ރިޕޯޓް
ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއު: ދައުލަތަށް ބޮޑު އާމްދަނީއަކާއި އިގުތިސާދީ އާ ފުރުސަތުތަކެއް
ފޮޓޯ: ފަރުދުން
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ނަމުގައި ހިއްކަމުންދާ ރަސްމާލެއަކީ ހަމައެކަނި ގޯތިތަކެއް ދޫކޮށްލާ ތަނެއްގެ ބަދަލުގައި، ދައުލަތަށް ދެމެހެއްޓެނިވި އާމްދަނީއާއި ވަޒީފާ އަދި އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދޭނެ ގައުމީ ރައުސުލްމާލަކަށް ބަދަލުކުރާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު ފެންމަތިވެފައި މިވަނީ ރަސްމާލޭގެ ބޮޑު ބައެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާ ގުޅިގެންނެވެ.
ދިވެހި ސަރުކާރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ދެމެދު، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ވިޔަފާރީގެ މައިގަނޑު ޝަރުތުތަކުގެ އެއްބަސްވުމެއްގައި ސެޕްޓެންބަރު 21 ގައި ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބަޔާންކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރެވެ.
މިފަދަ ބިޔަ މަޝްރޫއުތަކަކީ ހަމައެކަނި އިއުލާންކޮށްފައި ހުއްޓިފައި ހުންނަ މަޝްރޫއުތަކަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އޮތް ނަމަވެސް، އީގަލް ހިލްސްއަކީ ހަމައެކަނި ކަރުދާހުގައި އޮތް ކުންފުންޏެއް ނޫން ކަމަށާއި މިއީ ހަގީގަތަކަށް ހެދޭނެ މަޝްރޫއެއް ކަމަށް ޑރ. އަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
މަޝްރޫއުގެ ބޮޑުމިނާއި 20 ބިލިއަން ޑޮލަރުގެ އަގު
ފުށިދިއްގަރު ފަޅުން ހިއްކާ ރަސްމާލޭގެ ސަރަހައްދުން 500 ހެކްޓަރުގެ ބިން މި މަޝްރޫއަށް ހާއްސަކޮށްފައިވެއެވެ. ސެޕްޓެންބަރު 21 ގައި ސޮއިކުރި ލިޔުމަކީ މަޝްރޫއުގެ ފަހުގެ ފުރިހަމަ ކޮންޓްރެކްޓެއް ނޫނެވެ. އެއީ ދެ ފަރާތުގެ ވިސްނުމާއި ވިޔަފާރީގެ މައިގަނޑު އުސޫލުތައް ހިމެނޭ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" އެއް ކަމަށާއި، މަޝްރޫއު ކުރިއަށްދާ ވަރަކަށް އޭގެ ތަފުސީލީ ޝަރުތުތައް އެކުލަވާލެވޭނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ބަޔާނުގައިވެއެވެ.
މި މަޝްރޫއުގެ ހުރިހާ ފިޔަވަހިތަކެއް ނިމޭއިރު އޭގެ ޖުމުލަ އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މީގެ އިތުރުން، ދުބާއީގެ އެމާރު ޕްރޮޕަޓީޒްގެ އިންވެސްޓްމަންޓް ކޮމިޓީން ފާސްކޮށްފި ނަމަ، އެ ކުންފުނިން ވެސް އެއްވަރެއްގެ ހިއްސާދާރެއްގެ ގޮތުގައި މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް މުހައްމަދު އަލާއްބާރު ވިދާޅުވެފައިވެއެވެ.
މި ސަރަހައްދު ތަރައްގީކުރުމަށް ރާވާފައިވަނީ ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން، ޑިމާންޑް އޮންނަ މިންވަރަކަށް ބަލައިގެން ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއަކާއި، ލަގްޒަރީ ހޮޓާތަކާއި ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ފިހާރަތަކާއި ކެއިންބުއިމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
ބިން މިލްކުކުރުމުގެ މައްސަލައާއި 99 އަހަރުގެ ކުލީގެ އުސޫލު
ރާއްޖޭގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށްދިނުމަކީ މަނާ ކަމެކެވެ. ގާނޫނުއަސާސީން ހުއްދަދެނީ ބޭރުގެ ފަރާތްތަކަށް އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށެވެ. އެހެންކަމުން، ރަސްމާލޭގެ ބިން ވެސް އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި ކަމަށާއި، އެއްވެސް ބިމެއް ފްރީހޯލްޑް އުސޫލުން ނުވިއްކާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ފަދަ މަޝްރޫއުތަކަށް ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި، "އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން" ތަކެއް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެއެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ޒޯނެއް ކަނޑައެޅޭނީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު މާސްޓާ ޕްލޭނެއް އޮންނަ މަޝްރޫއުތަކަށް އެކަންޏެވެ. އަދި މާސްޓާ ޑިވެލޮޕަރަށް އެ ޒޯން ކުއްޔަށް ދޫކުރެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަށެވެ.
ނަމަވެސް މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލަކީ "ސަރެންޑާ އެންޑް ރީގްރާންޓް" ނުވަތަ ކުލީގެ މުއްދަތު އާކުރެވޭ އުސޫލެވެ. ބިލުގައިވާ ގޮތުން، އެ ޒޯނުގައި ތަރައްގީކުރާ ތަންތަން 99 އަހަރުގެ ލީސްހޯލްޑް އުސޫލުން ގަންނަ ފަރާތްތަކަށް، އެ ތަނެއް އެހެން ފަރާތަކަށް ވިއްކާލުމުގެ ނުވަތަ ބަދަލުކުރުމުގެ ހައްގު ލިބިގެންވެއެވެ. އަދި އެފަދައިން ވިއްކާލާއިރު، "ސަރެންޑާ އެންޑް ރީގްރާންޓް" އުސޫލުގެ ދަށުން އަލުން 99 އަހަރުގެ ކުލީގެ މުއްދަތެއް ދޫކުރެވިދާނެ ކަމަށް ބިލުގައި އޮވެއެވެ. މާސްޓާ ޑިވެލޮޕަރަށް ޒޯން ދޫކޮށްފައިވާ ކުލީގެ މުއްދަތު ހަމަވި ނަމަވެސް، ގާނޫނާ އެއްގޮތަށް އެ ތަނުން ޕްރޮޕަޓީ ގަނެފައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، އެ ޒޯނުން ޕްރޮޕަޓީ ގަތުމަކީ ދިވެހި ރައްޔިތުކަން ލިބޭނެ ކަމެއް ނޫން ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުން މަނާވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާތީ، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި އޮނިގަނޑުގައި ވަނީ ހިމަނާފައެވެ.
ލަފާކުރާ އާމްދަނީއާއި ބިން ހިއްކުމުގެ ހަރަދު
މި މަޝްރޫއުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އޮކްޓޫބަރު 24 ގައި ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ވާހަކަދައްކަވަމުން ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގައި 8،800 ޕްރޮޕަޓީ ގާއިމުކުރެވޭނެ ކަމަށެވެ. އަދި ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް ދޫކުރާ ރިސޯޓަކުން ދައުލަތަށް 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭއިރު، ރަސްމާލޭގެ މޮޑެލްގެ ދަށުން 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއު ހިނގައިގަތުމުން ޓީޖީއެސްޓީގެ ގޮތުގައި އަހަރަކު 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނުވަތަ ހެކްޓަރަކަށް އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރު ލިބޭނެ ކަމަށާއި، އެއީ އާންމުކޮށް ރިސޯޓު ހަދަން ދޫކުރާ ފަޅުތަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ އަށް ގުނަ އިތުރު އަދަދެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފައިސާ ލިބޭނެ އުސޫލުތަކަށް ބަލާއިރު، ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ ބިން ދޫކުރާ އަގުގެ ގޮތުގައި އެއްފަހަރާ ނަގާ ފައިސާގެ ބަދަލުގައި ސަރުކާރުން އެއްބަސްވީ އާމްދަނީ ހިއްސާކުރާ އުސޫލަކަށް ކަމަށެވެ. އޭގެ ދަށުން މާސްޓާ ޑިވެލޮޕަރުގެ އާމްދަނީން 10 އިންސައްތަ، އަދި ޕްރޮޕަޓީ ވިއްކާ ކޮންމެ މުއާމަލާތަކުން ހަތަރު އިންސައްތައިގެ ފީއެއް ދައުލަތަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، ސަރުކާރުން އެއްވެސް ލޯނެއް ނުވަތަ ސޮވަރިން ގެރެންޓީއެއް ނުދޭނެ ކަމަށާއި، ތަންތަން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ ރާއްޖޭގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށް ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ. ރިއަލް އެސްޓޭޓް ބިލުގައި ވެސް ބިމުގެ ޕްރިމިއަމް ނުވަތަ ބިން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތައާއި، ބިމު ކުލީގެ 10 އިންސައްތައާއި، ވިޔަފާރި ފައިދާގެ ވަކި އިންސައްތައެއްގެ އިތުރުން، ޕްރޮޕަޓީ ވިއްކާއިރު ހަތަރު އިންސައްތައިގެ ޓްރާންސްފާ ފީއެއް ނެގޭނެ ކަމަށް ހިމަނާފައިވާތީ، މިއީ ދައުލަތަށް އެކި ގޮތްގޮތުން ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ މަގެކެވެ.
އަނެއްކޮޅުން، މި ބިން އުފެއްދުމަށް ދައުލަތުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. ނޮވެންބަރު 9 ގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށް ފުރަތަމަ 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަސައްކަތް ހަވާލުކޮށް، ޑްރެޖަރުތައް ޗާޓަރުކޮށްގެން ހަރަދު ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން، މުޅި 1،009 ހެކްޓަރު ހިއްކުމަށް މިހާރު ދައުލަތުން ހަރަދުވާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ 500 ހެކްޓަރަށް ހަރަދުވަނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި އާންމު ހިދުމަތްތައް
ރަސްމާލެ ތަރައްގީކުރެވިގެންދާނީ ދިރިއުޅުމަށް ފަހި، ހުރިހާ ހިދުމަތެއް ފުރިހަމަވެފައިވާ ޒަމާނީ ސިޓީއެއްގެ ގޮތުގައެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ވަސީލަތްތަކާއި މުޖުތަމައަށް ބޭނުންވާ އާންމު ހިދުމަތްތައް ފުރިހަމައަށް ހިމެނޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ތިން ކޮޓަރީގެ 5،000 ހައުސިން ޔުނިޓް އީގަލް ހިލްސްއިން އިމާރާތްކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޮކްޓޫބަރު 28 ގައި "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 400 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް އަޅާ މި ފްލެޓުތަކަށް އީގަލް ހިލްސްއިން ކުރިއަށް ފައިސާ ހަރަދުކުރާނީ ރަސްމާލޭގެ ފުރަތަމަ ސޭލްސްއިން ސަރުކާރަށް ލިބޭ 10 އިންސައްތަ އާމްދަނީގެ ތެރެއިން އުނިކުރާ ގޮތަށް ކަމަށެވެ.
މި ފްލެޓުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށާއި، ފްލެޓު ދޭނެ ފަރާތްތަކާއި އަގުތައް ކަނޑައަޅާނީ ވެސް ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ އޮގަސްޓު މަހަށް އެ ތަންތަނުގެ މަސައްކަތް ނިމި، ރަޖިސްޓްރީ ހަދައި ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި، އެ ތަންތަން ހާއްސަކުރައްވާނީ ޒުވާނުންނަށާއި ރިސޯޓުތަކާއި މަސްވެރިކަމާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތައް
މި މަޝްރޫއުގެ ސަބަބުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ޑރ. އަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ. އަދި ރަސްމާލޭގައި ދެ ބާވަތެއްގެ ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ސާފުކުރުމާއި މަރާމާތުކުރުމާއި، ޕްރޮޕަޓީ މެނޭޖްމަންޓާއި، ކާބޯތަކެއްޗާއި ރީޓެއިލް އަދި ރެސްޓޯރަންޓް ވިޔަފާރިތަކުގެ އިތުރުން، މާލީ އަދި ޕްރޮފެޝަނަލް ހިދުމަތްތަކާއި، އެކައުންޓިން، ޑިޖިޓަލް، މެރިން، ސިއްހީ އަދި ތައުލީމީ ދާއިރާގެ ވިޔަފާރިތައް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމަށް ދައުލަތުން 330 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އީގަލް ހިލްސް ފަދަ ބައިނަލްއަގުވާމީ ތަޖުރިބާހުރި ކުންފުންޏަކާއެކު މި ބިމުގައި އިގުތިސާދީ ހަރަކާތްތައް އުފެއްދުމަކީ ދައުލަތުން ކުރި ހޭދައިގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތެވެ. ދައުލަތުން އެއްވެސް ލޯނެއް ނުވަތަ ސޮވަރިން ގެރެންޓީއެއް ދޭން ނުޖެހި، ބޯހިޔާވަހިކަމާއި ވަޒީފާއާއި ދެމެހެއްޓެނިވި އާމްދަނީ ކަށަވަރުވެގެންދާ މި މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް އާ ދިރުމެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
ކަބަލުން
17/11/2026 10:36
ދައުލަތަށް ކިތަންމެ ގިނަ ފައިސާއެއް ލިބުނަސް ރައްޔެތުން ތިބޭނީ ހާލުގަ އިއްޒަތްތެރިން އިއްޒަތްވާނީ.