Ads by Stelco

ޚަބަރު

މަހިބަދޫ ބިންހިއްކުމުގެ މަޝްރޫޢު ލަސްވެގެން 10 މަސް ތެރޭގައި ނިންމަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މަހިބަދޫ ބިންހިއްކުމުގެ މަޝްރޫޢު ލަސްވެގެން 10 މަސް ތެރޭގައި ނިންމަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 06:17

08 އޮކްޓޯބަރު 2025، 06:17

އދ. މަހިބަދޫ ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިޔަށް ގެންގޮސް އެންމެ ލަސްވެގެން 10 މަސްދުވަސް ތެރޭގައި ނިންމާ، އެ ބިން ރައްޔިތުންނާ ހަވާލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން 67 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރައްވާ އަރބަން ސެންޓަރތަކުގެ ތެރޭގައި މަހިބަދޫ ހިމެނޭތީ، އެކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން ކުރިޔަށް ގެންދަވާ މަޝްރޫޢެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު، މި މަޝްރޫޢާއެކު މަހިބަދޫގެ ތަރައްޤީގެ ދުވެލި ބާރުވެ، އެ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމުވެފައިވާ ބޯހިޔާވަހިކަމަށް މަގުފަހިވެގެން ދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ބެލި ނަމަވެސް، މުހިންމު މަޝްރޫޢަކަށް ވެގެންދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ހަމަމިއާއެކު، އެ ރަށަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަންނަ އަހަރުގެ ކުރީކޮޅު 150 ހައުސިން ޔުނިޓުގެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު ވެސް އެ މަނިކުފާނު ދެއްވެވިއެވެ. 

ބޯހިޔާވަހިކަމުގެ އިތުރުން، ސިއްޚީ ދާއިރާއިން ވެސް މަހިބަދޫއަށް ކުރިއެރުން ގެންނަވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އެގޮތުން އެ ރަށުގައި އަންނަ އަހަރު 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީ ކުރައްވަން ފައްޓަވާނެކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް އުމްރާނީ ތަރައްޤީ ގެނައުމުގެ މަޝްރޫޢުތަކާއި ކުޅިވަރުގެ ދާއިރާއިންވެސް ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން