ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ ނައިބު ރައީސް--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ޝަފީޤް ޢައްޔަންކުރުމަށް ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ އިއްޔެއެވެ. ހަމަ އެހެންމެ، އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމަށް ޝަފީގް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ މަޤާމަށް ޝަފީގް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މުހައްމަދު ޝަފީގު މަހުމޫދަކީ، މީގެ ކުރިން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯގެ މަގާމާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، އައިޖީއެމްއެޗްގެ ޑިޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ހަމަ އެއާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ޝަފީގު ފުރުއްވާފައިވެއެވެ.
މުޙައްމަދު ޝަފީޤް މަޙްމޫދު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ، 'ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު' ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.