ޚަބަރު
ށ.ފޭދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ށ.ފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް

ފަރުދުން
14 އޮކްޓޯބަރު 2025، 11:51
14 އޮކްޓޯބަރު 2025، 11:51
ށ.ފޭދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުތެރޭ ނިމޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިޢުލާނު ކުރެއްވީ، ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ފޭދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާ ފެންވަރު ރަނގަޅު ދާއިރާ އަކަށް ހެދުމުގެ މަސައްކަތް އަބަދުވެސް ކުރައްވާ ކަމަށެވެ. އެގޮތުން ފޭދޫ. ޞިއްހީ މަރުކަޒުގެ މަސައްކަތްވެސް 24 ގަޑިއިރަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް އިންސާނީ ވަސީލަތްތަކާއި އިމާރާތުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމުގައެވެ. ރައީސްގެ ވާހަކަފުޅުގައި ކައުންސިލް މެންބަރުން ހުށަހެޅުއްވި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަމަށް ވަނީ އަލިއަޅުއްވާލާފައެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިހާރު ހުއްޓިފައިވާ 8 ކްލާސްރޫމްގެ މަސައްކަތާއި މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް މިހާރުން މިހާރަށް މަސައްކަތް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ފުލުހުންގެ އިދާރާއެއް ޤާއިމްކުރުމަށް ކުރިން ބޭނުންކުރި ސްކޫލް ހުރި ބިން ކައުންސިލާއި ޙަވާލުކުރުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ އިތުރުން ރަށުގައި ނިމިފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް އަވަހަށް ފެއްޓެވުމަށް ކައުންސިލުން އެދިވަޑައިގެންފައިވުމުން އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ. މީގެ އިތުރުން، ކުނިކޮށްޓަކާއި، ރަށުގައި އައު މިސްކިތެއް އެޅުމާއި، ހޭންޑް ބޯލް ކޯޓެއް އެޅުމާ އަދި ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމުގެ އިތުރުން ރަށުގައި އިންޑޯ ޖިމެއް ހައްދަވައިދެއްވުމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ށ.ފޭދޫއަށް ކުރެއްވި ދަތުރުފުޅުގައި، ށ.ފޭދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީއާ ވަނީ ހަވާލުކޮށްފައެވެ.