ކުޅިވަރު
އެންމެ ފަހުން ފުޓުބޯޅަ ސީޒަން ފަށައިފި، ޗެރިޓީ ޝީލްޑް މާޒިޔާއަށް!

މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލުން---
ރާއްޖޭގައި ޕްރޮފެޝަނަލް ލެވެލްގައި ވާދަވެރި ފުޓުބޯޅަ ނުކުޅޭތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމަށްފަހު، ރޭ އެންމެ ފަހުން ފުޓުބޯޅަ ސީޒަން ފަށައިފިއެވެ.
ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރީ ދިވެހި ލީގު އެންމެ ފަހުން ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްއެވެ. މި މެޗު 2-0އިން ކާމިޔާބުކޮށް، ހަވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލީ މާޒިޔާއެވެ.
މާޒިޔާއިން ވަނީ 2015އިން ފެށިގެން ޖެހިޖެހިގެން 3 ސީޒަންގައި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އަދި އޭގެފަހުން 2021 އަދި 2023ގައި ވެސް އެ ޓީމުން ވަނީ މި ޝީލްޑް ކާމިޔާބުކޮށްފައެވެ.
އީގަލްސްއިން ވެސް މީގެ ކުރިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައި ވެއެވެ. 2020ވަނަ އަހަރު އެ ޓީމުން، ސީޒަން ފެށުމުގެ ގޮތުން ކުޅޭ މެޗު ކާމިޔާބުކުރީ 3-2އިން މާޒިޔާ ބަލިކުރުމަށްފަހުއެވެ.
މާޒިޔާއިން ރޭގެ މެޗަށް ނިކުތީ، އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން، ސަމޫޙު ޢަލީ (ސަމުއްޓެ) ނުލައެވެ.
މާޒިޔާއިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. އެ ޓީމުގެ އަޙުމަދު އައިހަމް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަދެފައި ވަނީ، އީގަލްސް ކުޅުންތެރިއެއްގެ ގައިގަ ޖެހުމަށްފަހު، ބޯޅައިގެ އަމާޒު ބަދަލުވެ ކީޕަރަށް ހަރަކާތް ނުކުރެވުމުންނެވެ.
މާޒިޔާއިން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 66ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ނާއިޒު ޙަސަން (ދާދު)އެވެ. މި ގޯލަށް އެސިސްޓުކޮށްދިނީ އެ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އައިހަމްއެވެ.
މިއީ 2023ވަނަ އަހަރުގެ ޑިސެންބަރުގެ ފަހުން އީގަލްސްއިން ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މާޒިޔާއިން ވަނީ އޭއެފްސީ ކޮލިފައިން މެޗުތަކުގެ އިތުރުން، އެފްއޭއެމްއިން ބޭއްވި ލީގު ކަޕުގައި ވާދަކޮށް، އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމާ ގުޅިގެން ފައިސާގެ އިނާމުގެ ގޮތުގައި މާޒިޔާއަށް ލިބުނު 100،000 ރުފިޔާގެ ތެރެއިން ވަކި ޕަސެންޓެއް ބީވިޒަމް (ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) އަށް ހަދިޔާ ކުރުމަށް އެ ކްލަބުން ވަނީ ނިންމާފައެވެ.
މި އަންނަ ބުރާސްފަތި ދުވަހުގެރޭ ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ވެސް ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސްއެވެ.