ކުޅިވަރު
ރެކޯޑެއް ހެދި ޕެންލަޓީއަކާއެކު، ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބުކުރި ހަމައެކަނި ކްލަބަކަށް ލިވަޕޫލް

ބާރންލޭއާ ދެކޮޅަށް ސަލާހްގެ ޕެނަލްޓީ ފޮނުވާލަނީ، ފޮޓޯ: ރޮއިޓާސް
ކްލަބުގެ ރެކޯޑެއް ހެދި ޕެންލަޓީއަކާއެކު، އިނގިރޭސި ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަކަށް ލިވަޕޫލް ވެއްޖެއެވެ.
މި ސީޒަންގައި މިހާތަނަށް ލިވަޕޫލުން ކުޅުނު ހަތަރު މެޗުގައި އެ ޓީމުން މޮޅުވެފައި ވަނީ ފަހު ވަގުތު ކާމިޔާބުކުރި ގޯލުތަކަކުންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ފުރަތަމަ މެޗުގެ 88ވަނަ މިނެޓުގައި ފެޑެރިކޯ ކިއޭސާ ކާމިޔާބުކުރި ގޯލުން، 4-2އިން އޭއެފްސީ ބޯނެމައުތު ބަލިކުރި މެޗުގައި އެ ޓީމަށް އަނބުރާ ލީޑު ލިބުނުއިރު، ދެވަނަ މެޗުގައި ނިއުކާސްލް ބަލިކުރީ އިތުރު ވަގުތުގެ 10ވަނަ މިނެޓުގައި ރިއޯ ގުމޯހާ ކާމިޔާބުކުރި ގޯލުންނެވެ.
އެއަށްފަހު އާސެނަލްއާ ބައްދަލުކުރި މެޗުގެ 83ވަނަ މިނެޓުގައި ޑޮމިނިކް ސޯބޯޒްލައިގެ ހިލޭ ޖެހުމަކުން އެ ޓީމު ބަލިކުރުމަށްފަހު، އެންމެ ފަހުން ރޭގައި ބާރންލޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދީ މެޗުގެ އިތުރު ވަގުތު މުޙައްމަދު ޞަލާޙް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.
4 - Liverpool are the first side in Premier League history to win four consecutive games thanks to winning goals scored in the final 10 minutes or later. Spirit. pic.twitter.com/g6iJl76um9
— OptaJoe (@OptaJoe) September 14, 2025
ލިވަޕޫލްއަކީ ޕްރިމިއަރ ލީގުގައި 90ވަނަ މިނެޓު ނުވަތަ އޭގެ ފަހުން މޮޅުވާ ގޯލު ކާމިޔާބު ކުރުމުގެ ރެކޯޑު އޮތް ކްލަބު ވެސް މެއެވެ. އެގޮތުން 47 މެޗުގައި 90ވަނަ މިނެޓު ނުވަތަ އޭގެ ފަހުން މޮޅުވާ ގޯލު ކާމިޔާބުކޮށްފައިވާ ލިވަޕޫލްއާ ޖެހިގެން މި ލިސްޓުގައި ދެން އޮތީ 34 ގޯލާއެކު އާސެނަލްއެވެ. އަދި ތިންވަނައިގައި 33 ގޯލާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.
ރޭ ބާރންލޭއާ ދެކޮޅަށް ލިވަޕޫލުން ކާމިޔާބުކުރި ގޯލަކީ މި ގޮތަށް ސަލާޙް ކާމިޔާބުކުރި ފުރަތަމަ ގޯލު ނަމަވެސް، އޭނާ ވަނީ އެ ކްލަބުން އެންމެ ފަހުން ފަހު ވަގުތު ޖެހި 5 ގޯލަށް އެސިސްޓުކޮށްދީފައެވެ.
މީގެއިތުރުން ލީގުގައި މިހާތަނަށް ކާމިޔާބުކުރި 188 ގޯލާއެކު، ސަލާޙް މިވަނީ އިނގިރޭސި ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ކުޅުންތެރިންގެ ލިސްޓުން، މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑު، އެންޑްރޫ ކޯލް ފަހަތަށް ޖައްސާލުމަށްފަހު 4ވަނައަށް އަރާފައެވެ. އެހެންކަމުން އޭނާއަށް ވުރެ ލީގުގައި ދެން އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައި ވަނީ ވޭން ރޫނީ، ހެރީ ކޭން އަދި އެލަން ޝިއެރާއެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތް ރޫނީއާ ހަމަކުރުމަށް، ސަލާޙްއަށް އަދި 20 ގޯލު ބޭނުންވާނެއެވެ.
ހަމަމިއާއެކު، ލިވަޕޫލްގައި އެންމެ ގިނައިން ޕެނަލްޓީ ސްޕޮޓުން މިހާތަނަށް ގޯލު ކާމިޔާބުކުރި ކުޅުންތެރިއަކީ ވެސް ސަލާޙްއެވެ. އޭނާ މިހާތަނަށް 35 ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު، މި ރެކޯޑު ކުރިން އޮތް ބިލީ ލިޑެލް ކާމިޔާބުކޮށްފައި ވަނީ 34 ޕެނަލްޓީއެވެ.