ޚަބަރު
ގާދިއްފުށީ ބިން ހިއްކުން ހިމެނޭހެން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ގާދިއްފުށީ ރައްޔިތުންނާ ބައްދަލުކުރެެއްވުން
ބިން ހިއްކުން ހިމެނޭހެން ގާދިއްފުށީގެ ތަރައްޤީއަށް ގިނަ، މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރަށުގެ ބިން ހިއްކުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ބޯހިޔާވަހިކަމާއި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކޮށްދިނުމެވެ. އެގޮތުން ތ. އަތޮޅުގައި ބިން ހިއްކުން ކުރިއަށްދާ ރަށްތަކުގެ މަޝްރޫޢުތަކާ އެކުއެކީގައި ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެއެވެ.
"ބިން ހިއްކުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުން. އެހެންވީމާ ނިމުނީމަ ލޭންޑްޔޫސް ޕްލޭން ކައުންސިލުން ހަދާނެ. ޕްލޭން ހަދާއިރު ބޯހިޔާވަހިކަމުގެ މަސައްކަތް ގެންދާނެގޮތް ރައްޔިތުންނާއެކު މަޝްވަރާކުރައްވާ ކައުންސިލުން ނިންމާ، ކަމާގުޅޭ ވުޒާރާއަށް ހުށަހެޅީމަ މަސައްކަތް ގެންދާނަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ސަޢުދީ ވިދާޅުވިގޮތުގައި، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަތައް ނަގައި، އޭގެ ތައްޔާރީތައް 65 ދުވަހުގެ ތެރޭގައި ނިންމާ ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ދެވޭނެއެވެ. އަދި މުޅި މަޝްރޫޢު 580 ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
މީގެއިތުރުން ރައީސް ވަނީ ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވާފައެވެ. މިގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމާއި، ކަރަންޓުގެ މައްސަލަ ރަމަޟާންމަހުގެ ކުރިން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.