ޚަބަރު
ދުންފަތުގެ ބާވަތްތަކާ ރައްޔިތުިން ދުރުހެލިކުރަން ކުރާ މަސައްކަތުގެ ބޭނުމަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ދުރުކުރުން: ރައީސް މުޢިއްޒު

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް
ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ދުވަހާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، "ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން" ކަމަށެވެ.
އަދި މިކަމާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން.
— Dr Mohamed Muizzu (@MMuizzu) October 16, 2025
އެއާއެކު، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ… pic.twitter.com/3ygMo2jwmo
ރައީސް މުޢިއްޒު އެކްސް ޕޯސްޓް ނިންމަވާލެއްވީ ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލެހެއްޓެވުމަށް ދުޢާ ކުރައްވަމުންނެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 16 ގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ދުވަހެކެވެ. މި ދުވަސް ފާހަގަކުރެވެނީ 1945 ވަނަ އަހަރު އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) އުފެދުނު ދުވަސް ހަނދާންކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަކުރުމުގައި ހައިހޫނުކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅުންހުރި އެހެނިހެން ގިނަ ޖަމްޢިއްޔާތަކުން ވެސް ބައިވެރިވެއެވެ.
މީގެ ތެރޭގައި ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް (ވަރލްޑް ފުޑް ޕްރޮގްރާމް)، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވަރލްޑް ހެލްތު އޯގަނައިޒޭޝަން) އަދި ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިވާ ބައިނަލްއަޤްވާމީ ފަންޑު (އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް) ހިމެނެއެވެ.