ޚަބަރު
ކަންކަމުގެ ދެ ކޮޅު ބަލައި، ރަނގަޅަށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ: ވަޒީރު އާދަމް ޝަރީފް

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު.

ފަރުދުން
17 ސެޕްޓެމްބަރު 2025، 02:57
17 ސެޕްޓެމްބަރު 2025، 02:57
ޢިލްމީ ނަޡަރަކުން ކަންކަމުގެ ދެ ކޮޅު ހޯދައި ބަލައި، ތަޙުލީލުކޮށް، ކަން އޮތް ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާ މި އަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމީ ތަރައްޤީއާއި، ޤައުމުގެ އިޤުތިޞާދީ ޙާލަތާއި، ޤައުމުގެ އިޖުތިމާޢީ މައްސަލަތަކާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމާއި، ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުންނާއި މުޅި ޤައުމުގެ ޙާލަތު ބަދަލުކުރުމާ މެދު ޢިލްމީ ނަޡަރަކުން ވިސްނާ، ފިކުރު ހިންގައި، ޤައުމުގެ ޙާލަތު ބަދަލުކުރުމުގައި ބިނާކުރަނިވި މަސައްކަތްތަކެއް މި ވަނީ ކުރަންޖެހިފައި.
ވަޒީރު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވާ ވަޒީރު މި އަދު ދެއްކެވި ވާހަކަފުޅުގައި، އުނގެނުމުގެ ޙަޤީޤީ މާނައަކީ އުޅުމަށް ބަދަލު އައުން ކަމަށާއި، ކަންކަމުގައި ދެކޭ ގޮތާއި، އަގުކުރާ ގޮތް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ތަޢުލީމު ޙާޞިލުކުރުމުން އޭގެ ހެޔޮ ބަދަލު ފެންނަން ޖެހޭނެ ކަމަށް މެ ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ލިބިފައިވާ ޢިލްމުން ޢަމަލު ނުކުރާ މީހާގެ މިޘާލަކީ މޭވާ ނާޅާ ގަހެއްގެ މިޘާލު ކަމަށެވެ.
މިއަދު ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންނަށް ވަޒީރު އިލްތިމާސްކުރެއްވީ، ލިބުނު ޢިލްމުގެ އަލީގައި ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމަށެވެ. ދުނިޔެ އާރާސްތުކުރުމަށެވެ. މުޖުތަމަޢުގެ އުފާ ފާގަތިކަމާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުމަށެވެ. ޖެހޭ ވަޔާއި، ދަމާ އޮއިވަރާއި، ފެންނަ މަންޡަރުތަކަށް ފިކުރު ހިންގައި، ވިސްނުމާއި ބުއްދީގެ ބޭނުންކޮށް، ޤައުމުގެ ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށެވެ.