ދުނިޔެ

މި އަހަރުގެ އެންމެ ވަރުގަދަ ޠޫފާނު "ރަގާސާ": މުޅި ހޮންގކޮންގ އެކަށް ހުއްޓުމަކަށް!

މި އަހަރުގެ އެންމެ ވަރުގަދަ ޠޫފާނު "ރަގާސާ": މުޅި ހޮންގކޮންގ އެކަށް ހުއްޓުމަކަށް!

"ރަގާސާ" ޠޫފާނު.

farudhun logo

ފަރުދުން

23 ސެޕްޓެމްބަރު 2025، 04:20

23 ސެޕްޓެމްބަރު 2025، 04:20

މި އަހަރުގެ އަދާ ހަމައަށް ދުނިޔެ ދެކެފައިވާ އެންމެ ވަރުގަދަ ޠޫފާނު ކަމުގައިވާ "ރަގާސާ" ފިލިޕީންސް ތަޅައިލުމަށް ފަހުގައި، ހޮންކޮންގއާއި ދެކުނު ޗައިނާއާ ދިމާއަށް ދަތުރުކުރަން ފަށައިފިއެވެ. ފިލިޕީންސުން ފޭބުމަށް ފެހު، ޗައިނާ ދެކުނު ކަނޑުން ވާގި ލިބި، އެ ޠޫފާނު މިހާރު ވަނީ ލެވެލް 5 ގެ "ސުޕަރ ޓައިފޫން"އަކަށް ބަދަލުވެފައެވެ. ޠޫފާނުގެ ވައިގެ ބާރުމިން މިހާރު ގަޑިއަކު 220،000 (ދެ ލައްކަ ވިހި ހާސް) މީޓަރަށް އަރާފައިވާ ކަމަށް ލަފާކުރެވެއެވެ. އެއީ ކިލޯމީޓަރުން ބަލާ ނަމަ، ގަޑިއަކު 220 ކިލޯމީޓަރެވެ.

ޗައިނާގެ ހޮންގކޮންގއަށް ވާޞިލުވުމަށް އަދު ރަގާސާ ނުހަނު ގާތްވެފައިވާ ދަނޑިވަޅުގައި، ރަގާސާގެ ނުރައްކަލުން ސަލާމަތްވުމަށް އެ ޤައުމުން ވަނީ ދުރާލައި ފިޔަވަޅު އަޅަން ފަށައިފައެވެ. އެ ގޮތުން، ޠޫފާނުގެ ސަބަބުން ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޛާރު ކަމަށްވާ ޓީ-10 ދަރަޖައިގެ އިންޛާރު، ހޮންގކޮންގ ސަރަޙައްދަށް އަދު ހެނދުނު ވަނީ ނެރެފައެވެ. މި އިންޛާރުގެ ދަށުން، ހޮންގކޮންގގައި ހުންނަ ހުރިހައި މަދަރުސާތަކާއި، ވިޔަފާރިތަކާއި، ދަތުރުފަތުރުގެ ނިޡާމާއި، ބައިނަލްއަޤްވާމީ ވައިގެބަނދަރާއި، މި އެންމެހައި ތަންތަން ބަންދުކުރުމަށް ޗައިނާ ސަރުކާރުން ވަނީ އަންގާފައެވެ. ވައިގެބަނދަރު ބަންދުކުރުމާ ގުޅިގެން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަން ޖެހިފައިވާ ކަން ފާހަގަކުރެވެއެވެ. މިއާ އެކު، ހުރިހައި ރައްޔިތުން ގޭގައި ތިބުމަށް ހޮންގކޮންގގެ ކަމާ ބެހޭ ފަރާތްތަކުން ބާރުއަޅުއްވައެވެ. ޠޫފާނުގެ ނުރައްކަލުން ސަލާމަތްވުމަށް މުޅި ހޮންގކޮންގ އެކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރަގާސާ ޠޫފާނު ހޮންގކޮންގ ތެރެއަށް ރަނގަޅަށް ވަދެފައި ނުވާތީ، އެ ޠޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަދި ރިޕޯޓުކޮށްފައެއް ނެތެވެ. ނަމަވެސް، މި ކަމުން ލިބިދާނެ ޢުމްރާނީ ގެއްލުންތައް އެކަނި ވެސް، އެތައް މިލިޔަން ޑޮލަރުން ފޫ ނުބެއްދޭނެ ކަމަށް މާހިރުން ވަނީ އަންދާޒާ ކުރައްވާފައެވެ. މި ޠޫފާނުގެ ސަބަބުން ލިބިދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް، ހޮންގކޮންގގައި މިހާރު 200އަށް ވުރެ ގިނަ ރެސްކިޔު ޓީމުތައް ތައްޔާރީގައި އެބަ ތިއްބެވެ. އަދި ހޮންގކޮންގގެ ނާޒުކު ސަރަޙައްދުތަކަށް، ފެންބޮޑުވުމުން ރައްކައުތެރިވުމަށް ވެލި ބަސްތާތައް ވަނީ ފޯރުކޮށްދީފައެވެ. 

ހޮންގކޮންގ ގަޑިން މިހާރު އިރުއޮއްސި 7 ޖަހާފައިވާ އިރު، ޠޫފާނުގެ އަޘަރު ފޯރަން ފަށައި، މުޅި ރަށުތެރެ ބަނަކޮށްލާފައިވާތީ ލައިވް ކަވަރެޖްތަކުން ފެނެއެވެ.

ރަގާސާގެ ނުރައްކަލުން ސަލާމަތްވުމަށް، 400،000 (ހަތަރު ލައްކަ) މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ޗައިނާ ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން