ވިޔަފާރި / ޚަބަރު

ޑިޖިޓަލް ވިޔަފާރީގެ ލިޔެކިޔުންތައް ގާނޫނާއެއްގޮތަށް ބެލެހެއްޓުމަށް މީރާއިން އިލްތިމާސްކޮށްފި

ޑިޖިޓަލް  ވިޔަފާރީގެ ލިޔެކިޔުންތައް ގާނޫނާއެއްގޮތަށް ބެލެހެއްޓުމަށް މީރާއިން އިލްތިމާސްކޮށްފި

ޑިޖިޓަލް ވިޔަފާރި ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ސެޕްޓެމްބަރު 2025، 01:36

11 ސެޕްޓެމްބަރު 2025، 01:36

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ވަނީ، ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) މެޝިންތައް، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ހުރިކަން ޔަޤީންކުރުމަށް އިލްތިމާސްކޮށްފައެވެ. މި އިލްތިމާސްކޮށްފައިވަނީ، އެ އޮޓޯރިޓީން ކުރާ އޮޑިޓްތަކުގައި، ޤާނޫނީގޮތުން ބެލެހެއްޓުން ލާޒިމުކުރާ މަޢުލޫމާތުތައް ފުރިހަމައަށް ނެތްކަން ފާހަގަވުމާ ގުޅިގެންނެވެ.

މީރާއިން ނެރުނު ސަރކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް ސިސްޓަމްތައް މެދުވެރިކޮށް ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށާއި މިންވަރަށް ނުހުންނަކަމަށް އެ އޮޓޯރިޓީންކުރާ އޮޑިޓްތަކުންވަނީ ހާމަވެފައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27ވަނަ މާއްދާއާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ 14ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުމަކީ، ކޮންމެ ޓެކްސް ދައްކާ ފަރާތަކުންވެސް އެފަރާތުގެ ވިޔަފާރި ހަރަކާތްތަކާ ގުޅޭގޮތުން ފުރިހަމައަށް ރިކޯޑްކޮށް ބަލަހައްޓަންޖެހޭ މައުލޫމާތުތަކެކެވެ. މީގެ އިތުރުން، އެ މަޢުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް، ޓެކްސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުމަކީ، ޤާނޫނުގެ 26ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެއްކަމަށްވެސް މީރާގެ ސަރކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.

މީރާއިން ބާރުއަޅާކަމަކަށް ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި އެހެނިހެން ވެސް ރިކޯޑްތައް އިލެކްޓްރޯނިކް ނުވަތަ ޑިޖިޓަލް ފޯމެޓެއްގައި ބެލެހެއްޓުން ހިމެނެއެވެ. ނަމަވެސް، މިފަދަ ސޮފްޓްވެއަރތަކާއި ވަސީލަތްތައް ފަރުމާކޮށްފައި ހުންނަންވާނީ ޤާނޫނުގެ 27 ވަނަ މާއްދާއާއި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އެންމެހައި މަޢުލޫމާތު އެ މިންވަރަށް ރިކޯޑްކުރެވޭނެ ގޮތަށެވެ. އަދި ވަކި މަޢުލޫމާތަކާ ގުޅޭ ވަކި ރިޕޯޓެއް ބޭނުންވާ ހާލަތެއްގައި އެފަދަ ރިޕޯޓް ޖެނެރޭޓްކުރެވޭނެ ފެންވަރަށް މި ސިސްޓަމްތައް ހުރުން މުހިންމުކަމަށް މީރާއިން ފާހަގަކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ހިމަނާ ކޮންމެ އަދަދަކާ ގުޅޭގޮތުން އެ އަދަދެއްގެ ސައްޙަކަން ކަށަވަރުކުރެވޭނެ މިންވަރަށް ލިޔެކިޔުންތައް ބަލަހައްޓަންޖެހެއެވެ. މިކަމަކީ، ހުށަހަޅާ އަދަދުތަކުގެ ސައްޙަކަން ލިޔެކިޔުމުން ސާބިތުކޮށްދިނުމަށް މަގުފަހިކުރުމެވެ. އެގޮތަށް ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާނަމަ ނުވަތަ އެ މިންވަރަށް ފޯރުވައިނުދެވޭނަމަ، މީރާއިން ކުރާ އޮޑިޓްތަކުގައި ޓެކްސް ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކަކީ ސައްޙަ އަދަދުތަކެއްކަމުގައި ބަލައިނުގަތުމުގެ ފުރުޞަތު އޮންނާނެއެވެ.

ވިޔަފާރިގެ މާލީ ހިސާބުތައް އިލެކްޓްރޯނިކް ނުވަތަ ޑިޖިޓަލްކޮށް ބަލަހައްޓާ ހުރިހާ ފަރާތްތަކުން ވެސް މި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދީ، އެފަރާތތަކުގެ އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް މެޝިންތައް، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ކޮންފިގަރކުރެވިފައި ހުރިކަން ޔަގީންކުރެއްވުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން