ކުޅިވަރު
މާޒިޔާއިން ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި
މާޒިޔާއިން ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މާޒިޔާއިން ވަނީ 12 ޕޮއިންޓު ހޯދާފައި---
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އެ ޓީމުން ލީގުގެ އެއްވަނައިގައި ލީޑު ނެގީ، ރޭ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) 4-1އިން ބަލިކުރުމަށްފަހުއެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު މާޒިޔާ އެއްވަނައަށް އެރި ނަމަވެސް، އެ ޓީމު ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ގޭމްވީކް-3 ނިމުނުއިރު ލީގުގެ އެއްވަނައިގައި އޮތީ ގޯލު ތަފާތުން އޮޑި ސްޕޯޓްސް ކްލަބު ކަމުން، މެޗު ތަކުގެ އަދަދު ހަމަވާއިރު ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއިން މެޗުތައް ކާމިޔާބުކޮށްފިނަމަ، މި ތިން ޓީމު އަނެއްކާ ވެސް ޕޮއިންޓުގެ ގޮތުން ހަމަހަމަވާނެއެވެ.
ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފުލުފުލުގައި މާޒިޔާއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ހަތްވަނަ މިނެޓުގައި ހަސަން ނަޒީމް ޔޫވީގެ ޕެނެލްޓީ އޭރިއާ ތެރެއިން ދިން ބޯޅައަކުން، މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކުރުމެވެ.
އެއަށްފަހު ފުރަތަމަ ހާފުގައި ޔުވީއިން ވެސް ރަގަޅު ހަމަލާއެއް އުފެއްދިއެވެ. ނަމަވެސް އެ ޓީމުގެ މިސްރުގެ ފޯވާޑް މުސްތަފާ އަލް މަހްމޫދު ފޮނުވާލި ބޯޅަ ވަނީ ކީޕަރު ހުސެއިން ޝަރީފް ދިފާއުކޮށްފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދުގެ ގޯލަކުން މާޒިޔާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ޔޫވީގެ މުސްތަފާ އަލް މަހްމޫދު ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.
މާޒިޔާގެ ފަހު ދެގޯލު ފެނިގެން ދިޔައީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. އެގޮތުން 87ވަނަ މިނެޓުގައި ސާޖިއޯ މެންޑީ އަދި އިތުރު ވަގުތުގައި ލުއިސް އަލްމައިޑާ ކާމިޔާބުކުރި ގޯލުތަކުން މާޒިޔާއިން ވަނީ މެޗުން 3 ޕޮއިންޓު ކަށަވަރުކޮށްފައެވެ.
ލީގުގައި އިއްޔެ ހަވީރު ބުރު ސްޕޯޓްސް ކަލްބުން ވަނީ 2-1އިން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ.
ދިވެހި ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސްއެވެ. އަދި މިރޭ ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ނިކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.
އެއަށްފަހު މި ގޭމްވީކްގެ ފަހު މެޗުގައި މާދަމާ ހަވީރު އޮންނާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓުގެ ކުރިމަތިލުމެކެވެ.