Ads by Stelco

ޚަބަރު

ޖުޑިޝަރީއަށް އެއްވެސް ނުފޫޛެއް ފޯރުވާފައި ނޯންނާނެ، މަސައްކަތް މި ކުރަނީ ޖުޑިޝަރީ މިނިވަން ކުރަން: ރައީސް

ޖުޑިޝަރީއަށް އެއްވެސް ނުފޫޛެއް ފޯރުވާފައި ނޯންނާނެ، މަސައްކަތް މި ކުރަނީ ޖުޑިޝަރީ މިނިވަން ކުރަން: ރައީސް

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް.

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2025، 04:48

17 ސެޕްޓެމްބަރު 2025، 04:48

ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޡާމަށް، ނުވަތަ ޖުޑިޝަރީއަށް، އަދުގެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް، އަދި އެއްވެސް އިދާރާއަކުން ވެސް، އެއްވެސް މިންވަރަކަށް ނުފޫޛު ފޯރުވާފައި ނޯންނާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ޖުޑިޝަރީގެ މިނިވަންކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ވީހައި ވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް، ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ 9ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޢަދުލު އިންޞާފުގެ ނިޡާމަކީ މިނިވަންކަމާއި އިސްތިޤުލާލާ އެކު އޮންނަން ޖެހޭ ބާރެއް ކަމަށެވެ.

ރައްޖޭގެ ވެރިކަމާ ރައީސް ޙަވާލުވެވަޑައިގަތް ޙިސާބުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވިދާޅުވި ބަސްފުޅުތަކުގެ ތެރޭގައި، ޖުޑިޝަރީއަށް ސަރުކާރުން ނުފޫޛު ފޯރުއްވުން ނިމުމަކަށް ގެނެސްދެއްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ހިމެނެއެވެ. ރައީސް މިއަދުގެ ޕޮޑްކާސްޓް އެޕިސޯޑްގައި ވިދާޅުވީ، ދައުރުގެ މިހައި ޙިސާބަށް ވަޑައިގެން ހުންނެވި އިރު، ޖުޑިޝަރީއަށް އެއްވެސް ނުފޫޛެއް ފޯރުއްވާފައި ނޯންނާނެ ކަމަށެވެ. ޖުޑިޝަރީން ނިންމާ ނިންމުންތަކުގައި ވަކި ގޮތަކަށް ޙުކުމް ކުރުމަށް ނުވަތަ ނުކުރުމަށް އަންގަވާފައި ނުވާނެ ކަމަށާއި، އެ ކަންކަން ބައްލަވައިފައި ވެސް ނުވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖުޑިޝަރީ މިނިވަން ބާރެއްގެ ގޮތުގައި ދަމަހައްޓަވައި، އެ ބާރަށް އޮތް އިސްތިޤުލާލު އިތުރުކުރެއްވުމަކީ އެ މަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. މި ގޮތުން، މާލީ ޚަރަދުތަކުގައި ޖުޑިޝަރީން ސަރުކާރަށް ބަރޯސާވާ މިންވަރު ބޮޑު ތަނުން ކުޑަކުރުމަށް ކަނޑައެޅިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ތަޞައްވުރާ އެއްގޮތަށް، އަންނަ އަހަރުން ފެށިގެން، ދައުލަތުގެ މާލުން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ޖުޑިޝަރީގެ ޚާއްޞަ އެކައުންޓަކަށް ދެއްވާނެ ކަމަށާއި، ފާއިތުވި އެއްވެސް ސަރުކާރަކުން ނުދއްވާ ވަރުގެ ބޮޑު ޢަދަދެއް ޖުޑިޝަރީއަށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުން، 600 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން މީގެ ކުރީން ޖުޑިޝަރީއަށް ދީފައި ނުވެއެވެ. ނަމަވެސް، އެއަށް ވުރެ ބޮޑު ޢަދަދެއް އަދުގެ ސަރުކާރުން ޖުޑިޝަރީއަށް ދެއްވާ، މުސްތަޤިއްލު ގޮތެއްގައި ޚަރަދުބަރަދު ހިންގުމުގެ މިނިވަންކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، ޖުޑިޝަރީ ނިޡާމު ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސުޕީރިއަރ ކޯޓެއް ބިނާކުރުން ހިމެނޭ ކަމަށެވެ. މި ގޮތުން، އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައިވާ ގޮތުގެ މަތީން، މި އަހަރުގެ ނިޔަލަށް ހުޅުމާލޭގައި ސުޕީރިއަރ ކޯޓުގެ މަސައްކަތް ފެށިގެންދާނެއެވެ. ކުރިއަށް އޮތް ދެ މަހެއްހައި ދުވަސް ތެރޭގައި އެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސުޕީރިއަރ ކޯޓު ބިނާކުރުމުގެ މަސައްކަތަކީ ނިމި ދިޔަ ސަރުކާރުތަކުގައި ވެސް ހިންގާނެ ކަމަށް ބުނި މަޝްރޫޢެކެވެ. ނަމަވެސް، އަދާ ހަމައަށް އެ މަސައްކަތަށް ފެށުމެއް އައިސްފައެއް ނުވެއެވެ.

ޖުޑިޝަރީ ނިޡާމަކީ ޤައުމުގެ ރައްޔިތުން ޢަދުލު އިންޞާފު ލިބިގަތުމުގެ ވަސީލަތް ކަމަށް ވާ އިރު، އެ ނިޡާމު ކޮރަޕްޝަނާއި ފަސާދައިން ދުރުކޮށް، މިނިވަން ބާރެއްގެ ގޮތުގައި ދެމެހެއްޓުމަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގެ އަސާސެވެ. ވީމާ، ޢަދުލު އިންޞާފުގެ ނިޡާމުގެ މިނިވަންކަން ނަގަހައްޓާ، އެ ނިޡާމުގެ މިނިވަންކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ޙާޞިލުކުރައްވަން މަސައްކަތް ކުރައްވާ މަޤުޞޫދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން