ކުޅިވަރު
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން އާރުއާރުސީ އާއި އެސްޓީއޯ ޖާގަ ހޯދައިފި

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގައި މޯލްޑިވިއަން އާއި އާރުއާރުސީ ބައްދަލުކުރި މެޗު / ފޮޓޯ: އަދަދު ސްޕޯޓްސް

ފަރުދުން
21 އޮކްޓޯބަރު 2025، 10:34
21 އޮކްޓޯބަރު 2025، 10:34
ކްލަބް މޯލްޑިވްސް ކަޕް 2025ގެ ފައިނަލުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފަނަލަށް ނިކުތް ޓީމުތަކުގެ ތެރެއިން، މުބާރާތް އެއްވެސް ފަހަރަކު ކާމިޔާބު ކުރެވިފައި ނުވަނީ މޯލްޑިވިއަންއަށެވެ. ނަމަވެސް އެ ޓީމު ސެމީފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރުގެ ފައިނަލްގައި އެއްކޮޅުން ކުޅުނު ސްޓެލްކޯ ބަލިކުރުމަށްފަހުއެވެ.
އަދި ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އާރުއާރުސީއިން މިދިޔަ އަހަރު އުފުލާލާފައިވާއިރު، އެމްޕީއެލްއިން ވަނީ ތިން ފަހަރު މުބާރާތުގެ ތަށި އުފުލާލާފައެވެ. އަދި އެސްޓީއޯއަކީ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އެ ޓީމުން ވަނީ 4 މުބާރާތް ކާމިޔާބުކޮށްފައެވެ.
މު ބާރާތުގެ ސެމީފައިނަލް ދެ މެޗު ވެސް ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އާރުއާރުސީ އާއި މޯލްޑިވިއަންއެވެ. އެ މެޗު 9-3އިން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ އާރުއާރުސީއެވެ.
މި މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެސްޓީއޯއިން ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި 2-0އިން އެމްޕީއެލް ބަލިކޮށްގެންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެސްޓީއޯއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރާހިލް ރަޝީދެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުޙައްމަދު އިމްރާން ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާތަކާއެކު އާރްއާރްސީ އާއި އެސްޓީއޯ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.