ރިޕޯޓް

ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އަންނާނީ ހަލުވި ކުރިއެރުމެއް

ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އަންނާނީ ހަލުވި ކުރިއެރުމެއް

އީގަލް ހިލްސްގެ މަޝްރޫޢުގެ ތަސައްވުރު ދައްކައިދޭ ކުރެހުމެއް---

farudhun logo

ފަރުދުން

17 ނޮވެމްބަރު 2026، 04:37

17 ނޮވެމްބަރު 2026، 04:37

ޤައުމެއްގެ އިޤްތިޞާދީ އޮނިގަނޑު ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަކީ އެންމެ މުހިންމު އެއް މައިބަދައެވެ. ޚާއްޞަކޮށް، ޤުދުރަތީ ވަސީލަތްތައް މަދު، ބިމުގެ ޖާގަ ކުޑަ ޤައުމުތަކަށް ދުނިޔޭގެ މާލީ އަދި ފަންނީ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ބާރެކެވެ. މިއަދު ދުނިޔޭގެ ވިޔަފާރީގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ފިޔަޖަހަމުން އަންނަ ދުބާއީއަކީ މީގެ އަލިގަދަ މިސާލެކެވެ. ދުބާއީން ހޯދި މިފަދަ ކާމިޔާބީތަކުގެ އަލީގައި، ދިވެހިރާއްޖެއިންވެސް މިއަދު މިވަނީ އައު އިޤްތިޞާދީ އުދަރެހަކަށް އަމާޒު ހިފާފައެވެ.

ރާއްޖޭގެ އިޤްތިޞާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އައު ސިނާޢަތްތަކާއެކު ސަރުކާރުން ކަނޑައަޅާފައިވާ "ވިޝަން 2040" ގެ އަމާޒަށް ވާޞިލުވުމަށް، ބޭރުގެ ވަރުގަދަ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާތަން އެބަފެނެއެވެ. ފަތުރުވެރިކަމާއި، މަތީ ފެންވަރުގެ ރިއަލް އެސްޓޭޓާއި، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާތައް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ދޮރުތަކެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ.

މި އުންމީދީ ދަތުރުގެ ހެޔޮ ފާލަކަށް ވެގެންދާނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢާއި، އަބޫދާބީގެ ސަރހް ގްރޫޕާއެކު ސޮއިކުރެވުނު "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެވެ. މިއީ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކޮށް، ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަމުގެ ވަރުގަދަ ހެއްކެކެވެ.

  

ދުބާއީގެ ތަޖުރިބާ: ބޭރުގެ އިންވެސްޓްމަންޓްތަކުގެ ބާރު

އިޤްތިޞާދީ ގޮތުން ކުޑަ ޤައުމެއް ބައިނަލްއަޤްވާމީ ވިޔަފާރީގެ ބޮޑު މަރުކަޒަކަށް ބަދަލުކޮށްލެވިދާނެ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ދުބާއީއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުބާއީން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، އިންވެސްޓަރުންނަށް ފަހި ސިޔާސަތުތަކެއް ޤާއިމުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓްމަންޓްތައް ހޯދާފައެވެ.

މިއަދު ދުބާއީގެ އިޤްތިޞާދު ވަނީ ތެލަށް ބަރޯސާވުން އެއްކޮށް ދޫކޮށްލައި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި، ވައިގެ ދަތުރުފަތުރާއި، މާލީ ޚިދުމަތްތަކާއި، ޓެކްނޮލޮޖީ އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ މައްޗަށް ބަދަލުކޮށްފައެވެ. ދުބާއީގެ ޑިޕާޓްމަންޓް އޮފް އިކޮނޮމީ އެންޑް ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2024 ވަނަ އަހަރު އެކަނިވެސް އެ ޤައުމަށް 14.24 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ ބޭރުގެ އިންވެސްޓްމަންޓް ލިބިފައިވެއެވެ. މިއީ ކުރީ އަހަރަށްވުރެ 33.2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 58,680 ވަޒީފާ އުފެދިގެން ދިޔައެވެ.

ދުބާއީ ސިޓީ / ފޮޓޯ: ޝަޓަރސްޓޮކް

މި ތަޖުރިބާއިން އެނގެނީ ބޭރުގެ އިންވެސްޓްމަންޓަކީ ހަމައެކަނި ފައިސާ ނޫން ކަމެވެ؛ އެއީ އައު ސިނާޢަތްތައް ތަޢާރަފުކޮށް، ވަޒީފާތައް އުފައްދައި، ފަންނީ ހުނަރު އިތުރުކޮށްދީ، ދުނިޔޭގެ ބާޒާރުތަކާ ޤައުމު ގުޅުވައިދޭ މުހިންމު ވަސީލަތެކެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، އެތެރޭގެ ވަސީލަތްތަކުން އެކަނި ނުކުރެވޭނެ ބޮޑެތި ކަންކަން ކުރުމަށް މިއީ ނުހަނު ބޭނުންތެރި ކަމެކެވެ.

  

މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢު

ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހިންގަން ނިންމާފައިވާ މި މަޝްރޫޢަކީ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގު 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. 

މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިޒޯޓްތައް، މަތީ ފެންވަރުގެ ރެސިޑެންޝަލް ޢިމާރާތްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓަރފްރަންޓް ފިހާރަތަކާއި، ރެސްޓޯރެންޓްތައް އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކޮންޓްރެކްޓަރުންނަށް މަންފާ ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މިހާރަށްވުރެ އެތައް ގުނައެއް މައްޗަށް އުފުލިގެންދާނެއެވެ.

އީގަލް ހިލްސްގެ މަޝްރޫޢުގެ ތަސައްވުރު ދައްކައިދޭ ކުރެހުމެއް---

  

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ: އުތުރުގެ އިޤްތިޞާދީ އިންގިލާބު

އިންޑިއާ ކަނޑުގެ މުހިންމު ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓެއް ކަމަށްވާ "އެއިޓް ޑިގްރީ ޗެނަލް" ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ ޖިއޮގްރަފީ ގޮތުން ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. 

މިކަމުގެ ފައިދާ ދިވެހި އިޤުތިޞާދަށް ހޮދަދިނުމުގެ ގޮތުން 16 ނޮވެމްބަރު ވީ ދުވަހު ސަރުކާރުން ވަނީ އަބޫދާބީގެ ސަރހް ގްރޫޕާއި އެސްޓީއޯއާ ދެމެދު ހއ. އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤްވާމީ ބަނދަރަކާއި، ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ މައި މަރުކަޒެއް އުތުރުގައި ޤާއިމުކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރެވި، އުތުރުގެ އަތޮޅުތަކަށް ވަޒީފާއާއި އިޤްތިޞާދީ ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ތަޞައްވުރު ދައްކައިދޭ ކުރެހުމެއް---

 

ވިޝަން 2040: ސިންދަފާތު އިޤްތިޞާދަކަށް

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ "ވިޝަން 2040" ގެ މައިގަނޑު އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމެވެ. މި އަމާޒަށް ވާޞިލުވެވޭނީ އިޤްތިޞާދު އެކި ދާއިރާތަކަށް ފުޅާކޮށް ޒަމާނީ އިންފްރާސްޓްރަކްޗަރ އާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއަށް ވަދެވިގެންނެވެ.

އާބާދީ ކުޑަ، ޤުދުރަތީ މުއްސަނދިކަން މަދު ރާއްޖެ ފަދަ ޤައުމަކަށް މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ ކެޕިޓަލް އާއި ޓެކްނޮލޮޖީ ކޮންމެހެން ބޭނުންވެއެވެ. ނަމަވެސް، މި އިންވެސްޓްމަންޓްތަކުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ އޭގެ ފައިދާ ރައްޔިތުންނަށް ފޯރާ މިންވަރެއްގެ މައްޗަށެވެ. ދިވެހިންނަށް ރަނގަޅު ވަޒީފާތައް ކަށަވަރުކޮށްދިނުމާއި، ފަންނީ މީހުން ބިނާކުރުމާއި، ތިމާވެށި ޙިމާޔަތްކުރުމަކީ މި މަޝްރޫޢުތަކުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަންކަމެވެ.

 

މި އިންވެސްޓްމެންތަކާއެކީ ހާސިލްވާނީ ކޮންކަމެއް؟ 

ދުބާއީގެ ކާމިޔާބީން ހާމަވަނީ ޙިކުމަތްތެރި ރޭވުންތެރިކަމާއެކު ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްފިނަމަ، ޤައުމެއްގެ އިޤްތިޞާދީ މުޅި މަންޒަރު ބަދަލުކޮށްލެވިދާނެ ކަމެވެ. އެހެންކަމުން ރާއްޖެއަށް ލިބިފައިވާ ޖިއޮގްރަފީގެ މުހިންމު ސަރަޙައްދާއި، ދުނިޔޭގެ ފެންވަރުގައި ހޯދާފައިވާ މަޤްބޫލުކަމުގެ ބޭނުން ހިފައިގެން، އައު ސިނާޢަތްތައް އުފެއްދުމުގެ ފުރުޞަތު މިއަދު މިވަނީ ތަނަވަސްވެފައެވެ.

މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ފަދަ ބިޔަ މަޝްރޫޢުތަކަކީ 2040 ވަނަ އަހަރާ ދިމާއަށް ރާއްޖެ ކުރާ ދަތުރުގައި، އިޤްތިޞާދު ސިންދަފާތުކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކޮށްދޭނެ މުހިންމު ބިންގާތަކެކެވެ. ރަނގަޅު ގޮތުގައި މި މަޝްރޫޢުތައް ތަންފީޒުކުރެވިއްޖެނަމަ، މިއީ ޤައުމުގެ އިޤްތިޞާދީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ވަރުގަދަ ބަދަލަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450