓުން މާލެއަށް ގެންގޮސްދިނުމެވެ.

އިރުކޮޅަކުން ރިސޯޓުގެ ޖެނެރަލް މެނޭޖަރު އައިސް އިންޑިއާ ސިފައިން ރާއްޖެއައުމަށް ފުރައިފިކަން އެންގުމުން، ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ނިޔަތުގައި އިބްރާހިމް އެއަރޕޯޓަށް ދިއުމަށް ފުރިއެވެ. އެ ދަތުރުގައި ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މިހާރުގެ ވެލިދޫ ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރު މުޙައްމަދު ޢައްބާސް ވެސް ހުންނެވި ކަމަށް އިބްރާހިމް ފާހަގަކުރިއެވެ. އެރޭ އެއަރޕޯޓަށް ދިޔައިރު އޮތީ އިރުއޮއްސި އަނދިރިވެފައެވެ. 

ނުވަދެވި އުޅެނިކޮށް ފްލައިޓް ފެނިއްޖެ. އެއަރޕޯޓަށް ނުޖައްސާ މީހުންތައް ރަންވޭއަށް އަޅާލާފަ، ޗޫސްލާފަ އަރައިގެން ދިޔައީ މަތިންދާބޯޓު. ހަމަ ވެލައެއް ބިސްއެޅިހެން، މީހުންތައް ބޯޓުން ރަންވޭ މައްޗަށް އަޅާލީ.

އެއަރޕޯޓަށް ދިޔައިރު އިންޑިއާ ސިފައިން ގޮވައިގެން އައި ބޯޓު ރަންވޭއަށް ތިރިކުރި މަންޒަރު އިބްރާހިމް ސިފަކުރީ މިފަދައިންނެވެ.

ދޯނި ގޮސް ޖެޓީއަށް ކައިރިކުރުމާއެކު، އިންޑިއާ ސިފައިން އިބްރާހިމްމެން ދޯނިން ބާލައި، ރަންވޭ ވަށައިގެން ޖަހާފައިވާ ދާގަނޑު ކައިރީގައި ދެއަތް މައްޗަށް ނަގުވައިގެން ބޭތިއްބިއެވެ. އެންމެ ބޮޑު ތަކުލީފަކަށްވީ އިންޑިއާ ސިފައިންނަށް އިނގިރޭސި ބަސް ނޭންގުމުގެ ދަތިކަމެވެ. އެ މީހުންނަށް އިނގިރޭސި ނޭނގޭއިރު، އިބްރާހިމްމެންނަކީ އެމީހުން މާލެ ގެންދަން ފޮނުވި ދޯނިކަން އޭރަކު އެމީހުންނަކަށް ނޭނގެއެވެ. ދޯންޏަށް އެރި ސިފައިން ވަގުތުން ދޯނީގެ ހަތަރު ކަނުގައާއި ދިރުނބާކޮޅު މެދުގައި ބޮޑެތި ބަޑިތައް ހަރުކުރިއެވެ.

ދެން އެރޭ ފަތިހު 4:30 ހާއިރު، އިންޑިއާ ސިފައިން އަތުގެ އިޝާރާތުން ދޯންޏަށް އެރުމަށް އިބްރާހިމްމެންނަށް އެންގިއެވެ. މުޅި ދޯނި އޮތީ ސިފައިންނާއި ހަތިޔާރާއި ބޮމުން ފުރިފައެވެ. އިބްރާހިމްގެ އަރިހުގައި ވެސް ރައިފަލް ހިފައިގެން ދެ ސިފައިން ތިއްބެވެ. އެމީހުން އެންގީ ކޮންމެ ފަދަ ޙާލަތެއްގައި ވެސް މާލެއަށް ދޯނި ދުއްވުމަށެވެ. 

ފުރަތަމަ ބުރުގައި ގާތްގަނޑަކަށް 60 ސިފައިން ގޮވައިގެން ގޮސް ކައިރިކުރީ މާފަންނު މަޖީދީމަގު ކޮޅަށެވެ. ދޯނި ކައިރިކުރުމާއެކު ކުޑަހިނދުކޮޅެއްގެ ތެރޭގައި ސިފައިން މާލެއަށް ފޭބިއެވެ. ދެވަނަ ބުރުގައި އަނެއްކާވެސް އެއަރޕޯޓުން ސިފައިން ބަރުކޮށްގެން އައިއިރު ނޮވެންބަރު 4 ވަނަ ދުވަހަށް އިރު އަރައިފިއެވެ. ތިންވަނަ ދަތުރުގައި ދޯނި ކައިރިކުރީ ހެންވޭރު ނަސަންދުރަ ކައިރިއަށެވެ. 

ތިން ދަތުރަށްފަހު، ހެނދުނު 8 ޖަހާކަށްހާއިރު ސިފައިންގެ މަރުކަޒު ހުންނަ ތަން ދައްކައިދިނުމަށް އެމީހުން އެދުނެވެ. ރަތްތޮފި އެޅި ދެ ސިފައިންގެ މީހުންގެ މެދުގައި ހުރެގެން އިބްރާހިމް މާލެތެރެއަށް ހިނގައިގަތެވެ. އޭރު މާލެތެރެ ވަރަށް ބޮޑަށް އަމާންވެފައި އޮތް ނަމަވެސް، ހުރަވީ ބިލްޑިންގ ކައިރިން އަނބުރާލި ވަގުތު މަރުވެފައި އޮތް ވަސަންތީގެ ހަށިގަނޑު ވަރަށް ކައިރިން އޭނާއަށް ފެނުނެވެ. އިބްރާހިމް އެމީހުންނަށް ސިފައިންގެ މައި މަރުކަޒު ދައްކައިދިނެވެ. އެ ވަގުތު، ހަނގުރާމައިން ބަލިވިކަން އެނގުމުން ތަމަޅަ ކުލީ ސިފައިން މާލެއިން ފުރައިގެން ދިޔަ ބޮޑު ބޯޓު، "ޕްރޮގްރެސް ލައިޓް" ނައްޓާލައިގެން ދާތަން ފެނުނު ކަމަށާއި، ބަޑީގެ އަޑުތައް ވެސް އިވުނު ކަމަށް އޭނާ ބުންޏެވެ.

މި މަސައްކަތުގައި ގާތްގަނޑަކަށް 14 ގަޑިއިރު ހޭދަވިއެވެ. އިބްރާހިމްއާ ހަވާލުކުރި ޒިންމާ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، އިބްރާހިމް އެނބުރި ފަރުކޮޅުފުއްޓަށް ދިޔައީ ނޮވެންބަރު 4 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އޭރުވެސް ދޯނީގައި ހަރުކުރި ބަޑިތަކުގެ ކައިރީގައި ސިފައިން ފޯރިއަށް ތިއްބެވެ.

މި ޚިދުމަތުގެ ހަނދާނެއްގެ ގޮތުން އިންޑިއާ ސިފައިން އިބްރާހިމަށް ސްކާފެއް ވެދުމަށް އެރުވިއެވެ. އަދި އޭނާ ޤައުމަށްޓަކައި ކޮށްދިން މި އަގުހުރި، ހިތްވަރުގަދަ މަސައްކަތުގެ އަގު ވަޒަންކޮށް، ދިވެހި ސަރުކާރުގެ ފަރާތުން އޭނާއަށް ވަނީ ހަނދާނީ އައްޑަނައެއް ދެއްވާފައެވެ.

މި ހުރިހާ ކަމެއް ނިމި، ޤައުމަށް އަމާންކަން ލިބުމުން، ޖެހިގެން އައި ދުވަހު އިބްރާހިމް ދިޔައީ އޭނާގެ އުފަން ރަށް، ނ. ވެލިދޫއަށެވެ.

ނޮވެންބަރު 3 ގެ ނަޞްރުގެ ވާހަކަ ދައްކާއިރު، ފުރާނައަށް ބެލުމެއްނެތި، ނުރައްކަލުގެ ތެރެއަށް ނުކުމެ ޤައުމީ ވާޖިބު އަދާކުރި މިފަދަ އާދައިގެ ރައްޔިތުންގެ ޤުރުބާނީއަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންވާނޭ ކަންކަމެއް ނޫނެވެ. ނ. ވެލިދޫ، މިސްރާބު، އިބްރާހިމް މުޙައްމަދަކީ ޝައްކެއްވެސްނެތް ގޮތުގައި، ގިނަ ބަޔަކަށް ނޭނގި ހުރި ޙަޤީޤީ ބަޠަލެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450