ރިޕޯޓް
ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާގެ ލީޑަރޝިޕްގެ އަގުވަޒަންކުރުން
ޕާކިސްތާނުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހެބާޒް ޝަރީފު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވަނީ. ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ނަން ދުނިޔޭގެ އެކި ބިތުގައި އަންނަނީ އުފުލެމުންނެވެ. ޚާއްސަކޮށް މުސްލިމު ޤައުމުތަކުގެ މެދުގައެވެ.
ޚާރިޖީ ދާއިރާއިންނާއި ސިޔާސީ ގޮތުން ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކާއެކު، ދިވެހި ޤައުމުގެ ޤަދަރާއި ޝަރަފު މިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އައު އުސްމިންތަކަކަށް ވާސިލްވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިވަޑައިގަންނަވާ މަތިވެރި ޝަރަފަކީ، މުޅި ދިވެހި ޤައުމަށް ލިބިގެންދާ ތާރީޚީ ކާމިޔާބީއެކެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން، ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ވަނީ އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައެވެ. އަދި މިދިޔަ އަހަރު މެލޭޝިޔާގެ އައިއެމްޔޫ ޔުނިވަރސިޓީންވެސް ވަނީ، އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް ގެ ދާއިރާއިންވެސް އެމަނިކުފާނަށް ޝަރަފުވެރި ޑޮކްޓަރޭޓް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިޝަރަފު އަރުވާފައިވަނީ، އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، އިސްނެންގެވުމާއި، މުއައްސަސާތައް ތަރައްޤީކުރުމާއި ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަދި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ޝަރަފަކީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި އަމިއްލަ ކާމިޔާބީއެއް ނޫނެވެ. މިއީ މުޅި ދިވެހި ޤައުމަށް ލިބުނު ފަޚުރެކެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި ޝަރަފު ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމުގައި ވީނަމަވެސް، އެމަނިކުފާނު މިޝަރަފު ޚާއްޞަކުރައްވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ.
މިއަދު ދިވެހިރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، މިސަރަޙައްދުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ، ބަސްކިޔޭ ޤައުމަކަށް އަންނަނީ ވަމުންނެވެ.
މި ޝަރަފުތަކަކީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ އަދި ހަމަހަމަ ޚާރިޖީ ސިޔާސަތުގެ ނަތީޖާއެވެ. އަދި މިއީ ރައީސް ޑޮކްޓަރ މުޢިއްޒުގެ ޚިދުމަތްތަކާއި، ޙިކުމަތްތެރި ވެރިކަން، އެހެނިހެން ޤައުމުތަކުން މިއަދު ބަލައިގަންނަކަމުގެ ހެއްކެކެވެ.
ސަރަޙައްދީ މި ބަލައިގަތުމަކީ ޤައުމުގެ ފަޚުރާއި ޝަރަފު އާލާކޮށްދޭ ކަމެކެވެ. އަދި ދިވެހިރާއްޖެއަށް އެހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ގޮތުން ކުރިއަރައި، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގައި ރާއްޖޭގެ މަޞްލަޙަތުތައް ރައްކާތެރިކުރެވޭނެކަން ސާބިތުކޮށްދޭކަމެކެވެ. އަދި ދުނިޔޭގެ ޤައުމުތަކުގެ އިޙްތިރާމާއެކު، ސާބިތުކަމާއެކު ދިވެހިރާއްޖެ ކުރިއަށްދާކަމެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި