ޚަބަރު
އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވަޢުދުފުޅު ތަންފީޒުކޮށް ނިންމަވައިފި

ރައީސްގެ ވަޢުދުފުޅު ތަންފީޒުކޮށް ނިންމެވުމާ ގުޅިގެން ހަދާނީ ފިލާ އެރުވުން---

ފަރުދުން
07 އޮކްޓޯބަރު 2025، 10:19
07 އޮކްޓޯބަރު 2025، 10:19
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު މިރޭ ތަންފީޒުކޮށް ނިންމަވައިފިއެވެ.
އެ މަނިކުފާނުގެ މި ވަޢުދުފުޅު ތަންފީޒުވެގެން ދިޔައީ، މިހާރު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަހިބަދޫއިން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިރޭ ފެއްޓެވުމާއެކުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ތަންފީޒުކުރެވިގެން ދިއުމާ ގުޅިގެން، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، އެ މަނިކުފާނަށް ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުންނާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ހަނދާނީ ފިލާތަކެއް ވެދުމަށް އަރުވާފައެވެ. މި ފިލާތައް ވެދުމަށް އެރުވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙުސާންއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ ސިޔާސަތު ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހެވެ.