ޚަބަރު
ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ގުޅުވާދޭ ކޯޒްވޭ 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމައިދޭނަން

ރައީސް ޑރ މުޙައްމަދު މުޢިއްޒު ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ތ.ދިޔަމިގިއްޔާއި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ގުޅާލާ ކޯޒްވޭގެ މަސައްކަތް 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިޔަމިގިލީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ކޯޒްވޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުމަށްފަހުގައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަށަށް މިވަގުތު އެންމެ މުހިންމީ ކޯޒްވޭއާއި ހެލްތް ސެންޓަރު އެކްސްޓެންޝަން އަދި ސްކޫލްގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކަމަށެވެ.
"ކޯޒްވޭގެ މަސައްކަތް ފެށިގެން މި ދިޔައީ. މި މަސައްކަތް 18 މަސް ދުވަހުގެތެރޭގައި ނިންމާނަން. ހުރިހާ ރައްޔިތުންނަށް މީގެ އުފާ ފާގަތިކަން ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގައި މިހާރު ފަށާފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ޢަމަލީ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ދިރާސީ އަހަރަށް 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގެ ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުމަށް ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކޮށް، ފެންސް ޖަހައި، ވޮލީ ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް ގެންނަ ތަރައްޤީގެ ތެރޭގައި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިއަހަރު ފަށައި، އަންނަ އަހަރު ނިންމުމަށްފަހު 24 ގަޑިއިރު ޚިދުމަތްދޭ ޒަމާނީ ހެލްތު ސެންޓަރަކަށް ބަދަލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.