ޚަބަރު
ށ. ފޭދޫއަށް އެންމެ މުހިންމީ، ތަޢުލީމީ ދާއިރާއިން ރަށަށް އަންނަންޖެހޭ ތަރައްޤީއާގުޅޭ މަޝްރޫޢު ނިންމުން: ރައީސް މުޢިއްޒު

ރައީސް ޑރ މުއިއްޒު ށ.ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ށ. ފޭދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ، ތަޢުލީމީ ދާއިރާއިން ރަށަށް އަންނަންޖެހޭ ތަރައްޤީއާގުޅޭ މަޝްރޫޢު ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ވަނީ މިކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ށ. ފޭދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮންނަތާ 2 އަހަރެއްހާ ދުވަސްވެފައިވާއިރު، މިހާރު އެ މަޝްރޫޢު އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ކުލާސްރޫމްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވައި، އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެއެވެ.
މީގެއިތުރުން ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ރައީސް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ މަޝްރޫޢުތައް ގުޅިލާމެހިފައިވާ ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް ބަލާއިރު، ރަށުގެ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރެއްވުމާއި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑު އަޕްގްރޭޑް ކުރެއްވުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމުގެ މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިއަހަރު ތެރޭގައި ފުލުހުންގެ މަރުކަޒު އަޅަން ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ށ. ފޭދޫ ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. ފޭދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރާ ރަށްރަށުގެ ލިސްޓުގައިވެސް ށ. ފޭދޫ ހިމެނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުފުޅުގެ ތެރެއިން ރަށުގެ ގިނަ ރައްޔިތުންތަކަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުންގެ އިޙްސާސްތަކާއި ވިންދާ އެއްގޮތަށް، ފޭދޫގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވައި، އަދި ކުރިއަށް އޮތް ތަނުގައި ފެށިގެންދާނެ އިތުރު މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ދެއްވާފައެވެ.