ޚަބަރު
އިސްލާމްދީނަށް ނަސްރުދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

ފަރުދުން
25 ސެޕްޓެމްބަރު 2025، 09:58
25 ސެޕްޓެމްބަރު 2025، 09:58
އިސްލާމްދީނަށް ނަސްރުދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.
އެގޮތުން ފާއިތުވީ 899 އަހަރު ތެރޭގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކާބަފައިންނާ އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްޤީކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، މި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީންކަމުގައި ޤަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ޢަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ. ހަމަމިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ ސިކުނޑިތައް ތަރައްގީކޮށްގެން ކަމަށެވެ. އަދި ޤައުމުގެ އެންމެ ފަޚުރުވެރި އެއްޗަކީ އިސްލާމްދީން ކަމުގައި ގަބޫލުކޮށް ދީނަށް ނަސްރުދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.