ޚަބަރު
2026 ވަނަ އަހަރު، މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދާނަން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
2026 ވަނަ އަހަރު، ކޮޅުމަޑުލު މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ، "ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫޢު ހިންގަވައިދެއްވާނެ" ކަމަށެވެ.
މި ދަތުރުފުޅުގައި މަޑިފުށީގައި ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ. މި ދެ ރަށް މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނުމަށް ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިމަހުގެ 18 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ރައްޔިތުންގެ އުފާފާގަތިކަމާއި، ހެވާއި ލާބައަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.