ޚަބަރު
އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި
އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރެއްވުން- ފޮޓޯ: ރައިސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެގޮތުން، ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ އާއިޝަތު ޢަޒީމާއެވެ. އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.
ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް ޢައްޔަން ކުރެއްވި އާއިޝަތު އަޒީމާއަކީ، 2019 އިން 2023 އަށް ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ.
އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވި އަލްފާޟިލް އަޙްމަދު ސަރީރަކީ ކުރީގެ ފޮރިން ސެކްރެޓަރީގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މިހާތަނަށް ސަރީރު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ.
މި ދެބޭފުޅުންނަކީވެސް ގުޅުންހުރި ދާއިރާ ތަކުގެ ތަޖުރިބާ ލިބިވަޑައިގެން، މަތީ ތަޢުލީމު ޙާޞިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ.