ޚަބަރު
ބުރުނީގައި ބޯހިޔާވަހިކަމުގެ މައްސަލަ އެބައޮތް، ޙައްލު ކޮށްދިނުމަށް މަސައްކަތްކޮށްދޭނަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޢިއްޒު ތ.ބުރުނީ ރައްޔިތުންނާއި ބައްދަލުުރެއްވެވުން
ކޮޅުމަޑުލު ބުރުނީގައި ބޯހިޔާވަހިކަމުގެ މައްސަލަ އެބައޮތްކަމަށާއި އެމައްސަލަ ޙައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބުރުނީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބުރުނީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 30 ހައުސިންގ ޔުނިޓް އިމާރާތްކުރާނެކަމަށެވެ.
ބުރުނީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ހައުސިންގ ޔުނިޓްތައް އަޅާނެ ސަރަހައްދެއް ކަނޑައެޅުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވާނެ ކަމަށެވެ. އެގޮތުން އަމިއްލަ ގޯތިތަކުގައި ނުވަތަ ރަށުގެ ވަކި ސަރަހައްދެއްގައި މި ޔުނިޓްތައް އެޅުމުގެ ފުރުސަތު އޮތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށު ކައުންސިލުން އެދިފައިވާ ބަދަލުތަކާއެކު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ފަރުމަސް ބޭނުމަށް ޖެޓީއެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބުރުނީގެ އިޖްތިމާޢީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށާއި، ސްކޫލް އޭސީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ޗައިނާގެ ހިލޭ އެހީ ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހެލްތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ވޮލީކޯޓުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ ކަމަށާއި، ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.