ދުނިޔެ
އެހެން ޤައުމުތަކުގެ ފިލްމުތައް ބަލާތީ، އުތުރު ކޮރެއާގައި ގިނަ ބަޔަކަށް މަރުގެ އަދަބު!

އުތުރު ކޮރެއާ ގެ ރައީސް ކިމް ޖޮންގ އުން.

ފަރުދުން
13 ސެޕްޓެމްބަރު 2025، 11:46
13 ސެޕްޓެމްބަރު 2025، 11:46
އެހެން ޤައުމުތަކުން އުފައްދާ ފިލްމުތަކާއި ޝޯވތައް ބެލުމުގެ ސަބަބުން، އުތުރު ކޮރެއާގައި ގިނަ ބަޔަކަށް މަރުގެ އަދަބު ދެމުން އަންނަ ކަމަށް އެކުވެރި ދައުލަތްތަކުން ޝާއިޢުކުރި ރިޕޯޓަކުން ދައްކައިފިއެވެ. ދުނިޔޭގެ އެހެން ޙަޟާރަތްކަކާ އެކަހެރި ކުރެވިފައި އޮންނަ އުތުރު ކޮރެއާގައި، ރައްޔަތުންގެ މައްޗަށް އޮތް މަޖުބޫރީ މަސައްކަތްތައް އިތުރުކޮށް، އެމީހުންގެ މިނިވަންކަން އިތުރަށް ހަނިކޮށްފައިވާ ކަމަށް ވެސް އ.ދ. ގެ ރިޕޯޓުން ދޭހަވެއެވެ. އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ހޯދި ހޯދުންތަކުގައި ވާ ގޮތުން، އުތުރު ކޮރެއާއިން ވަނީ "އެ ޤައުމުގެ ރައްޔަތުންގެ ދިރިއުޅުމުގެ ހުރިހައި ކަމެއް ދަތިކޮށްފަ"އެވެ. "މިއަދުގެ ދުނިޔޭގައި އެއްވެސް އެހެން އާބާދީއެއް އެފަދަ ދަތިކުރުމެއްގެ ތެރޭގައި ދިރިނޫޅޭ" ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މިދިޔަ ދިހަ އަހަރު ދުވަސް ތެރޭގައި އުތުރު ކޮރެއާއިން ސިއްރިއްޔާތުގައި ފިލި 300އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްގެން އެކުލަވާލި މި ރިޕޯޓުގައި ވާ ގޮތުން، އުތުރު ކޮރެއާގައި މަރުގެ އަދަބު ދޭ މިންވަރު މި ފަހަކުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. 2015 ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް، މަރުގެ އަދަބު ދެވޭ އިތުރު 5 ޤާނޫނެއް ތަޢާރަފުކޮށްފައި ވެސް ވެއެވެ. އެގޮތުން، މަރުގެ އަދަބު ދެވޭ ކުށްތަކުގެ ތެރޭގައި، އުތުރު ކޮރެއާ ނޫން ޤައުމުތަކުގެ ފިލްމުތަކާއި، ޑްރާމާތަކާއި، މީޑިޔާ އުފެއްދުންތައް ބެލުން ހިމެނެއެވެ. މި ކަމަކީ އުތުރު ކޮރެއާގެ މީހުން އަސާސީ މަޢުލޫމާތުތަކުން މަޙުރޫމްކޮށްލުމަށް ކިމް ޖޮންގ އުން އެޅުއްވި ފިޔަވަޅެއް ކަމަށް މާހިރުން ދެކިލައްވައެވެ.
އުތުރު ކޮރެއާއިން ފިލައިގެން ގޮސް ތިބި މީހުން އ.ދ. އަށް މަޢުލޫމާތު ދިން ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން، ބޭރުގެ ވީޑިޔޯ އުފެއްފުންތައް ބެލުމުގެ ސަބަބުން ސަރުކާރުން މަރުގެ އަދަބު ދެމުން އަންނަ ފަރާތްތަކުގެ ޢަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި އަދަބު ތަންފީޛު ކުރުމުގައި ޢާންމުންގެ ކުރިމަތީގައި ބަޑިޖަހައިގެން ޤަތުލުކުރާ ކަމަށް އ.ދ.އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިކަމުގެ ބޭނުމަކީ އުތުރު ކޮރެއާ ގެ ޤާނޫނާ ޚިލާފު ކަންކަން ކުރުމާ މެދު އެ ޤައުމުގެ ޢާންމުންނަށް ބިރު ދެއްކުމެވެ.
2023 ވަނަ އަހަރު އުތުރު ކޮރެއާއިން ނުކުތުމުގެ ނަޞީބު ލިބުނު ކަންގ ގްޔޫރީ ބުނި ގޮތުގައި، އެ ޤައުމާ އަވަށްޓެރި ދެކުނު ކޮރެއާގެ ވީޑިޔޯތަކެއް ބެލުމުގެ "ކުށުގައި" އޭނާގެ 3 ރަޙުމަތްތެރީން ޤަތުލުކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއް ރަޙުމަތްތެރިއެއްގެ އަޑުއެހުމުގައި ކަންގ ޙާޟިރުވެ ހުއްޓެވެ. އެ މަންޒަރު ސިފަކޮށްދެމުން ކަންގ ބުންޏެވެ: "އޭނާގެ އަޑުއެހުން އޮތީ ޑްރަގް ބޭނުންކުރާ މީހުންގެ އަޑުއެހުމާ އެކުއެކީގައި. މިދެ ކަންތައް މިހާރު ބަލަނީ އެއްވަރުގެ ދެ ޖަރީމާ ކަމުގައި."
އުތުރު ކޮރެއާގެ އަދުގެ ލީޑަރު، ކިމް ޖޮންގ އުން، 2011 ވަނަ އަހަރު ވެރިކަމަށް އިސްވެވަޑައިގަތުމުން، އެ ޤައުމުގެ ރައްޔަތުންނަށް އައު އުންމީދުތަކެއް ލިބިގެން ދިޔަ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސަބަބަކީ، އުތުރު ކޮރެއާގެ މީހުންނަށް ދިރިއުޅުމުގެ ކަންކަން ދަތި ނުކުރައްވާނޭ ކަމުގައި ކިމް ޖޮންގ އުން ވިދާޅުވިއެވެ. ނަމަވެސް، މި ވަޢުދުފުޅާ ޚިލާފަށް، ކިމް އަށް ވެރިކަން ލިބިވަޑައިގަތީއްސުރެ، އުތުރު ކޮރެއާ ގެ ޙާލަތު އިތުރަށް ގޯސް ވެފައިވާ ކަމަށް އ.ދ.ގެ ރިޕޯޓުން ޘާބިތުކޮށްދެއެވެ. މިގޮތުން، އެ ރިޕޯޓުގައި ސުވާލުކުރެވުނު ހުރިހައި ފަރާތްތަކުން ބުނި ގޮތުގައި، އެ މީހުންނަށް އުތުރު ކޮރެއާގައި އެކަށޭނަ މިންވަރަށް ކާބޯތަކެތި ލިބިފައެއް ނުވެއެވެ. ދުވާލަކު 3 ފަހަރު ކެއުމުގެ ނަޞީބު ލިބުމަކީ ވެސް "ލަގްޒަރީ" އެއް ކަމަށް އެމީހުން ބުންޏެވެ. ޚާއްޞަ ގޮތެއްގައި ކޯވިޑުގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަން އިތުރުވެގެން ދިޔަ ކަމަށް އެފަރާތްތަކުން ފާހަގަކުރިއެވެ. އެ ދުވަސްވަރު އެޤައުމުގައި އެތައް ބަޔަކު ބަނޑަށް ޖެހިގެން މަރުވެފައިވާ ކަމަށް އެފަރާތްތަކުން މަޢުލޫމާތު ދިނެވެ.
"ކިމް ޖޮންގ އުން ގެ ފުރަތަމަ ދުވަސްކޮޅު އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނު. އެކަމު އެ އުންމީދު މާ ގިނަ ދުވަހަކަށް ނޯތް." ޢުމުރުން 17 އަހަރުގައި 2018 ވަނަ އަހަރު އުތުރު ކުރެއާ އިން ނުކުތް އަންހެނަކު ބުންޏެވެ. "މީހުން މުސްތޤިއްލު ގޮތެއްގައި އަމިއްލަ އާމްދަނީ ހޯދުމަށް ސަރުކާރުން މަޑުމަޑުން ހުރަސް އަޅަމުން ދިޔައީ. ދިރިހުރުމަކީ ވެސް ވޭނަކަށް މިހާރު ވަނީ ވެފައި." އޭނާ ބުންޏެވެ.
އ.ދ.އިން ޢާންމު ކުރި އުތުރު ކޮރެއާ އާ ބެހޭ ރިޕޯޓުގައި ވާ ގޮތުން، "މިދިޔަ 10 އަހަރުގެ މުއްދަތުގައި، ރައްޔަތުންގެ މައްޗަށް މުޅީން ކަހަލަ ގޮތަކަށް ސަރުކާރުން ވަނީ ބާރުފޯރުވާފައި. އަމިއްލަ ނިންމުންތައް ފައިޞަލާކުރުމަށް ވެސް އެމީހުން ތިބީ ނުކުޅެދިފައި."
މި ރިޕޯޓުން އިތުރަށް ހޯދި ގޮތުގައި، އުތުރު ކޮރެއާ ގެ ސަރުކާރުން ބޮޑެތި ބުރަ މަސައްކަތްތަކުގައި ޢާންމުން ޝާމިލުކުރުވުން ވެސް މި ފަހަކުން އިތުރުވެފައި ވެއެވެ. ރިކާޒުމަޢުދަނު ކޮނުމާއި، ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި، ފަޤީރު ޢާއިލާތަކުގެ މީހުން ބައިވެރިވުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މިކަމުގެ ސަބަބުން މަސައްކަތެތެރީންނަށް މާލީ މަންފާއެއް ލިބުމުގެ ބަދަލުގައި، އެތައް ގެއްލުންތަކެއް ލިބެމުން ދެއެވެ. މަސައްކަތުގެ ނުރައްކާތެރިކަމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމުވެ، އެތައް ބަޔަކު ނިޔާވަމުން ދެއެވެ. މިކަން ހުއްޓުވުމަށްޓަކައި މަސައްކަތުގެ މާޙައުލު ރައްކާތެރިކުރުމުގެ ބަދަލުގައި، މިފަދަ ކަންކަމުގައި މަރުވުމަކީ "މާތް" ކަމެއް ކަމުގައި އުތުރު ކޮރެއާ ސަރުކާރުން ދައްކުވައެވެ. އެއީ ކިމް ޖޮންގ އުންއަށް ކުރެވޭ "މަތިވެރި ޤުރުބާނެއް" ކަމަށް ސަރުކާރުން ރައްޔަތުންނަށް ވިސްނައިދެއެވެ. ފަހުގެ ތާރީޚެއްގައި މިފަދަ ނުރައްކާތެރި މަސައްކަތްތަކުގައި ޔަތީމުންނާއި ކުޑަކުދީން ވެސް ބޭނުންކުރަން ފަށާފައިވާ ކަމަށް އ.ދ. ގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
ކިމް ޖޮންގ އުންގެ މި ފިރުޢައުނީ ޢަމަލުތަކުގެ މަޤުޞަދަކީ، އުތުރު ކޮރެއާގެ މީހުން ކިމްއަށް ކަލާނގެ ފަދައިން ހިތާ، އެ ޤައުމުގެ އެންމެން ކިމްގެ ފައިތިލަ ދަށުގައި ނިކަމެތިވެފައި ތިބުމެވެ. އުތުރު ކޮރެއާގައި ހިންގަމުން ދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އ.ދ. އާއި ބައިނަލްްއަޤްވާމީ މުއައްސަސާތަކުން އަބަދުމެ ދަނީ ގޮވާލަމުންނެވެ. ނަމަވެސް، އެ ޤައުމުގެ ރަޢިއްޔަތުންގެ ޙާލަތު ދުވަހުން ދުވަހަކަށް ގޯސް ވަމުންދާކަން، ހިތާމައާއެކު ފާހަގަކުރަމެވެ.