ކުޅިވަރު
ކްލަބް މޯލްޑިވްސް ކަޕްގެ މެޗުތައް ރޭ ފަށައިފި

އާރުއާރުސީ މޮޅުކޮށްދިން ގޯލު ކާމިޔާބުކުރުމަށްފަހު އަބްދުﷲ ޔާމީން (ޔާނު) އުފާފާޅުކުރަނީ، ފޮޓޯ: ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕް 2025ގެ މެޗުތައް ރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ގްރައުންޑުގައި ފަށައިފިއެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ ކްލަބް މޯލްޑިވްސްގެ އެލީޓް ކެޓަގަރީގެ މުބާރާތެވެ. އަދި މިއީ މި މުބާރާތް ބާއްވާ 19ވަނަ ފަހަރު ވެސް މެއެވެ.
އެ މުބާރާތުގައި ރޭ ކުޅެފައިވަނީ ގްރޫޕް-އޭ އާއި ގްރޫޕް-ބީގެ މެޗުތަކެވެ. އެގޮތުން، ގްރޫޕް-އޭގައި ކްލަބް އިމިގްރޭޝަނުން ބަރޮސް މޯލްޑިވްސްގެ މައްޗަށް 3-0އިން ކުރި ހޯދިއިރު، އެ ގްރޫޕްގެ އަނެއް މެޗުގައި އެމްއޭސީއެލްއިން ވަނީ 2-1އިން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކޮށްފައެވެ.
އިމިގްރޭޝަނަށް ރޭގެ މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ، ޙުސެއިން ނިޔާޒް، ކައިސާން ބިން ހިސާން އަދި އަބްދުالله ރިމާޙްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ މުޙައްމަދު ނާބިތު ޙުސެއިންއެވެ.
އަނެއް މެޗުގައި އެމްއޭސީއެލްއިން ޑީއެސްސީގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައެވެ. ޑީއެސްސީއަށް ލީޑު ނަގައިދިނީ ސޮރޫޝް ޝެއިޚޮލަރަމް މަޝަޑީ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އެމްއޭސީއެލްގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ އަޒްޔާން އިބްރާޙިމް އާއި އަޙުމަދު ހުސާމް ކާމިޔާބުކުރި ގޯލުތަކުންނެވެ.
ގްރޫޕ-ބީގައި ރޯޑު ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)އިން އެސްޓީއޯގެ މައްޗަށް 1-0އިން ކުރި ހޯދިއިރު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ކްލަބް ފެން ބައްދަލުކުރި މެޗު ނިމުނީ 2-2އިން އެއްވަރުވެގެނެވެ.
އާރުއާރުސީއިން އެސްޓީއޯ ބަލިކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަބްދުالله ޔާމީން (ޔާނު) ކާމިޔާބުކުރި ގޯލަކުންނެވެ. މި މުބާރާތަށް އާރުއާރުސީއިން ނިކުންނަން ޖެހުނީ، މުބާރާތް ފެށެން ހަފްތާއަކަށްވެފައި ވަނިކޮށް އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ ހާފިޒް (ހާއްޕެ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާ ނުލައެވެ. އޭނާއަށް އަނިޔާވީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ފަހު މެޗުގައެވެ.
ކަސްޓަމްސް އާއި ކްލަބް ފެން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި، އީހާބު އާތިފް އަބްދެލްރަޙްމާން ހަސަން އާއި މަޢުފޫޒް އާދަމްގެ ގޯލަކުން ކަސްޓަމްސްއިން ރަގަޅު ލީޑެއް ނެގިއެވެ. ނަމަވެސް ފަހު ހާފުގައި ސައިފާން އަޙުމަދު މަނިކު އާއި ސޮލާޙް ޢަލީ ވަނީ ކްލަބް ފެންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި މުބާރާތުގައި މިރޭ އޮންނާނީ ގްރޫޕް-ސީ އާއި ގްރޫޕް-ޑީގެ މެޗުތަކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިރޭ 8:30ގައި ކްލަބް އެޗްޑީސީ އާއި ސްޓެލްކޯ ބައްދަލުކުރާ މެޗެވެ. މި މެޗުގައި، ކްލަބް އެޗްޑީސީގެ ޖާރޒީގައި ފުޓްސަލްގެ ދުނިޔޭގެ ރަސްގެފާނު ރިކަޑީނިއޯ ވެސް ފެންނާނެއެވެ.