ސައިންސް / ދުނިޔެ

ކޮރަޕްޝަނާ ދެކޮޅަށް އަލްބާނިއާއިން ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރުު އައްޔަންކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަލްބާނިއާއިން ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރުު އައްޔަންކޮށްފި

އަލްބޭނިއާގެ އޭއައި މިނިސްޓަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ސެޕްޓެމްބަރު 2025، 08:33

13 ސެޕްޓެމްބަރު 2025، 08:33

ޔޫރަޕުގެ ޤައުމެއް ކަމަށްވާ އަލްބާނިއާ އިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ސާފުކަން ކަށަވަރުކުރުމުގެ މަޤްސަދުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގޭ ސަރުކާރުގެ ވަޒީރަކު، ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް، އައްޔަންކޮށްފިއެވެ. މި އާ މިނިސްޓަރުގެ މަސައްކަތަކީ ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމާއި ބިޑްތައް ބެލެހެއްޓުން ކަމަށް ބޮޑުވަޒީރު އެޑީ ރާމާ ވަނީ އިއުލާން ކުރައްވާފައެވެ. މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ދޮރެއް ބަންދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިއެލާ އަކީ ކާކު؟

ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ރާމާ ވަނީ، އަލްބާނިއާ ބަހުން "އިރު" މި މާނަ ދޭ "ޑިއެލާ" ކިޔާ އޭއައި މިނިސްޓަރު ތަޢާރަފްކޮށްފައެވެ. އޭނާ ވިދާޅުވީ، މި ޓެކްނޮލޮޖީއަށް ބުރަ މިނިސްޓަރު ސަރުކާރުގެ ޕްރޮކިއުމަންޓާއި ބޮޑެތި ބިޑްތައް ސުޕަވައިޒް ކުރާނެ ކަމަށާއި، އަމިއްލަ މަސްލަހަތާއި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަލްގޮރިތަމް ބޭނުންކޮށްގެން ނިންމުންތައް ނިންމާނެ ކަމަށެވެ.

ކޮރަޕްޝަނެއް ނެތް ނިޒާމަކަށް ފިޔަވަޅެއް

ބޮޑުވަޒީރު ރާމާ ވިދާޅުވި ގޮތުގައި، ޑިއެލާ ޑިޒައިންކޮށްފައިވަނީ ދައުލަތުގެ ފައިސާ ބަހާ ގޮތާއި ބިޑްކުރުމުގެ ކަންކަން %100 ސާފުކޮށް، ކޮރަޕްޝަނެއް ނެތް ނިޒާމަކަށް ހެދުމަށެވެ. އޭނާ ދަޢުވާ ކުރެއްވީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ ސަބަބުން ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް ނުވަތަ އަމިއްލަ ކުންފުންޏަކަށް ރިޝްވަތުގެ ނުވަތަ ނާޖާއިޒު ފައިދާއެއް ނުލިބޭނެ ކަމަށެވެ.

ދުނިޔޭގެ ފުރަތަމަ ފަހަރު

މިއީ ސަރުކާރެއްގެ ކެބިނެޓްގައި އޭއައި ބޭނުންކޮށްގެން ހިންގޭ މިނިސްޓަރަކު ހިމަނާފައިވާ ތާރީޚުގެ ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން ޔޫރަޕްގައި އެކަނި ނޫން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވެރިކަންކުރުމުގެ ނިޒާމަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ. މިކަން ކާމިޔާބުވެއްޖެނަމަ، އެހެން ޤައުމުތައް ވެސް މި މޮޑެލް ބަލައިގަތުމަށް މަޖުބޫރުވެދާނެއެވެ.

ބައިނަލްއަޤްވާމީ ރިއެކްޝަންތައް

ޓެކްނޮލޮޖީގެ ތަޙްލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަލްބާނިއާ އިން ވަނީ ވެރިކަންކުރުމުގައި އޭއައިގެ އާ ދުވަސްވަރަކަށް ދޮރު ހުޅުވާލާފައެވެ. މިކަމުގެ ސަބަބުން ސާފުކަން އިތުރުވެ، ނިންމުންތައް އަވަސްވެ، ދައުލަތަށް ކުރާ ހަރަދު ކުޑަވެދާނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން އިންޒާރު ދީފައިވަނީ، އިންސާނީ ނިންމުންތަކުގެ ބަދަލުގައި މެޝިން ލާނިންގ ބޭނުންކުރުމުގެ ސަބަބުން، ރަނގަޅަށް ބެލެހެއްޓިފައި ނުވާނަމަ، ބައެއް ނުރައްކާތައް ކުރިމަތިވެދާނެ ކަމަށެވެ.

އަލްބާނިއާ އިން އޭއައި މިނިސްޓަރަކު ތަޢާރަފްކުރުމުގެ މި ނިންމުމަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެރިކަންކުރުން އިތުރަށް ސާފުކޮށް، ހަރުދަނާކޮށް އަދި ރައްޔިތުންނާ ގާތްކުރެވޭނެ ގޮތެއް ކަމުގައި ވެދާނެއެވެ. ކުރިއަށް އޮތް މަސްތަކުގައި މި ތަޖުރިބާގެ ސަބަބުން އަލްބާނިއާއަށް އެކަނި ނޫން، ދުނިޔޭގެ ސިޔާސަތުތަކަށާއި ވެރިކަމުގެ މޮޑެލްތަކަށް ވެސް މުހިންމު އަސަރުތަކެއް ފޯރުވައިފާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން