ރިޕޯޓް

ބޭންކޫ – މާލީ ބަޣާވާތަކަށް ރައްޔިތުން ނޭދޭ

ބޭންކޫ – މާލީ ބަޣާވާތަކަށް ރައްޔިތުން ނޭދޭ

ބޭންކް އޮފް މޯޑިވްސްގެ މައި އިދާރާ - ފޮޓޯ އިންޓަނެޓް

farudhun logo

ފަރުދުން

28 އޯގަސްޓު 2024، 09:44

28 އޯގަސްޓު 2024، 09:44

އެމްޑީޕީން ވެރިކަންކޮށްފައި ފޭބި އިރު ދައުލަތުގެ މާލީ ހާލަތުވަނީ ދަށްވެފައެވެ. ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެތެރޭގެ ދަރަނިވެސް ސަރުކާރަށް ނުއުފުލޭވަރު ބުރަޔަކަށްވެފައެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އެތައް މިލިއަނެއް އޮތީ ނުދެވިއެވެ. ދައުލަތުގެ ދަރަނި ދެއްކުމަށް އުފައްދާފައިވާ އެސްޑީއެފްގައި ޑޮލަރެއް ނެތެވެ. ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް އާމްދަނީގެ ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރެވިފައި ނެތެވެ. ދައުލަތުގެ ކުންފުނިތައް ވަނީ ހިންގުމުގެ ގޮތުންނާއި ދަރަނީގެ ގޮތުން ބަލިކަށިވެފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް ވާރުތަވީ މާލީ އުނދަގޫ ހާލަތެކެވެ. މާލީ އުނދަގޫ ހާލަތުގެ ސިޔާސީ ފައިދާ ނަގައި ސަރުކާރާ ދެކޮޅުވެރިކަން އުފެއްދުމަށް އެމްޑީޕީން މަސައްކަތްފެށިއެވެ. 

އާނއެކެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެހެން ނަމަވެސް ބޭންކެކެވެ. ކޯޕަރޭޓް ގަވަނެންސް އަދި މާލީ އެހެނިހެން ހަމަތަކާ އުޞޫލުތަކަށް ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ޖެހޭނީ އިހުތިރާމްކޮށް، މަޝްވަރާގެ ތެރެއިން ހޯދެން ހުރި ހައްލުތައް ހޯދާށެވެ. މާލީ އުނދަގޫ ހާލަތުގެ ފައިދާ އިދިކޮޅު ފަރާތްތަކަށް ހޯދައިދީ، ރައްޔިތުން މަގުމައްޗަށް ނެރެ ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށް ކުރެވޭ މަސައްކަތެއްގެ ވާގިވެރިޔަކަށް ގައުމީ ބޭންކު ވެގެންނުވާނެއެވެ. އެ ފަދަ ހާލަތެއް މެދުވެރިކުރުވާ، ސިޔާސީ މަންފާ ހާސިލުވާފަދަ ނިންމުންތަކާ ދުރުވާން ޖެހޭނެއެވެ. އެހެން ނަމަވެސް ފެނިގެން ދިޔައީ އެހެން މަންޒަރެކެވެ. ރައްޔިތުންނަށް އިންތިހާއަށް ދަތިވާ ފަދަ ނިންމުމެއް ބޭންކް އޮފް މޯލްޑިވްސްއިން ނިންމީއެވެ. ގިނަ ބަޔަކު ހީކުރީ ސަރުކާރު ހިއްސާވާ މައި ބޭންކަށް ބޭންކު އޮފް މޯލްޑިވްސް ވުމުން ސަރުކާރުގެ ނިންމެވުމެއް ކަމަށެވެ. ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވީ ސަރުކާރަށެވެ.

އިގްތިސާދީ ހުރިހާ މާހިރުން، ދުނިޔޭގެ އެހެން ހުރިހާ ޖަމިއްޔާތަކެއް، އައިއެމްއެފް، ވޯލްޑްބޭންކް އަދި އެހެން ފަރާތްތައްވެސް ފާހަގަކުރާ އެންމެ އަސާސީ ކަމަކީ ފައިސާ އިތުރަށް ޗާޕުނުކޮށް ދެން ކަންކަން ރަނގަޅުކޮށް ރިޒާވް ވަރުގަދަކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ފެށީމައޭ ރަނގަޅު މިސްރާބުން ދާނީ

- – ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީ ހަރުގެ ޖަލްސާ 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމަލުކުރައްވަމުން ގެންދެވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފައާއި އިގްތިޞާދީ ތަޖުރިބާކާރުންގެ އެހީގައެވެ. ފައިސާ ޖެހުމާއި މާލީ ހާލަތު ދަށްވާނެ ފަދަ ހަމަ އެކަނި ސިޔާސީ ފައިދާ ހާސިލުކުރެވޭނެ ގޮތްތަކަށް ވުރެ ދެމެހެއްޓެނިވި ފިޔަވަޅުތަކުން ގައުމުގެ އިގްތިޞާދު ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ދިޔައީ ކުރަމުންނެވެ. ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފާއި ދުނިޔޭގެ މާލީ އިދާރާތަކުގެ ތަރުހީބު ވަނީ ލިބިފައެވެ. ސަރުކާރުގެ މާލީ އިސްލާހުތައް ކާމިޔާބުވެއްޖެ ނަމަ ދިވެހި ރާއްޖެ އިގްތިޞާދީ ގޮތުން ވަރުގަދަ ގައުމަކަށްވެ، ރައްޔިތުންގެ ތާއީދު ސަރުކާރަށް ބޮޑުވާނެއެވެ. މިއީ އެމްޑީޕީއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. 

 

އެމީހުން އަޑީގައި ތިބެގެން މާލީ ބަޤާވާތެއް ގެންނަން ހިފާފައި އޮތީ. އިއްތިފާގެއް ނޫން އެއީ، ބޭންކުން އެ ނިންމުން ނިންމިއިރު އެމީހުން ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ދައްކަން ތިބުމަކީ. އެމީހުންނަށް ނޭންގުނީ މިހާރުގެ ރައިސްގެ ޙިކުމަތްތެރިކަން. މިއީ ރައްޔިތުންގެ ކަންކަމުގައި ކުރިމަތިލާން ކެރިވަޑައިގަންނަވާ ވެރިއެއްކަން އެމީހުން ހަނދާން ނެތުނީ. އެމީހުން ތަޖުރިބާ ކުރި ވެރިން މިފަދަ ޙާލަތުގައި ފިއްލެވީ

- – މަސްވެރިކަމާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް، ޕީއެންސީ ހަރުގެ ޖަލްސާ 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާލަތާއި ކުރިމަތިލެއްވީ ފިސާރި ހުށިޔާރުކަމާއެކުގައެވެ. ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއާ ކުރި މަޝްވަރާތަކުގައި ރައްޔިތުންނަށް ދަތިވާފަދަ ނިންމުމެއް ނުނިންމަން އެދިފައިވަނިކޮށް އެ ފަދަ ނިންމުމެއް ނިންމާފައި ވަނީ ބޭންކުން ބޭރު ނުފޫޒްތަކެއްގެ މައްޗަށް ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނިންމުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު މުޅި ދުވަސް ހޭދަކުރެއްވީ ކެބިނެޓް ބައްދަލުވުމާއި އެކި ފަރާތްތަކާ ކުރަން ޖެހޭ މަޝްވަރާތަކުގައެވެ. ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށް ނުކުމެވަޑައިގަތީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯއާ ސީދާ މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންނަށް ދަތިވާ ގޮތަށް އޮތް ނިންމުން ބަދަލުކުރެއްވުމުގައި އެންމެ އިސް ރޯލު އަދާކުރެއްވިއެވެ. މި ހުރިހާ ވަގުތެއްގައި އިދިކޮޅު ފަރާތްތަކުން ގެންދިޔައީ މުލީއާގެ ވަށާލައި މުލީއާގެއަށް ވަނުމަށް ގޮވާލަމުންނެވެ. އަދި ޕްރެސް ކޮންފަރެންސްތަކުގައި ސަރުކާރުގެ ނިންމުމެއް ކަމަށް ބުނެ ރައްޔިތުންގެ ރުޅިވެރިކަން އިތުރުކޮށް ސަރުކާރު ވައްޓާލުމަށް ހިތްވަރު ދެމުންނެވެ. 

އިދިކޮޅުގެ މާލީ ބަގާވަތް ނާކާމިޔާބުކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދެއްވާފައެވެ. ދިވެހި ރާއްޖޭގެ ބޭންކިން ނިޒާމާއި ގައުމުގައި ޑޮލަރު ހިފެހެއްޓޭނެ ބަދަލުތައް ފައްޓާވާފައެވެ. އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ބަދަލުތައް ފެނިގެންދާނެއެވެ. އިގްތިޞާދީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރުމަކީ ޒިންމާދާރު ސިފައެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަންވާނީ ގައުމުގެ ހެވަށެވެ. ސިޔާސީ ދެކޮޅުވެރިކަން އިސްކޮށް ބަގާވަތްކުރުމަކީ އިގްތިޞާދީ ގޮތުން ގައުމަށް ފައިދާކުރާނެ ކަމެއް ނޫނެވެ. 

މި ލިޔުން ކިޔާލުމުން