ޚަބަރު
އެމަޖެންސީ އަރަބި ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އެމަޖެންސީ އަރަބި-އިސްލާމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް
އެމަޖެންސީ އަރަބި-އިސްލާމިކް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޤަތަރަށް ފުރާވަޑައިގެންފިއެވެ.
15 ސެޕްޓެންބަރު 2025ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި ސަމިޓަކީ، އިސްރާއީލުން މި މަހުގެ 9ވަނަ ދުވަހު ޤަތަރަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. އަދި މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިންމެވުމުން ދޭހަވަނީ، ފަލަސްތީނުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ޤަތަރާއެކު ރާއްޖެއިން ދެމިއޮންނާނެކަން ކަމެވެ.
މީގެ އިތުރުން، މި ކަމުން ދޭހަކޮށްދޭ އަނެއްކަމަކީ، ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރުމުގައި ފަސްނުޖެހޭނެކަން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
ޤަތަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތަކުން ބައިވެރިވާނެއެވެ. މި ޖަމްޢިއްޔާއަކީ މުސްލިމް އުއްމަތުގެ ދިފާއުގައި މަސައްކަތްކުރާ ސަރަޙައްދީ ޕްލެޓްފޯމެކެވެ.
އިސްރާއީލުން ޤަތަރަށް ދިން ހަމަލާގައި ހަމާސްގެ 5 މެންބަރުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ޙަމާސްގެ އިސް ތަރުޖަމާނު، ޚަލީލް އަލް-ހައްޔާގެ ދަރިކަލުންވެސް ހިމެނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނީ، ޓެރަރިސްޓުންނަށް ހިޔާވަހިކަން ދޭ ހުރިހާ ޤައުމުތަކަށް ހަމަލާދޭނެ ކަމަށެވެ.
ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވަނީ އިސްރާއީލުގެ މި ހަމަލާއަކީ "ޓެރަރިޒަމް" ގެ ޢަމަލެއްކަމަށް ވިދާޅުވެފައެވެ. އަދި މި ހަމަލާއަށް ސަރަޙައްދުން ޖަވާބުދާރީވާނެކަމަށާއި، މުޅި ޚަލީޖު ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާކަމަށް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.