ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ފ. ބިލެތްދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ފ. ބިލެތްދުއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 02:43
20 ސެޕްޓެމްބަރު 2025، 02:43
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ 2 ވަނަ އަތޮޅެއްގެ ގޮތުން ވަޑައިގެންނެވީ ފ. އަތޮޅަށެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ފ. ބިލެތްދުއަށް ވަޑައިގެންނެވުމުން، އެ ރަށުން އެ މަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.
ބިލެތްދޫއަކީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ޖުމުލަ 6ވަނަ ރަށެވެ.
ބިލެތްދުއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން، އެ ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބިލެތްދޫގައި ބީ.އެމް.އެލް. އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކުރުމާއި، އެ ރަށުގައި އަލަށް ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގައު އެޅުމާއި، ބިލެތްދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގައު އެޅުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުން ހިމެނެއެވެ. ހަމަ އެހެންމެ، ބިލެތްދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގައު ވެސް، މި ދަތުރުފުޅުގެ ތެރެއިން އެޅިގެން ދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވެސް، ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ ބައިވެރިވެވަޑައިގަންނަވައެވެ.