Ads by Stelco

ޚަބަރު

އަންނަ ޖެނުއަރީ މަހު ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށާނެ: ރައީސް މުޢިއްޒު

އަންނަ ޖެނުއަރީ މަހު ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށާނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 05:00

24 ސެޕްޓެމްބަރު 2025، 05:00

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެއަހަރު ޖެނުއަރީ މަހުގައި ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިރިލަންދުއަށް ވަޑައިގެެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ހިރިލަންދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ މަސްވެރިކަމާއި، މަހާއި ގުޅުންހުރި އެކިކަހަލަ މަސައްކަތްތަކަށް ހިރިލަންދޫއަކީ ހާއްސަ ރަށެއް ކަމަށާއި އެއީ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ރަށެއް ކަމަށެވެ. އެހެންކަމުން އެރަށަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ސަރުކާރުން ވަރަށް އިސްކަންދެން. އަޅުގަނޑު ވައުދުވެފަ އޮންނާނެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓެއްގެ ވާހަކަ، ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ، މިއަންނަ އަހަރު ބަޖެޓުގައި އަޅުގަނޑުމެން އޮންނާނީ ހިމަނާފައި، ބަޖެޓު ފާސްވެގެން އައުމާއެކީގައި އަހަރުގެ އެންމެ ކުރީކޮޅު، ޖެނުއަރީމަސް ހިސާބުގައި އަޅުގަނޑުމެން އެ މަޝްރޫއުގެ މަސައްކަތް ފަށާނަން.  

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސްގެ ވާހަކަފުޅުގައި އާރުއެސްޑަބްލިޔު ލޯން ސްކީމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  އެ ލޯނު  ސްކީމް ހާސިލުކުރި ގިނަ ފަރާތްތަކަކީ ހިރިލަންދޫ މީހުން ކަމަށާއި އޭގެތެރެއިން ހަތަރު ފަރާތަކަށް ޑިސްޕާސްމެންޓް ހަދަން ފަށައި ދެފަރާތަކަށް ލޯނު ދޫކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ލޯނުތައް ދޫކުރުމުގެ އިތުރު ފޭސްއެއް ފަށަން ސަރުކާރުން ތައްޔާރުވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރު މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 200 ފަރާތަކަށް އާރުއެސްޑަބްލިޔު ލޯނު ދޫކުރަން ފަށާނެކަން ވަނީ އިއުލާންކޮށްފައެވެ.

އެއާއެކު ދެފޭސްގައި ގާތްގަނޑަކަށް 300 ފަރާތަކަށް މި ލޯނު ދޫކުރުން ވެގެންދާނީ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫގައި މިއަދު އަމަލީ މަސައްކަތްތައް ފެށި ހުރިހާ މަޝްރޫއަކީ އެރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށާއި މިއަދު އަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫއެއް ބާރު ސްޕީޑެއްގައި ކުރިއަަށްދާނެ ކަމަށެވެ. ހިރިލަންދޫގައި މިހާރު ކުރިއަށްދާ ސްކޫލުގެ މަލްޓީޕާޕަސް ހޯލާއި ކުލާސްރޫމްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ދެން ފެށޭ ދިރާސީ އަހަރަކު އެތަން ބޭނުން ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިރިލަންދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގައި އަޅަން ނިންމާފައިވަނީ އެންމެ ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރުކުރާ މިސްކިތެއް ކަމަށާއި މިހާރު އަޅާ ހުރިހާ މިސްކިތެއްގައި ބޭނުންކުރާނީ ސޯލާ ކަރަންޓު ކަމަށެވެ. އަދި 500 މީހުންގެ ޖާގައިގެ މި މިސްކިތު ނިމޭއިރު އޭސީކޮށް، ކުލާސްރޫމާއި ލައިބްރަރީވެސް ހިމެނިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން