ރިޕޯޓް

ނަޞްރުގެ ދުވަސް: 3 ނޮވެމްބަރުގެ ޢުދުވާނާއި އަބްޠާލުންގެ މަތިވެރި ޤުރުބާނީ

ނަޞްރުގެ ދުވަސް: 3 ނޮވެމްބަރުގެ ޢުދުވާނާއި އަބްޠާލުންގެ މަތިވެރި ޤުރުބާނީ

ނަޞްރުގެ ދުވަސް ފާހަގަކުރުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 06:59

03 ނޮވެމްބަރު 2026، 06:59

1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު މާލޭގެ އަމާން މާޙައުލު ގުގުމައިގެން ދިޔައީ، ދިވެހިން ދުވަހަކުވެސް ތަޞައްވުރު ނުކުރާ ފަދަ ބިރުވެރި ބަޑީގެ އަޑުފައްގަނޑުންނެވެ. އެއީ ދިވެހިރާއްޖޭގެ ޒަމާންވީ މިނިވަންކަމާއި އިސްތިޤްލާލަށް އަމާޒުކޮށް، ޚާއިނުންތަކަކާއި ބޭރުގެ ކުލީ ސިފައިން ދިން އަނިޔާވެރި ޢުދުވާނީ ޙަމަލާއެވެ. ބިރުވެރިކަމާއި ހިތާމައިން ފުރިގެންވި އެ ކަޅު ދުވަސް، މިއަދު އަޅުގަނޑުމެން "ނަޞްރުގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރަނީ ޤައުމުގެ ޙައްޤުގައި ފިދާވި އަގުހުރި އަބްޠާލުންގެ މަތިވެރި ޤުރުބާނީގެ އަގުވަޒަންކޮށް، އެ ފަޚުރުވެރި ޒިކުރާ އައުކުރުމުގެ މަތިވެރި މަޤްޞަދުގައެވެ.

 

ޢުދުވާނު ރޭވި ޚާއިނުންނާއި ހާދިސާ ހިނގި ގޮތް

މި ނުރައްކާތެރި ޙަމަލާއަކީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލައި، ޤައުމުގެ ކޮންޓްރޯލް ހޯދުމުގެ ނުބައި ނިޔަތުގައި، ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސަގަރު އަޙްމަދު ނާޞިރު އިސްވެ ތިބެ ރޭވި ކަމެކެވެ. މީގެ އިތުރުން ކަރޯ ޢައްބާސް އިބްރާހީމާއި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ފަދަ މީހުން މި ރޭވުމުގައި ބައިވެރިވިއެވެ. މި މީހުން ވަނީ ސްރީލަންކާގެ ކުލީ ސިފައިންގެ ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 އަށްވުރެ ގިނަ ހަނގުރާމަވެރިންނަށް ފައިސާ ދީގެން، ޒަމާނީ ބަރު ހަތިޔާރާއެކު ދެ ބޯޓެއްގައި މާލެ އަރުވާފައެވެ.

މި ޙަމަލާ ފެށުނީ 3 ނޮވެންބަރުގެ ފަތިހު 4:15 ހާއިރު، ޢަދުއްވުން މާލޭގެ އެކި ދިމާތަކުން އެއްގަމަށް އަރައި، ދިވެހި ސިފައިންގެ މައިމަރުކަޒު (ބަންޑާރަކޮށި) އަށާއި، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކަމަށްވާ ތީމުގެ އަދި މުވާޞަލާތީ މަރުކަޒުތަކަށް ވަރުގަދަ ބަޑީގެ ޙަމަލާތަކެއް ދޭން ފެށުމުންނެވެ. އެވަގުތު މައި ދޮރާށީގެ ޑިއުޓީގައި ހުންނެވި ހދ. ކުޅުދުއްފުށީ މާވާގޭ ކޯޕްރަލް ޙުސައިން އާދަމް ވަނީ، ދުޝްމަނުން ސިފައިންގެ މައިމަރުކަޒަށް ވަނުމަށް ކުރި މަސައްކަތް ހުއްޓުވުމަށްޓަކައި އޭނާގެ އަތުގައި ހުރި ވަޒަން ހުސްވަންދެން ހިތްވަރާއެކު ރައްދު ޙަމަލާ ދެއްވާފައެވެ. ޙުސައިން އާދަމް ދެއްވި ވަރުގަދަ ދިފާޢީ ޙަމަލާތަކުގެ ސަބަބުން، ސިފައިންގޭގެ މައި ގޭޓު ތަޅުލައި، އެތެރޭގައި ތިބި ސިފައިން ހަނގުރާމައަށް ތައްޔާރުވުމަށް އަގުހުރި ވަގުތުކޮޅެއް ލިބިގެންދިޔައެވެ. ނަމަވެސް ވަޒަން ހުސްވި ވަގުތު ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަރައި އޭނާ ވަނީ ދިވެހި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންފައެވެ.

ހަމައެއާއެކު، ބަންޑާރަކޮށީގެ އެތެރޭގައި ތިއްބެވި ސިފައިން ވަނީ ދުޝްމަނުންނާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރައްވާފައެވެ. ޚާއްޞަކޮށް ބަޑިގުދަނުގެ ތަޅުދަނޑި ހޯދުމަށް އިބްރާހީމް މުޙައްމަދު ދީދީ އާއި ފަރުޙަތު ޝަހީރު ކުރެއްވި މަސައްކަތާއި، ސިފައިން ބަންޑާރަކޮށިން ބޭރަށް ނުކުމެ ދިން ރައްދު ޙަމަލާތަކުގެ ސަބަބުން ޢަދުއްވުންގެ ރޭވުންތައް ވަނީ ފެއިލްވެގެން ގޮސްފައެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ ސިފައިންގެ ރައްކާތެރިކަމާއެކު އެހެން ގެއަކަށް ބަދަލުވެވަޑައިގެން، ބޭރުގެ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

 

ދުވަހުގެ ޝަހީދުން

މި ނުރައްކާތެރި ޢުދުވާނުގައި ދިވެހި ޤައުމުން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ 11 މީހުންނެވެ.

ޝަހީދުވި ސިފައިންގެ 8 ބޭކަލުން:

  1. ކޯޕްރަލް ޙުސައިން އާދަމް – މާވާގެ / ހދ. ކުޅުދުއްފުށި
  2. ލާންސް ކޯޕްރަލް ކުޑަނެވި ތުއްތު މަނިކު – ހ. ވައްތީނިގެ / ކ. މާލެ
  3. ޕްރައިވެޓް އާދަމް ނަޞީރު – ހ. ޝޭޑީވިލާ / ކ. މާލެ
  4. ޕްރައިވެޓް ކުޑަ އާދަމްގެ ކުޑަތުއްތު – މ. ކައުސްލިޕް / ކ. މާލެ
  5. ޕްރައިވެޓް ޙުސައިން މުޙައްމަދު – މަބުސްތާނުގެ / ބ. ތުޅާދޫ
  6. ޕްރައިވެޓް މުޙައްމަދު އިބްރާހީމް – ބަހާރުގެ / ހއ. މުޅަދޫ
  7. ޕްރައިވެޓް މުޙައްމަދު ޙަސަން – ރަބީޢުގެ / ތ. ދިޔަމިގިލި
  8. ޕްރައިވެޓް ޢަބްދުﷲ ޒުހައިރު – ޝަރީފާ މަންޒިލް / ގދ. ތިނަދޫ

 

ޢަދުއްވުން ފިލަން ދިއުމާއި އެޅުނު ފިޔަވަޅުތައް

ދިވެހި ސިފައިން ދިން ވަރުގަދަ ރައްދު ޙަމަލާތަކުގެ ސަބަބުން، މާލެ ހިފުމަށް ޓެރަރިސްޓުން ކުރި މަސައްކަތް ނާކާމިޔާބުވެ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ ސިފައިންގެ އެހީތެރިކަން (އޮޕަރޭޝަން ކެކްޓަސް) ލިބެން އުޅޭކަމުގެ ޚަބަރު ލިބުމާއެކު، އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލުޠުފީ އާއި ޕްލޯޓް ޖަމާޢަތުގެ މީހުން ފިލަން މަސައްކަތް ކުރިއެވެ. އެމީހުން ފިލަން ދިޔައީ ރާއްޖޭގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ "އެމްވީ ޕްރޮގްރެސްލައިޓް" ހައިޖެކްކޮށް، ދަތުރުވެރިންނާއި ކުރޫއިން ހިމެނޭހެން ގިނަ އަދަދެއްގެ ދިވެހިން ރަހީނުކޮށްގެންނެވެ. ނަމަވެސް، އިންޑިއާގެ އަސްކަރީ މަނަވަރުތަކުން އެ ބޯޓު ކަނޑުމަތިން ހުއްޓުވައި، ރަހީނުން ސަލާމަތްކޮށް، ޓެރަރިސްޓުންނާއި ޚާއިނުން ހައްޔަރުކުރިއެވެ.

މި ޙާދިސާއަށްފަހު ދިވެހި ދައުލަތުން ވަނީ ޤައުމީ ސަލާމަތް ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މި ޢުދުވާނުގައި ޚިޔާނާތްތެރިވި ޢަބްދުﷲ ލުޠުފީ އާއި ސަގަރު އަޙްމަދު ނާޞިރުގެ މައްޗަށް ޝަރީޢަތް ހިންގައި މަރުގެ ޙުކުމް އިއްވި ނަމަވެސް، ފަހުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޙުކުމް އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ލުއިކޮށްދެއްވާފައެވެ. 

އަދި ދިވެހި އަސްކަރިއްޔާގެ ހަތިޔާރާއި ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ސިފައިންގެ ތަމްރީނުތައް ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ސަރަޙައްދީ ރައްކާތެރިކަމާއި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން ވަރުގަދަކުރުމަށް ކޯސްޓްގާޑުގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މީގެއިތުރުން، ޤައުމަށް ޓަކައި ފުރާނައިން ޤުރުބާންވި ޝަހީދުންގެ އަގުވަޒަންކޮށް، އެ ޢާއިލާތަކަށް ޚާއްޞަ ޢިނާޔަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއްވެސް ދައުލަތުން ވަނީ ޤާއިމުކޮށްފައެވެ.

3 ނޮވެންބަރު 1988 އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ދިވެހި ދަރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ ދައްކުވައިދޭ، ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެންނުދާނެ ދުވަހެކެވެ. މިއަދު މި ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ޓަކައި އެންމެހައި ދިވެހިން އެއްބައިވަންތަކަންމަތީ ސާބިތުވެ ތިބުމުގެ މުހިންމުކަން ހަނދާންކުރަންޖެހެއެވެ. 

އަދި ޤައުމުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވެދާނެ ނުރައްކާތަކަށް އަބަދުވެސް ހޭލުންތެރިވެ، ޤައުމީ ސަލާމަތް ވަރުގަދަކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޤައުމީ ވާޖިބެއްކަން ދެނެގަންނަންޖެހެއެވެ. ވުމާއެކު، މިއަދުގެ ޖީލުތަކުން މި ދުވަހުން ޢިބްރަތް ޙާޞިލުކޮށް، ޝަހީދުން ވެވަޑައިގެންނެވި އަގުހުރި ޤުރުބާނީގެ އަގު ވަޒަންކުރަންވާނީ ޤައުމުގެ ޞުލްޙަމަސަލަސްކަމާއި އަމާންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450