ރިޕޯޓް

އެއް އަހަރުގެ ތެރޭގައި ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް ޤައުމީ ޝަރަފާއި ޢިއްޒަތުގެ ދަރަޖައަށް

އެއް އަހަރުގެ ތެރޭގައި ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް ޤައުމީ ޝަރަފާއި ޢިއްޒަތުގެ ދަރަޖައަށް

ކީރިތި ޤުރުޢާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތް، ފޮޓޯ: ކީރިތި ޤުރުޢާންއާ ބެހޭ މަރުކަޒު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޮކްޓޯބަރު 2025، 01:11

12 އޮކްޓޯބަރު 2025، 01:11

ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ މުބާރާތަކީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތެވެ. ކީރިތި ޤުރުޢާންއާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރާ ގޮތުގައި، މި މުބާރާތުގެ މަޤުސަދަކީ ކީރިތި ޤުރުއާން ރައްކާތެރިކުރުމާއި، ދިވެހީންގެ ހިތްތަކުގައި ޤުރުޢާން ކިޔެވުމަށް ލޯބި ޖެއްސުމާއި، ޤުރުޢާން ކިޔެވުމުގެ ފަންނު ދިރުވައި އާލާ ކުރުމާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކީރިތި ޤުރުޢާންގެ ޢިލްމު ފެތުރުމުގެ އިތުރަށް، ބައިނަލްއަޤުވާމި މުބާރާތްތަކުގައި ވާދަކުރާނޭ ދިވެހީން އުފެއްދެވުމެވެ.

މި މަޤުސަދު ޙާސިލްކުރުމަށް އެ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ފަހުގެ ތާރީޙެއްގައި މިކަމަށް ކޮށިގެން ދިޔަ އެންމެ ފަހި މަގަކީ، ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ ފަޚުރުވެރި މުބާރާތަކަށް ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް ހައްދަވާނެކަމަށް، 36ވަނަ ޤައުމީ މުބާރާތް ނިންމުމަށް މިދިޔަ އަހަރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވުމެވެ.

އޭގެ ގާތްގަނޑަކަށް އެއް އަހަރު ފަހެވެ. އެ ދުވަހު އެ މަނިކުފާނު ވިދާޅުވި ބައެއްކަންކަން މި އަހަރު ތެރޭގައި ހާސިލްވެއްޖެއެވެ. އަދި ބާކީ ހުރިކަންކަން މި ވަނީ، ކީރިތި ޤުރުޢާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތާއެކު ހާސިލްވެގެން ގޮސްފައެވެ. 

ކީރިތި ޤުރުޢާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ---

އެހެންކަމުން، މިއަދަކީ ދިވެހި ތާރީޙުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތައް ވެގެން މި ދިޔައީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މި ދިވެހިރާއްޖޭގައި ކީރިތި ޤުރުޢާން މަތިވެރިކުރުވައި، ދިވެހީންގެ ހިތްތަކުގައި ޤުރުޢާނަށް އޮތް ލޯބި އިތުރުކުރުމަށް ނިންމިގެން ދިޔަ މުހިންމު ނިންމެވުންތަކަކަށެވެ.  

އެ ދުވަހު އެ މަނިކުފާނު ނިންމެވި އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް ދިވެހި މާލިއްޔަތުން ސީދާ ޚަރަދުކުރައްވައިގެން ބޭއްވޭ މުބާރަތަކަށް ހެއްދެވުމެވެ. އަދި މިއަދު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެކަން ހާސިލްވެގެންދާ މަންޒަރު ފެނުމުގެ ނަސީބު ލިބުމެވެ. 

މި މުބާރާތުގެ ފެންވަރު ރަގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެހެން މުހިންމު ނިންމެވުންތަކުގެ ތެރޭގައި ހިމެނެނީ، މުބާރާތުގައި ދެމުންގެންދިޔަ އިނާމުތައް ދެ ގުނަކުރައްވަން ނިންމެވުމާއި، ހުރިހާ ގޮތަކުން، ހުރިހާ މާނައެއްގައި، ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ފެންވަރުގެ ކަމަކަށް ޤައުމީ މުބާރާތް ހެއްދެވުމެވެ. 

މިކަމާ ގުޅިގެން، ކީރިތި ޤުރުޢާންއާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެ ހުރިހާ ނިންމެވުމެއް ވަނީ، އެ މަނިކުފާނު އެ ދުވަހު ވިދާޅުވި ފެންވަރަށް ވުރެ މާ ފުރިހަމައަށް އަދި މާ ރަނގަޅަށް ފުއްދަވައިދެއްވާފައި ކަމަށެވެ.

މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ޚާއްޞަ އިނާމުތަކެއް ތަޢާރަފްކުރުމަށް ވެސް މިދިޔަ އަހަރު ނިންމަވާފައެވެ. އެގޮތުން އެ މަނިކުފާނު ދެއްވަން ނިންމެވި އިނާމުތަކުގެ ތެރޭގައި، ޚާފިޒުންގެ ގޮފިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ލިބޭ ވަނަވެރިއަކަށް، އެންމެ ފަހުގެ މެކްބުކްއަކާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހިމެނެއެވެ. މި ސްކޮލަރޝިޕަކީ ދުނިޔޭގެ ކޮންމެ ތަނަކުން، ބޭނުން ރޮނގަކުން ޕީއެޗްޑީއާ ހަމައަށް މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިދޭ ސްކޮލަރޝިޕެކެވެ.

އަދި 37ވަނަ ޤައުމީ މުބާރާތުން ފެށިގެން، ޚާފިޒުންގެ ގޮފިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ލިބޭ ބައިވެރިންނަށާއި މުޅި މުބާރާތުން އެއްވަނައަށް އަންނަ މުވައްސަސާއަކަށް، 100،000ރ. (އެއް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމާއި ޝަރަފުގެ ފިލައެއް ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންކަމުން، މި ދަރަޖަ ހާސިލްކުރެއްވި ފަރާތްތަކަށް މިއަދުގެ ރަސްމިއްޔާތުގައި މި އިނާމުވެސް ލިބިގެން ދިޔައެވެ.

މީގެ އިތުރުން، ޤުރުޢާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުންދޭ އިނާޔާތް ދެ ގުނައަށް އިތުރު ކުރެއްވުމަށް ނިންމަވާ، ސަރުކާރުން ވަނީ މިހާރު އެކަން ތަންފީޒުކުރަން ފައްޓަވާފައެވެ. އެ މަނިކުފާނުގެ މި ނިންމެވުމަކީ، ކީރިތި ޤުރުޢާން ކިޔެވުމަށާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ކީރިތި ޤުރުޢާންގެ ޢިލްމު ދިވެހި އިސްލާމީ އުއްމަތުގައި ފެތުރުއްވުމަށާއި ޤުރުއާނަށް ޚިދުމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ހާމަވެގެން ދިޔަ ކަމެއްކަމުގައި ކީރިތި ޤުރުޢާންއާ ބެހޭ ޤައުމީ މަރުކަޒުން ވަނީ ވިދާޅުވެފައެވެ.

މުބާރާތަށް ގެނައި ބަދަލުތަކުގެ ތެރެއިން، މުބާރާތުގެ އެހެނިހެން ވަނަތަކަށް ދެމުން އައި އިނާމު ވެސް މި އަހަރުން ފެށިގެން ވަނީ ދެގުނަ ކުރައްވާފައެވެ.

އަދި މުބާރާތުގައި ބައިވެރިވާ ބައިވެރިންނަށް ދެމުންގެންދާ އެލަވަންސް ވެސް ވަނީ މިއަހަރުން ފެށިގެން، ކުރިން ދެމުން ގެންދިޔަ އަދަދަށް ވުރެ ދެގުނައަށް ވުރެ ބޮޑު އަދަދެއް އިތުރު ކުރައްވާފައެވެ. 

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް ބޭފުޅުން ކީރިތި ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތް ބައްލަވަނީ / ފޮޓޯ: ކީރިތި ޤުރުޢާންއާ ބެހޭ މަރުކަޒު

މި ހުރިހާ ކަންކަމާއެކު، ކީރިތި ޤުރުޢާން ކިޔެވުމުގެ މުބާރާތުގެ ހައިބަތު މިވަނީ އިހުނަށް ވުރެ އިތުރުވެގެން ގޮސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް، މި މުބާރާތުގައި ޤައުމީ ސިފަ ޖެއްސެވުމަށް ނިންމެވި ނިންމެވުންތަކުގެ ނަތީޖާއެވެ. މިއީ އިސްލާމް ދީން މަތިވެރިކުރުމަށާއި، ކީރިތި ޤުރުއާނުގެ އަލިގަދަ ދަންމަރުން މުޅި ރާއްޖެ އަލިކުރުމަށް އެ މަނިކުފާނުގެ ހިތުގަ އޮތް ލޯބި އެނގިގެން ދިޔަ ކަމެކެވެ. 

މި އަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ، ސަލްމާން މިސްކިތުގައެވެ. މި މުބާރާތުގައި، އަތޮޅު ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރަށް، ކްލަބް ޖަމްޢިއްޔާތަކާއި، ޤުރުޢާން ކްލާސްތަކާއި ކޮލެޖު/ޔުނިވާރސިޓީތަކުގެ ގޮތުގައި 119 މުވައްސަސާއަކުން ޖުމްލަ 1،036 ބައިވެރިން ރެޖިސްޓަރ ކުރިނަމަވެސް، މުބާރާތުގައި ކިޔަވާފައި ވަނީ 1،023 ބައިވެރިއެކެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިއަކާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 412 ބައިވެރިއަކާއި އަދި ޚާފިޒުންގެ ގޮފީގައި 29 ބައިވެރިންނެވެ.  

މި މުބާރާތަށް، ކީރިތި ޤުރުޢާންއާ ބެހޭ ޤައުމީ މަރުކަޒާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި ދީނީ ކަންތައްތަކަށް އެހީވާ ވަޤުފް ފަންޑުން ވެސް ވަނީ ފައިސާގެ އިނާމު ހުށަހަޅާފައެވެ. އެގޮތުން ޚާފިޒުންގެ ގޮފިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ލިބޭ ބައިވެރިއަކަށް 75،000 ރުފިޔާ އާއި ދެވަނައަށް 50،000 ރުފިޔާ އާއި ތިންވަނައަށް 35،000 ރުފިޔާ އިނާމުގެ ގޮތުގައި ދެއްވަން ވަނީ ނިންމަވާފައެވެ. އަދި އެކި ވަނަތަކަށް ޢުމްރާ ދަތުރުތައް ވެސް ވަނީ ހިމަނާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން