ކުޅިވަރު
ވެލެންސިއާއަށް ގެނައި ނައިޖީރިއާގެ ދެ ކުޅުންތެރިން ޓްރަޔަލްއިން ފާސްނުވުމުން ފިލައިފި

ގަލޮޅު ރަސްމީ ދަނޑު، ފޮޓޯ: ޕީއެސްއެމް
ދިވެހި ޕްރިމިއަރ ލީގުގައި ވާދަވެރި ކުޅުމެއް ދެއްކުމަށް ތައްޔާރުވަމުން އަންނަ ކްލަބް ވެލެންސިއާއަށް ގެނައި ނައިޖީރިއާގެ ދެ ކުޅުންތެރިން ޓްރަޔަލްއިން ފާސްނުވުމުން ފިލައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅުގައި ވެލެންސިއާއިން ދެ މިލިއަނެއްހާ ރުފިޔާގެ ދަރަންޏެއް ދައްކަން ޖެހުމުން، އެ ކްލަބުން ނިންމީ ޚަރަދުތައް ކޮންޓްރޯލްކޮށް ދެކޮޅުޖެހޭ ގޮތަށް ޓީމު އެކުލަވާލުމަށެވެ. އެގޮތުން ޒުވާން ކުޅުންތެރިންކޮޅަކާއި، ޓީމަށް ތަފާތެއް ގެނެވޭވަރުގެ ހަތަރު ބިދޭސީ ކުޅުންތެރިން ގެނައުމަށް ނިންމިއެވެ. ނައިޖީރިއާގެ ދެ ކުޅުންތެރިންނަކީ މިގޮތުން އަޖުމަ ބެލުމަށް ގެނައި ދެ ކުޅުންތެރިންނެވެ.
އެ ކްލަބުން ހާމަކޮށްފައިވާ ގޮތުގައި، ނައިޖީރިއާ ކުޅުންތެރިން ރާއްޖެ އައީ އެ ކުޅުންތެރިންގެ އަމިއްލަ ޚަރަދުގައި، ޓީމަށް ކުޅެވޭނެ ފެންވަރު ސާބިތުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް، ޓީމުން ބޭނުންވާ ލެވެލް އެ ކުޅުންތެރިންނަށް ސާބިތުކޮށްނުދެވުނު ކަމަށް ވެލެންސިއާއިން ވަނީ ހާމަކޮށްފައެވެ.
ކަން މިހެން ހިނގި ނަމަވެސް، އެ ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް 150،000 އެއްހާ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން "އަދަދު ސްޕޯޓްސް"އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
އަދި ކުޅުންތެރިން ކަމުނުދިއުމުން، ޓިކެޓު ހަމަޖެއްސުމަށްފަހު ފުރަން އޮތް ދުވަހު އެއާރޕޯޓަށް ގެންދިއުމަށް އެޕާޓްމެންޓު ބެލިއިރު އެތާ ނެތްކަމަށާއި، ކުޅުންތެރިންނަށް ގުޅުމުން އެއާރޕޯޓުގައި ތިބިކަމަށް ބުނުމަށްފަހު ވެސް ފުރާފައި ނުވާކަން ވެލެންސިއާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، ވެލެންސިއާއިން ވަނީ މި މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.
ފިލައިގެން އުޅޭ ނައިޖީރިއާގެ ދެ ކުޅުންތެރިންގެ ތެރެއިން އެކަކު، ދުވާފަރު ބޯޓުގެ ފަޅުވެރިއަކަށް ހުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވިއެވެ.