ރިޕޯޓް
ސިކުންތުކޮޅެއްގެ ތަފާތުން، ސަލާމަތްވީ ކިރިޔާ!
ޢިމާރާތްކުރުމުގެ މަސައްކަތްކުރިއަށްދަނީ ފޮޓޯ: މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް
ތޮއްޖެހިފައިވާ މަގުތަކުން ދުވާލަކު އެތައް ހާސް މީހުންނެއް ދަތުރުކުރާއިރު މަގުމަތީގެ ރައްކާތެރިކަމާމެދު ޔަޤީންކަމެއް ނޯވެއެވެ. ޚާއްސަކޮށް ކޮންސްޓްރަކްޝަން ސައިޓެއްގެ ކައިރިން ހިނގާފައި ދާއިރު މި ބިރު ބޮޑެވެ. މާލޭގައި އެއްފަހަރާ އެތައްސަތޭކަ އިމާރާތެއް ހަދަމުންދާއިރު ނުބައިކޮށް ބަހައްޓާފަ ހުރި ދަގަނޑެއް، ރަނގަޅަށް ހަރުނުކޮށް ހުރި ފިލައެއް، ނުވަތަ މަތިން ވެއްޓޭ ސިމެންތި ބަސްތާއެއްގެ ސަބަބުން ކޮންމެ ހިނދެއްގައިވެސް ފުރާނައަށް ގެއްލުންވެދާނެކަމުގެ ބިރުއޮވެއެވެ.
މިއީ ތަފާސްހިސާބުތަކުންނާއި ދާދިފަހުން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުން ސާބިތުވާ ހަޤީޤަތެކެވެ. އެގޮތުން، ޗާންދަނީ މަގުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މަގުމެދަށް 50 ކިލޯގެ ބަރު ހިލަބަސްތާއެއް ވެއްޓުނު ހާދިސާއަކީ އިއްޔެ ހިނގި މިފަދަ ހާދިސާއެކެވެ. މިހާދިސާގައި އެވަގުތު ސައިކަލެއްގައި ދިޔަ މީހެއްގެ ގައިގާ ނުޖެހި ސަލާމަތްވިއެވެ. އެހެނަސް ހަމަ ކިރިޔާއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މި ބަސްތާ ވެއްޓިފައިވަނީ މަގުން ދަތުރުކުރި ސައިކަލެއް ހުރަސްކުރިތާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. މިއީ ހަމަ ހަގީގަތުގައިވެސް އާންމުންގެ ފުރާނަ އަތްމައްޗަށްލައިގެން އުޅެންޖެހިފައިވާކަމުގެ ހެއްކެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި އިމާރާތްކުރާ ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކާއި ލިބޭ އަނިޔާތައް އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި 65% އަށް އިތުރުވެފައިވާކަމަށް ދައްކައެވެ.
މިކަމުން ދައްކައިދެނީ ރާއްޖޭގެ އިގްތިސާދުގެ އެއް ތަނބު ކަމަށްވާ ބިނާވެށީގެ ސިނާއަތުގައި، މަސައްކަތްތެރިންނާއި އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ހެދިފައިވާ ޤަވާއިދުތަކަށް އަމަލުކުރުމުގައާއި ތަންފީޒުކުރުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމެވެ.
އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާގައި ހިނގާ އަނިޔާތައް 65% އަށް އިތުރުވުމަކީ ހަމައެކަނި ނަމްބަރުތަކަކަށް އައި ބަދަލެއް ނޫނެވެ. އެއީ ބިނާވެށީގެ ނިޒާމުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާގޮތާއި މެދު ސުވާލު އުފެދޭކަމެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފެންނަނީ އިހުމާލުގެ ސަބަބުން ދިމާވާ ހާދިސާތަކާ ގުޅިގެން ފަރުވާދީފައިވާ މީހުންގެ އަދަދެވެ. އެގޮތުން 2022 އާއި 2025 އާ ދެމެދު އިމާރާތްކުރުމުގެ މަސައްކަތުގައި ލިބުނު އަނިޔާއާއި ގުޅިގެން 458 މީހަކަށް ފަރުވާ ދީފައިވެއެވެ. މިފަދަ އެންމެ ބޮޑު އެއް ހާދިސާއަކީ 2018 ވަނަ އަހަރު ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި 5 އަހަރުގެ ކުޑަކުއްޖަކު މަރުވި ހާދިސާއެވެ.
ދެން އޮތް ސުވާލަކީ މި މައްސަލަ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންދަނީ ކީއްވެ؟
މީގެ ސަބަބެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ލިބޭ ގެއްލުމާއި ގުޅިގެން އެއިހުމާލުވާ ފަރާތަށް ހަރުދަނާ ފިޔަވަޅެއް ނޭޅުމެވެ. އަދި މަސައްކަތްކުރުމުގައި ރައްކާތެރިކަމުގެ ސަލާމަތީ ފިޔަވަޅުތައް ނޭޅުންވެސް ހިމެނެއެވެ.
މިފަދަ ހާދިސާއަކަށް ބަލާލާއިރު މަޖީދީމަގުގައި ހުރި އިމާރާތަކުން ދެ މަސައްކަތްތެރިން ވެއްޓުނު ހާދިސާގައި، ކޮންޓްރެކްޓަރު ޖޫރިމަނާކުރީ އެންމެ 5،000 ރުފިޔާއިންނެވެ. އެތައް މިލިއަން ރުފިޔާއެއްގެ ވިޔަފާރިކުރާ ކުންފުންޏަކަށް 5،000 ރުފިޔާއަކީ އަދަބެއް ނޫނެވެ. އެއީ ހަމައެކަނި ވިޔަފާރީގެ ކުޑަ ޚަރަދެކެވެ. ރަނގަޅު ސޭފްޓީ ނެޓް ދެމުމާއި، ހަރުދަނާ ހާރލީ ހެދުމާއި، ރައްކާތެރިކަމުގެ ސާމާނު ހޯދުމާއި، ސައިޓް ބަލަހައްޓާނެ މީހުން ބޭތިއްބުމަށްވުރެ، މިފަދަ ކުޑަ ޖޫރިމަނާއެއް ދެއްކުން އެމީހުންނަށް މާ އަގުހެޔޮވެފައި ފަސޭހައެވެ.
އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ސައިޓުތަކުގެ ސަލާމަތީ މިންގަނޑުތަކާއި ބެހޭ ޤަވާއިދާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގެ ޤަވާއިދުތައް ކަރުދާހުގައި ބައިވަރު އެބަހުއްޓެވެ. ސައިޓްތައް ހަރުދަނާކޮށް ބަލައި ފާސްނުކުރުމާއި، ނުރައްކާތެރި މަސައްކަތްތައް ނުހުއްޓުވުމާއި، އިހުމާލުވާ ވެރިންނަށް ޖިނާއީ ދައުވާ ނުއުފުލުމަކީ މިކަންކަން އިތުރުވަމުންދާ ސަބަބުތަކެވެ.
މިމައްސަލައަކީ މިއަދު ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށް ވިސްނަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ އޮޕްޝަނެއް ނޫނެވެ. އެއީ މަސައްކަތްކުރުވާ އަދި މަސައްކަތްކުރާ ފަރާތުންވެސް އެންމެ އިސްކަންދޭންވީކަންތަކެވެ. ސަލާމަތީ ފިޔަވަޅުތަކަށް އިހުމާލުވެ ހަދާ އުސް އިމާރާތްތަކަކީ ތަރައްގީގެ ނިޝާނެއް ނޫނެވެ.
މިކަންކަމަށް ބޭނުންވަނީ އެއްވެސް ވަރަކަށް ދޫނުދޭ ސިޔާސަތެކެވެ. ކޮންސްޓްރަކްޝަން ކުންފުންޏަކުން މަސައްކަތްތެރިންގެ ރަައްކާތެރިކަމާ ސަލާމަތީ ފިޔަވަޅު ނާޅާ، ސައިޓް ރައްކާތެރި ނުކުރާނަމަ، އެމީހުންގެ ލައިސަންސް އާއިމެދު ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ. ކޮންޓްރެކްޓަރެއްގެ އިހުމާލުން މީހަކަށް އަނިޔާއެއް ނުވަތަ މަރުގެ ހާދިސާއެއް ހިނގައިފިނަމަ، ހަމައެކަނި ޖޫރިމަނާއަކުން ނިންމާލުމުގެ ބަދަލުގައި، ހަރުކަށި އަދަބާ ކުރިމަތިލާންޖެހެއެވެ. މިއީ އެތައް ބައެއްގެ ފުރާނައާއި ގުޅިފައިވާ މުހިއްމު މައްސަލައެކެވެ.
މި އިތުރުވަމުންދާ ހާދިސާތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫނެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާގައި ފަރުވާކުޑަކޮށް ދޫކޮށްލެވިފައިވާ ބޮޑު މައްސަލައެކެވެ. އިމާރާތްތައް އުހަށް ނެގުމަކީ ގައުމީ ތަރައްގީ ކަމަށް ވިޔަސް، އެ އުސްމިނަށް ވާސިލްވާންޖެހޭނީ މަސައްކަތްތެރިންނާއި މަގުމަތިން ހިނގާ އާންމުންގެ ފުރާނަ ގުރުބާންކޮށްގެނެއް ނޫނެވެ. ކުދިކުދި ޖޫރިމަނާތަކުން ނުވަތަ ހަމައެކަނި ބަޔާންތަކަކުން މިކަން ހުއްޓުވޭކަށް ނެތެވެ. ކަމާބެހޭ ފަރާތްތަކުން ޤަވާއިދުތައް ހަރުދަނާކޮށް، އިހުމާލުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހެއެވެ. ތަރައްގީގެ ނަމުގައި ފުރާނައަށްވުރެ ފައިދާ އިސްކުރުން މިހާރުން މިހާރަށް ހުއްޓާލަންޖެހެއެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި