ކުޅިވަރު / ޚަބަރު
މަހިބަދޫ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރާނީ ސަރަޙައްދުގެ އެންމެ ފުރިހަމަ ސްޓޭޑިއަމްގެ ގޮތުގައި: ޠާރިޤު

މަހިބަދޫ ފުޓުބޯޅަ ދަނޑު---
އދ. މަހިބަދޫގެ ފުޓުބޯޅަ ދަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއެކީ، އެ ދަނޑު ބަދަލުވެގެން ދާނީ އެ ސަރަޙައްދުގައި އޮތް އެންމެ ފެންވަރު ރަގަޅު ސްޓޭޑިއަމްއަށްކަމަށް، މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، އޮނަރަބަލް އަޙުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ޠާރިޤު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މަހިބަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޠާރިޤު ވިދާޅުވީ، މަހިބަދޫއަކީ ފުޓުބޯޅައިގެ ރަށެއްކަމުން، ދަނޑު ތަރައްޤީ ކުރުމަކީ ރަށުގެ ޒުވާނުންގެ އިތުރުން، އެހެން އުމުރުފުރާތަކުގެ މީހުންވެސް ބޭނުންވާ ކަމެއްކަމުގައެވެ.
މަހިބަދޫގެ ދަނޑު ތަރައްޤީ ވެގެން ދާނީ، މި ސަރަޙައްދުގައި އޮތް އެންމެ ފުރިހަމަ ސްޓޭޑިއަމްގެ ގޮތުގައި.
ޠާރިޤު ވިދާޅުވިއެވެ.
މަހިބަދޫ ދަނޑަށް ގެންނަން ނިންމާފައިވާ ތަރައްޤީގެ ތެރޭގައި، ލައިޓު ހަރުކުރުމާއި، ޗޭންޖިންގް ރޫމުތައް ހެދުން ހިމެނެއެވެ. ޠާރިޤު ވިދާޅުވީ، އެ ރަށުގެ ފުޓުބޯޅަ ދަނޑު، ސްޓޭޑިއަމްއެއްގެ ގޮތުގައި ހެދުމަކީ، ޖުމްލަ ގޮތެއްގައި ރަށުގެ ހުރިހާ ރައްޔިތުން ބޭނުންވާ ކަމެއްކަމުގައެވެ.
މަހިބަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އަދި މި މަސައްކަތާ ގުޅޭ އެއްބަސްވުމުގައި، އެ ކުންފުންޏާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު ވަނީ މީގެ ދެ ދުވަސްކުރިން އެއްބަސްވުމަކަށް އައިސްފައިކަމަށް ޠާރިޤު ވިދާޅުވެއެވެ.
ދުނިޔެއަށް މަޝްހޫރު އިޓަލީގެ ޔުވެންޓަސްއިން އެ ޓީމުގެ 100ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެ ރަށުގައި ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައިރު، "ޕެލޭ ސްޓޭޑިއަމް"ގެ ނަމުން ހަންދީފައިވާ އެ ދަނޑުގައި ޖުވެންޓަސްގެ ޓީމަކުން މެޗެއް ވެސް ކުޅެފައިވެއެވެ.