ޚަބަރު
ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދާއެކު ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަނޑުވަރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި: ފޮޓޯ- އެކްސް

ފަރުދުން
15 އޮކްޓޯބަރު 2025، 12:14
15 އޮކްޓޯބަރު 2025، 12:14
ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދާއެކު ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފިއެވެ.
ބައިނަލްއަޤުވާމީ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާކަމަށެވެ. ރައީސްގެ ޕޯސްޓުގައި ދަނޑުވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް އެ ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތައްވެސް ކުރައްވާ ކަމުގައެވެ.
ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ވަނީ ސާބިތުކޮށްދީފައި.
— Dr Mohamed Muizzu (@MMuizzu) October 15, 2025
ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް މި ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް… pic.twitter.com/s7ecfEqSzl
ރައީސް މުޢިއްޒު ވަނީ ދަނޑުވެރިކަމަށް ޚާއްސަ ކުރެވިގެން އިޤްތިޞާދީ ޒޯނެއް މިއަހަރުތެރޭގައި ޤާއިމް ކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ މަޝްރޫއުއެއް ފެށިގެންދާނެކަން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިޢުލާނު ކުރައްވާފައެވެ. ރައީސުލްޖުމަހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ވިދާޅުވީ ރާއްޖޭގެ ބިމުން އިޤްތިޞާދު ބިނާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމަށް ޚާއްސަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށެވެ. އެގޮތުން އެކަމަށްޓަަކައި ޚާއްސަ ޒޯނެއް ޤާއިމް ކުރައްވާ އެ ސިނާއަތުގެ މަސައްކަތްތައް ފުޅާ ކުރެވިގެންދާނެކަމަށެވެ.
ދަނޑުވެރިކަމުގެ ސިނާޢަތަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވަވައިގެން ކުރިއަށް ގެންދަވާ ސިނާޢަތެކެވެ. އެގޮޮތުން މި ސިނާޢަތް ފުޅާކުރެއްވުމަށް ޚާއްޞަ މަޝްރޫޢެއް ފަށްޓެވުމަށް ވަނީ ނިންމަވާފައެވެ. އެއާއެކު މުސްތަޤްބަލްގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރެވި، ދިވެހި އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ. އަދި ރާއްޖެގެ އިޤްތިޞާދުގެ މައިގަނޑު އެއް އަސާސަކަށް ދަނދުވެރިކަމުގެ ސިނާޢަތްވެގެންދާނެއެވެ.