ދުނިޔެ

މެކްސިކޯގައި ފެންބޮޑުވުމުގެ ސަބަބުން 28 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައި

މެކްސިކޯގައި ފެންބޮޑުވުމުގެ ސަބަބުން 28 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައި

މެކްސިކޯއަށް ކުރިމަތިވެފައިވާ ފެންބޮޑުވުން.

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 02:41

11 އޮކްޓޯބަރު 2025، 02:41

ބޯކޮށް ވިއްސާރާ ވެހުމުގެ ސަބަބުން މެކްސިކޯގައި ވަރަށް ބޮޑަށް ފެންބޮޑުވެ، 28 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ. މި ޤުދުރަތީ ޙާދިޘާގައި މަރުވި 28 މީހުންގެ އިތުރުން، އެތައް ބަޔަކު ވަނީ ގެއްލިފައެވެ. މެކްސިކޯގެ ގޯސް މޫސުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސް، ކޯރުތައް ބަންޑުންވެ، އެ ޤައުމުގެ މަދަރުސާތަކާއި، ގޯތިގެދޮރާއި، ހަސްފަތާލުތަކަށް ގެއްލުން ލިބިފައިވާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ބުނެއެވެ.

މެކްސިކޯއަށް ކުރަމުންދާ ބޯ ވިއްސާރައިގެ އަޘަރު އެންމެ ބޮޑަށް ފޯރާފައިވަނީ ހިޑަލްގޯ ސްޓޭޓަށެވެ. އެ ސްޓޭޓުގައި 16 މީހަކު މަރުވެފައިވާ އިރު، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ގޮތުން، އެ ސްޓޭޓުގެ 1،000 ގެއާއި، 59 ހަސްފަތާލާއި، 308 މަދަރުސާއަށް ގެއްލުން ލިބިފައިވެއެވެ.

ހިޑަލްގޯ ސްޓޭޓްގެ އަވައްޓެރި ޕުއެބްލާ ސަރަޙައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން 9 މީހަކު މަރުވެ، 13 މީހަކު ގެއްލިފައިވާ އިރު، ވިއްސާރައިގެ ސަބަބުން އެކި ވަރުގެ ދަތިތައް 80،000 މީހުންނަށް ވަނީ ފޯރާފައެވެ.

މީގެ އިތުރުން، ވެރަކްރޫޒް ސަރަޙައްދުގައި 2 މީހަކު މަރުވެ، 5،000 ގޯތިގެދޮރަށް ގެއްލުންވެފައިވާ އިރު، ކުއެރެޓާރޯ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކުޑަކުއްޖަކު ވަނީ މަރުވެފައެވެ.

ގަދަ ވިއްސާރައިގެ އުނދަގޫ މުޅި މެކްސިކޯއަށް އަދު ފޯރާފައިވާ އިރު، މެކްސިކޯގެ 320،000 މީހުން ވަނީ ކަރަންޓުން މަޙުރޫމުވެފައެވެ. ހަމަ އެހެންމެ، ޖުމުލަ 1،000 ކިލޯމީޓަރުގެ ދިގުމިނެއް ހުންނަ މަގުތަކަށް 6 ސްޓޭޓެއްގައި ވަނީ ގެއްލުންވެފައެވެ.

މެކްސިކޯގެ ރައީސާ ކްލޯޑިޔާ ޝެއިންބައުމް ވިދާޅުވީ، ގެއްލުން ލިބިފައިވާ މަގުތައް އަލުން ހުޅުވައި، ކަރަންޓުގެ ޚިދުމަތް އިޢާދަކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ. 

މި ޙާދިޘާއަށް އިޖާބަދިނުމުގެ ގޮތުން، މެކްސިކޯގެ ދިފާޢީ ބާރުން ވަނީ ހެލިކޮޕްޓަރާއި ބޯޓުތައް ހިމެނޭހެން ސަލާމަތީ ވަސީލަތްތައް ތައްޔާރުކޮށް، އެހީ ފޯރުކޮށްދޭން ފަށާފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް އެ ޤައުމުގެ ދިފާޢީ ބާރުން ކުރަމުން ގެންދާ ކަމަށް އިދާރީ ބޭފުޅުން ހާމަކުރައްވައެވެ.

ޢާދަޔާ ޚިލާފަށް މި އަހަރު މެކްސިކޯއަށް ކުރިމަތިވި މޫސުމީ ޙާލަތުގެ ސަބަބަކީ "ރޭމޮންޑް" ޠޫފާނާއި، "ލަ-ނީންޏާ" ނަމަކަށް ކިޔާ މޫސުމީ ބަދަލުތަކެއް ކަމަށް މޫސުމާ ބެހޭ މާހިރުން ހާމަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން