ދުނިޔެ
އަބޫދާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭމީހުން އޮންލައިންކޮށް ކައިވެނިކޮށްދިނުމުގެ ޙިދުމަތް ފަށައިފި!

ކައިވެނި ކުރުން
އަބޫދާބީ ސަރުކާރުގެ ޓޭމް (TAMM) އެޕްލިކޭޝަން މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދެމަފިރިންނަށް އެޤައުމަށް ދަތުރުނުކޮށް ރަސްމީކޮށް ކައިވެނިކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިކަމުގެ މަސައްކަތްތަކުގެ އިސްވެރިޔާ އޭއެފްޕީއަށް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، މިއީ އާ ހިދުމަތެއް ކަމުގައެވެ.
އޮންލައިންކޮށް ކައިވެނިކުރުމަކީ އަދިވެސް އާ ކަމެއް ކަމުގައިވީނަމަވެސް، މިދިޔަ އަހަރު ޔުކްރޭނުން ވަނީ ހަނގުރާމައިގެ ސަބަބުން ވަކިވެފައިވާ ދެމަފިރިންނަށް އެގައުމުގެ ސަރުކާރުގެ ޕްލެޓްފޯމް މެދުވެރިކޮށް ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. ޔޫއޭއީން ވަނީ ކޯވިޑް-19 ލޮކްޑައުންގެ ތެރޭގައި އެގައުމުގައި ދިރިއުޅޭ މީހުންނަށް އޮންލައިންކޮށް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ތަޖުރިބާކޮށްފައެވެ. ނަމަވެސް މިހާރު ތަރައްގީކޮށްފައިވާ ނިޒާމަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ނިޒާމެއް ކަމަށް އަބޫދާބީގެ ސަރުކާރުގެ ޓޭމް އެޕް ހިންގާ މުހައްމަދު އަލް އަކްސަރު ވިދާޅުވިއެވެ.
ޖިޓެކްސް (Gitex) ޓެކްނޮލޮޖީ އެގްޒިބިޝަންގެ ތެރެއިން އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި އަލް އަކްސަރު ވިދާޅުވީ، "މިއީ ހުރިހާ އެންމެންނަށް ހުޅުވާލެވިފައިވާ ޙިދުމަތެއް. އަބޫދާބީގައި ކައިވެނިކުރަން ބޭނުންވާ ކޮންމެ މީހަކަށް، ނިސްބަތްވާ ޤައުމެއް ބެލުމެއްނެތި، އޮންލައިންކޮށް މި ޙިދުމަތް ލިބޭނެ." އަދި "ޔޫޒަރުންނަށް އެއްވެސް އޮފީހަކަށް ނުގޮސް، ހުރިހާ ކަމެއް އޮންލައިންކޮށް ނިންމާލެވޭނެ. މިފަދަ ހިދުމަތެއް ދޭން ފެށި ފުރަތަމަ ޤައުމުގެ ތެރޭގައި އަބޫދާބީ ހިމެނޭ." ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
800 ދިރުހަމާ (ގާތްގަނޑަކަށް 218 ޑޮލަރު) އަށް، ދެމަފިރިންނަށް އޮންލައިން ފޯމު ފުރުމާއި، ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި، ކައިވެނީގެ ރަސްމިއްޔާތު ހިންގާނެ މުވައްޒަފަކު ހަމަޖެއްސުމާއި، އަދި އޮންލައިންކޮށް ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ކަންކަން، 24 ގަޑިއިރުގެ ތެރޭގައި ފުރިހަމަކުރެވޭނެއެވެ. މި ޕްލެޓްފޯމަކީ އެކުވެރި އަރަބި އިމާރާތުގެ ރައްޔިތުންނަށާއި، ބިދޭސީންނަށާއި، އެގައުމުގައި ދިރިނޫޅޭ މީހުންނަށް ވެސް ހުޅުވާލެވިފައިވާ ޙިދުމަތެކެވެ. ނަމަވެސް އެގައުމުގައި ދިރިނޫޅޭ ފަރާތްތަކުން އެމީހުންގެ ގާނޫނީ މަންދޫބެއް ހުރުން ލާޒިމުވެއެވެ.
ޔޫއޭއީއަކީ ގަލްފު ސަރަހައްދުގައި ނަސްލީ ނޫން ސިވިލް ކައިވެނިތައް ހުއްދަކުރާ ހަމައެކަނި ގައުމެވެ. މި ކައިވެނިތައް ހާއްސަކޮށްފައިވަނީ އެގައުމުގައި އުޅޭ ބިދޭސީންނަށެވެ. ޑިޖިޓަލް ކައިވެނީގެ މި ހިދުމަތަކީ ޓޭމް އެޕްގެ އެންމެ ފަހުގެ ވަރޝަންގައި ހިމެނޭ ހިދުމަތެކެވެ. މި އެޕް މެދުވެރިކޮށް އަބޫދާބީގައި ދިރިއުޅޭ މީހުންނަށް 1,000 އަށް ވުރެ ގިނަ ސަރުކާރުގެ ޙިދުމަތް އޮންލައިންކޮށް ލިބެން ހުރެއެވެ.