ރިޕޯޓް
އިހުތިރާމްގެ ސަގާފަތް އަލުން އާލާކުރުން: ކުދި އަމަލުތަކުން ފަށައިގަނެވޭނެ
އިޙުތިރާމް އަދާކުރުމުގެ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ
މާލޭގެ މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން މަގުގެ މެދަކާހަމައަށް ޓްރެފިކް އޮތީ ހުއްޓިފައެވެ. މަގުގެ ކޮޅުގައި ޓެކްސީއެއް މަޑުކޮށްގެން އޮތެވެ. އޭރު ހިނގައިބިނގާވެ އުޅެން ދަތިވެފައިވާ، އުމުރުން ދުވަސްވީ މީހަކު ޓެކްސީއިން ފޭބުމަށް މަސައްކަތްކުރަނީއެވެ. ނުހަނު ދަތިހާލުގައި މީހެއްގެ އެހީތެރިކަމާއެކު އެމީހާ ޓެކްސީއިން ފޭބުމަށް ކުރަމުންދިޔަ ހިތްދަތި މަސައްކަތަށް އިތުރު ދަތިކަމެއް ނުސީދާގޮތަކަށް ކުރިމަތިވަމުންދިޔައީ، ފަހަތުން އިވެމުންދިޔަ ބަރުގޮންތަކުންނެވެ. ދުއްވާ މީހުން ކެތްތެރިކަމެއްނެތި ފަހަރަކު ވެހިކަލެއް ބަރުގޮނު އަޅަމުންދިޔައެވެ. އަނެއްބަޔަކު އަޑުގަދަކޮށް މަގުން ތަންކޮޅެއް ދެއްކުމަށް ގޮވައެވެ.
މިއީ މިއަދު ވެރިރަށް މާލޭގެ މަގުތަކުން ކޮންމެ ދުވަހަކު ފެންނަ، އެކަމަކު ޤައުމީ ފެންވަރުގައި އުފެދިފައިވާ ބޮޑު އިޖުތިމާއީ މައްސަލައެއްގެ ކުޑަކުޑަ މިސާލެކެވެ.
ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓެނީ ފަތުރުވެރިކަމުގެ ރީތިކަމާއި ބައިނަލްއަޤްވާމީ ފެންވަރުގެ މެޙްމާންދާރީއަށް ކަމަށްވިޔަސް، ފަހަކަށް އައިސް ޤައުމުގެ އެތެރޭގައި މިފަދަ އިޙުތިރާމެއް ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކުރީގަ ދިވެހި މުޖުތަމައުން ފެންނަމުންދިޔަ، އެކަކު އަނެކަކަށް އަޅާލުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި ސިފަ ދަނީ ނެތެމުންނެވެ.
ދިވެހިންނަކީ އެކުވެރިކަމާއި، އަޅާލުމާއި އޯގާތެރިކަމާއެކު އެއްބައިވަންތަކަމާއެކު އުޅެމުންދިޔަ ބައެކެވެ. ނަމަވެސް މިހާރު ދިވެހި މުޖުތަމަޢުން ފެންނަނީ މައިންބަފައިންނާއި، މުދައްރިސުންނާއި، ވެރިންނަށް އޮންނަ އިޙުތިރާމް ނެތެމުންދާތަނެވެ. އެމީހަކު ހިތަށް އެރި އެއްޗެއް ވިސްނުމަކާނުލާ، އަނެކާއާ ދިމާލަށް ބުނެލާ މަންޒަރެވެ. މީހުންނާ ވާހަކަދެއްކުމުގައި އަދަބު އިޙުތިރާމެއް ނޯންނަ ޒަމާނެކެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަނީ "އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު”ގެ ނަމުގައި 5 އަހަރުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. 9 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީއަކުން އިސްކޮށް ހަރަކާތްތެރިވާ މި މަޝްރޫއުގެ ބޭނުމަކީ، މުޖުތަމައުގައި ރޫޅެމުންދާ ފޭރާން މުޅިން ހަލާކުވުމުގެ ކުރިން ސަލާމަތްކުރުމެވެ.
މިމަޝްރޫއުގެ މަސައްކަތް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފެށީ އިސްލާމީ ރީތި އުސޫލުތަކުގެ މަތީގައި އޮތް މިމުޖުތަމައެއް މި ހިސާބަށް ދާން ޖެހުނު ސަބަބާއެކުއެވެ. މީގެ ސަބަބެއްކަމަށް އިޖުތިމާއީ މާހިރުން ދެކެނީ ހަލުވިކަމާއެކު ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލުތަކާއި ޓެކްނޮލޮޖީއަށެވެ. އަދި ސިޔާސީ ވާދަވަރިކަމެވެ.
ރާއްޖޭގެ އާބާދީގެ 85 އިންސައްތައަށްވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރާއިރު، ފޭސްބުކް އަދި އެކްސް ފަދަ ޕްލެޓްފޯމްތައް ވެފައިވަނީ ސިޔާސީ ހަސަދަވެރިކަމާއި ބަދުބަސް ބުނުމުގެ މައިދާނަކަށެވެ. އަނެކުންގެ އަބުރު ކަނޑާލުމާއި، ފާޑުކިޔުމުގެ ނަމުގައި ބޭއަދަބީ ބަސްތައް ބޭނުންކުރުން ވަނީ އާންމުވެފައެވެ. މިހެންވުމުން ކުޑަކުދިން ފެންނަނީ ބޮޑެތި މީހުންގެ މިފަދަ ކޮމެންޓްތަކެވެ. އަޑު އިވެނީ މިފަދަ ބަސްތަކެވެ. ނަތީޖާއަކަށްވަނީ އެކުދިން ނަމޫނާއަކަށް ބަލާ ބޮޑެތި މީހުންނެކޭ އެއްގޮތަށް ކަންކަން ކުރަން ފެށުމެވެ.
ސަރުކާރުގެ މި 5 އަހަރުގެ މަޝްރޫއަކީ އަމަލީ ގޮތުން މުޖުތަމައު ބަދަލުކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މިގޮތުން ދިވެހިވަންތަކަމާއި، އިސްލާމީ އަޚުލާގާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުން މަންހަޖުގައި ހިމެނުމާއި، ޤައުމީ އިޙުތިރާމުގެ ދުވަހުގެ ގޮތުގައި އަހަރަކު އެއްފަހަރު، އަޚުލާގީ ސިފަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ދުވަހެއް ފާހަގަކުރުން ހިމެނެއެވެ.
ޤައުމެއްގެ ތަރައްޤީ ވަޒަންކުރެވޭނީ ހަމައެކަނި ހަދާ ބުރިޖުތަކާއި، އުސް އިމާރާތްތަކާއި، ލަގްޒަރީ ރިސޯޓުތަކުންނެއް ނޫނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ވަސީލަތްތަކާއެކުވެސް، މަގުމަތިންދާ އުމުރުން ދުވަސްވީ މީހާއަށް ގަދަރެއް ނެތްނަމަ، އަދި ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރާއިރު އަދަބެއް ނެތްނަމަ، އެ ތަރައްގީގެ އެއްވެސް އޮށްޓަރެއް ނެތެވެ.
އިހުތިރާމްގެ ސަގާފަތް އަލުން އާލާކުރެވޭނީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުންނޫނެވެ. އެކަން ފެށެނީ އަހަރެމެންގެ ދިރިއުޅުމުގެ ކުދިކުދި އަމަލުތަކުންނެވެ. މަގުމަތިން ދުއްވާފައިދާއިރު ހިނގާ މީހާއަށް އިސްކަންދިނުމުންނެވެ. އަދި ހިނގާފަދާ މީހުން ދުއްވާ މީހުންނަށްވެސް އެއިޙްތިރާމްކުރުމުންނެވެ. މުދައްރިސުންނާއި ބޮޑެތި މީހުންނަށް އިހުތިރާމްކުރުމަށް ދަރިންނަށް ދަސްކޮށްދިނުމުންނެވެ. އަދި ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި ކޮމެންޓެއް ލިޔުމުގެ ކުރިން ވިސްނާލުމުންނެވެ. މީހަކު ވާހަކަ ދައްކަމުންދަނިކޮށް އޭނާގެ ވާހަކަ މެދުކަނޑާނުލާ އަޑުއެހުމުގެ އާދަ ހަރުލައްވަންވީއެވެ. މީހަކު ކަމެއްކޮށްދިނުމުން ޝުކުރުވެރިވާންވީއެވެ. ޚިޔާލު ތަފާތުވުމަކީ ދެބަސްވާންޖެހޭ ކަމެއް ނޫންކަން ހަނދާނުގައި ބަހައްޓަންވީއެވެ.
މިއީ ކުޑަ އެހެނަސް އެކަމުން ކުރާނެ ފައިދާ ބޮޑު ކަންތަކެވެ.
ތިމާއަށް އެހެން މީހުން އިހުތިރާމްކުރަން ބޭނުންވާ ފަދައިން އެއިހްތިރާމް ލިބޭނީ ތިމާވެސް އަނެކާއަށް އިހުތިރާމްކޮށްގެންނެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި