ވިޔަފާރި / ޚަބަރު
ގދ. ފިޔޯރީގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ފަށައިފި

ގދ. ފިޔޯރީގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ފެށުން ފޮޓޯ: ޕީއެސްއެމް
ގދ. ފިޔޯރީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތާއެކު ފިޔޯރީގެ ރައްޔިތުންނަށް ބޭންކިންގގެ އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމް.ޑީ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މި ޚިދުމަތް ފެށްޓެވުމުގެ ހަނދާނުގައި ރަށު ކައުންސިލާއި ވަނީ ހަނދާނީ ބޭންކް ކާޑެއް ވެސް ހަވާލުކުރައްވާފައެވެ.
މި އޭޓީއެމް ޤާއިމްކުރެވުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 10 އަތޮޅުތަކެއްގައި މި ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.
ބީއެމްއެލްއިން މި މަޝްރޫޢުގެ ދަށުން ބަހައްޓަމުންދަނީ 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރެވޭ ސެލްފް ސަރވިސް އޭޓީއެމްތަކެވެ. މި އޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިންގގެ އެހެނިހެން ބައެއް ޚިދުމަތްތައް ވެސް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.