ޚަބަރު
ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް
ފަރުދުން
01 ނޮވެމްބަރު 2024، 03:51
01 ނޮވެމްބަރު 2024، 03:51
ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. މި ބިލާއެކު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި މި ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ.
ރޭ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ބިލުގައި ވާގޮތުން މިހާރު ރާއްޖެ އެތެރެކުރާ ސިނގިރޭޓާއި ބިޑިން 25 ޕަސެންޓް ޑިއުޓީ ނަގާއިރު އަންނަ މަހުން ފެށިގެން 50 ޕަސެންޓް ނަގާނެއެވެ. އަދި އީ-ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫން އާލަތްތަކަށް އަޅާ ފްލެވާއާއި ކެމިކަލުން 50 ޕަސެންޓް އަދި ކޮންމެ މިލިލީޓަރަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ.
މީގެ އިތުރުން ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓް ނަގާގޮތަށްވެސް މި ބުލުގައި ވެއެވެ. އެއާއެކު އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތަތްކަށް ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން 200 ޕަސެންޓުގެ ޑިއުޓީ ނެގުމަށްވެސް މި އިޞްލާޙުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޮވެންބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕާއި އީސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެ ކަމަށް ނިންމަވާފައެވެ. އެގޮތުން ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ ދުންފަތާއި ދުންފަތުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ އިތުރު ވާނެއެވެ.