ޚަބަރު
މުދައްރިސުންގެ ބުރަ މަސައްކަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ ޚިދުމަތެއް: ރައީސް

މަޖީދިއްޔާ ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
05 އޮކްޓޯބަރު 2025، 08:47
05 އޮކްޓޯބަރު 2025، 08:47
މުދައްރިސުންގެ ބުރަ މަސައްކަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މުދައްރިސުންގެ އަގުހުރި މަސައްކަތުގައި ދުނިޔެ އާއި އާޚިރަތުގެ ފައިދާތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެއީ ޤަދަރުވެރި ފަޚުރުވެރި ޚިދުމަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވެވިއެވެ.
މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މުދައްރިސުންނަކީ މާދަމާ ޤައުމަށް ޚިދުމަތްކުރާން ތިބި ދަރީން ބިނާކުރުމުގެ މުގުލުގައި ތިބި މުދައްރިބުން ކަމުގައެވެ. އެގޮތުން އެ ކުދިން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި، ތަޢުލީމާއި އަދި އޯގާތެރިކަމުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު އެތިބީ މަދަރުސާތަކުގައި. ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުން. އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.
މީގެ އިތުރުން، އެ މަނިކުފާނުގެ މެސެޖުގައި ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ. އަދި ކޮންމެ އެދުރެއްގެ ޢާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދި ދުޢާ ދަންނަވަމުން، އެ މެސެޖު ނިންމަވާލެއްވީ ހުރިހާ އެދުރުންނަށް ދުވަހާ ގުޅިގެން މަރުޚަބާ ދަންނަވާފައެވެ.
ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށް، އެކަށީގެންވާ މިންވަރަށް މުދައްރިސުން ހޯދުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ މަސައްކަތުގެ ތެރެއިން 135 ދަރިވަރަކަށް މުދައްރިސްކަން ކިޔެވުމުގެ ސްކޮލަރޝިޕް ވަނީ ދީފައެވެ. މީގެ އިތުރުން އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންވެސް ތަމްރީންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.