Ads by Stelco

ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާ ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީޚީ ވޯޓެއް: ރައީސް

އައްޑޫ ސިޓީގެ އިދާރީ ދާއިރާ ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީޚީ ވޯޓެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޕޮޑްކާސްޓުގައި ވާހަކަފުޅު ދެއްކެވުން |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 04:47

17 ސެޕްޓެމްބަރު 2025، 04:47

އައްޑޫ ސިޓީގެ އިދާރީ ދާއިރާ ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީޚީ ވޯޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށެވެ. އަދި އެކަމުގައި ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށާއި، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބިލް ފާސްވެ، ޤާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އޮކްޓޫބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް" ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.

މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން