ރިޕޯޓް
ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި މިހާ އިސްކަމެއް ދިން ވެރިކަމެއް ދުށީމުތަ؟
ފޮޓޯ: ފަރުދުން
ދިވެހިރާއްޖޭގެ ދިގު ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގައިލާއިރު، ދިވެހީން އަބަދުވެސް އެންމެ ފަޚުރުވެރިވާ އަދި ދިވެހީންގެ އެންމެ އަގުބޮޑު ނިޢުމަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތެވެ. ވަށައިގެން ބޮޑު ކަނޑެއް އޮތް، ޖިއޮގްރަފީ ގޮތުން ނާޒުކު މި ޖަޒީރާ ވަޠަނަކީ ބައިނަލްއަޤްވާމީ މަސްރަޙުގެ ކަނޑުއޮޅިތަކުގެ މެދުގައި އޮތް، އިސްތިރާޖީ ގޮތުން މުހިންމު ޤައުމެކެވެ. މިފަދަ ޖަޒީރާވަންތަ ދިވެހި ފަސްގަނޑެއްގެ ޙައްޤުގައި، ބޭރުގެ އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމަކީ ކޮންމެ ދިވެއްސެއްގެވެސް އުއްމީދެވެ. ނަމަވެސް، ހަމައެކަނި ދުލުން ބުނެލާ ބަހަކުން މިނިވަންކަމެއް ނުދެމެހެއްޓޭނެއެވެ. ޤައުމެއްގެ އިސްތިޤްލާލު ޙިމާޔަތްކުރެވޭނީ އެ ޤައުމެއްގެ ޙައްޤުތައް އަމިއްލަ ބާރުގައި ދިފާޢުކުރެވޭނެ ފަދަ ޢަސްކަރީ ޤާބިލުކަމާއި ވަރުގަދަ ބިންގަލެއް އަޅައިގެންނެވެ. މިއަދު އަޅުގަނޑުމެން މި ދެކެނީ، މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ނުފެންނަ ފަދަ މިންވަރަކަށް، މިނިވަންކަން ޢަމަލީ ގޮތުން ކަށަވަރުކުރުމަށްޓަކައި އެންމެ މަތީ ދަރަޖައިގެ އިސްކަމެއް ދެއްވައިގެން، ސީދާ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ޤައުމީ ދިފާޢީ ބާރު އައު އުސްމިންތަކަކަށް ގެންދަވާ މަންޒަރެވެ.
އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ކޮންމެހެން ބޭނުންތެރިކަން
ޤައުމެއްގެ އަސްކަރީ ބާރު ވަރުގަދަކުރުމަކީ ހަމައެކަނި ހަނގުރާމައަކަށް ތައްޔާރުވުމެއް ނޫނެވެ. އެއީ ޤައުމުގެ ސަލާމަތާއި، ރައްޔިތުންގެ އަމަންއަމާންކަމާއި، ޤައުމީ އިޤްތިޞާދުގެ މައިނާރު ކަމުގައިވާ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމުގެ މައިގަނޑު އައްޑަނައެވެ. 99 އިންސައްތަ ކަނޑު އެކުލެވޭ ރާއްޖެއެއްގައި، އަސްކަރިއްޔާގެ ކަނޑާއި ވައިގެ ޤާބިލުކަން ނެތި، އަމިއްލަ ސަރަހައްދުގެ ސަލާމަތް ކަށަވަރެއް ނުކުރެވޭނެއެވެ. ބޭރުގެ އެހީތެރިކަމަށް އެކަނި ބަރޯސާވެގެން ތިބުމަކީ ޤައުމުގެ ސިޔާދަތަށް އުނިކަން އަތުވެދާނެ ކަމެކެވެ. އެހެންކަމުން، އަމިއްލަ ފައުޖުތަކުގެ ފެންވަރު ޒަމާނީ ފެންވަރަށް މަތިކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ދިވެހި އަސްކަރިއްޔާ ބާރުވެރިކުރުވުމަކީ ޤައުމުގެ މިނިވަންކަމުގެ ދިފާޢީ ފާރު ވަރުގަދަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ، އަދި އިތުރަށް ލަސްކުރެވެން ނެތް ޤައުމީ ވާޖިބެކެވެ. މިއަދުގެ ސަރުކާރުން އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަކީ މި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ.
ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ތާރީޚީ އިންގިލާބު
ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވައިގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓޭނެ ނިޒާމު ޤާއިމުކުރުމަށްޓަކައި، އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން ހޯއްދަވައިދެއްވައި، އެމް.އެން.ޑީ.އެފްގެ "އެއަރ ކޯ" ވަނީ އުފައްދަވާފައެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އައްޑޫ އަތޮޅު ގަމުގައި އެއަރ ސްޓޭޝަނެއް ޤާއިމުކޮށްފައިވާއިރު، ށ. ފޮނަދޫގައި އެއަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ ދިފާއީ އިތުރު ޤާބިލުކަން ހޯދުމުގެ މަސައްކަތްތައްވެސް ދަނީ ހުއްޓުމެއްނެތި ކުރެވެމުންނެވެ.
ކަނޑުގެ ސަރަހައްދު ދިފާއުކުރުމާއި ކޯސްޓްގާޑުގެ ކުރިއެރުން
ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުގެ ފްލީޓް ވަނީ ބޮޑުތަނުން ވަރުގަދަކޮށްފައެވެ. އެގޮތުން ތުރުކީވިލާތުގެ ނޭވީ މަނަވަރަކާއި، އޮސްޓްރޭލިއާގެ މަނަވަރެއް ވަނީ ހޯއްދަވައިދެއްވާފައެވެ. މީގެ އިތުރުން، ހޯއްދަވައިދެއްވާނެކަމަށް އިޢުލާންކުރެއްވި 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން މިހާރުވެސް 5 ބޯޓު ލިބި ޚިދުމަތަށް ވަނީ ނެރެވިފައެވެ.
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ޙާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރު ސަލާމަތްކުރުމަށް، ވިލިމާލޭގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމް.އާރު.ސީ.ސީ) ޒަމާނީ ފެންވަރަށް ވަނީ ޤާއިމުކޮށްފައެވެ. އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމުކުރެވުނު މި ސެންޓަރަކީ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި، އޮޑިޓޯރިއަމް ހިމެނޭ ތަނެކެވެ. މިއީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކޯޑިނޭޓްކޮށް، ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ މައިމަރުކަޒެވެ. މީގެއިތުރުން ސީއެމްބިއުލާންސްގެ ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި ކޯސްޓަލް އޭރިއާ ބެލެހެއްޓުމަށާއި، ސްޕެޝަލް ފޯސަސް، މެރިންސް، އެސް.އޯ.ޖީ، އަދި ކޯސްޓްގާޑްގެ ސްޕެޝަލް ބޯޓު ސްކޮޑްރޮންއަށް ބޭނުންވާ އިތުރު ލޭންޑިންގ ކްރާފްޓް އަދި ރިޖިޑް ހަލް އިންފްލެޓަބަލް ބޯޓުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ރޭވިގެންނެވެ.
އެއްގަމު ބާރާއި ވަސީލަތްތައް ޒަމާނީކުރުން
އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށްޓަކައި އާމަޑް ވެހިކަލްތަކާއި ސިފައިންނަށް ބޭނުންވާ ޒަމާނީ ޕާސަނަލް ގިއަރ އަންނަނީ ހޯދައިދެމުންނެވެ. ސަރވިސްކޯގެ ބޭނުންތަކަށާއި އޭރިއާ ކޮމާންޑުތަކުގެ މޮބިލިޓީ އިތުރުކުރުމަށް 71 އުޅަނދު ވަނީ ހޯދައިދީފައެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ޚިދުމަތް ފުޅާކުރުމަށް، އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކޮށް، ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމުކުރެއްވުމެވެ.
ތަމްރީނާއި އިންފްރާސްޓްރަކްޗަރ އަދި ސިފައިންގެ ވެލްފެއަރ
ސިފައިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބ. ކިހާދޫގައި ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ޤާއިމުކޮށްދެއްވިއެވެ. އަދި ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރާއި، ސ. ގަން އަދި ލ. ކައްދޫގެ ތަމްރީނު މަރުކަޒުތައް ވަނީ ތަރައްޤީކޮށްފައެވެ. ސިފައިންގެ މައި ތަމްރީނު މަރުކަޒު ކަމަށްވާ ގިރިފުށީގެ ބިން ހިއްކައި، އެ ރަށުގެ ބިމުގެ ސައިޒު ވަނީ ތިންގުނައަށް ބޮޑުކޮށްފައެވެ.
އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުން މި ދައުރުގައި އަލަށް 806 ޒުވާނުން ވަނީ ސިފައިންގެ ޚިދުމަތަށް ރެކްރޫޓުކޮށްފައެވެ. ސިފައިންގެ ވެލްފެއަރ ރަނގަޅުކުރުމަށް، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، ސިފައިންގެ ބޯހިޔާވަހިކަމަށް ބަނޑޭރިކޮށި-1 ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ތައްޔާރުވަމުންނެވެ.
"ދިވެހި ވަތަނީ ޚިދުމަތް": ޤައުމީ ރޫޙުގެ އައު ބާބެއް
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން 1 އޮކްޓޫބަރު 2025 ގައި ތަޢާރަފުކުރެވުނު "ދިވެހި ވަތަނީ ޚިދުމަތް" (މޯލްޑިވްސް ނެޝަނަލް ސާވިސް) އަކީ ޒުވާނުންގެ ކިބައިގައި އަސްކަރީ ތަރުބިއްޔަތާއި، ފަންނީ ހުނަރާއި، އިސްލާމީ އަޚްލާޤު އަށަގަންނުވައި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.
މި ބިންގަލުގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް ވަނީ ތިން ބެޗެއްގެ ތަމްރީނު ފުރިހަމަކޮށްފައެވެ. އެގޮތުން ފުރަތަމަ ބެޗުން 63 ޒުވާނަކު ފަންނީ ތަމްރީނު ފުރިހަމަކުރިއިރު، އެންމެ ފަހުން 19 ސެޕްޓެމްބަރު 2026 ގައި ދަސްވެނިވި 3 ވަނަ ބެޗުން އެކަނިވެސް 341 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. މިއާއެކު މި ޕްރޮގްރާމްގެ ތިން ބެޗުން ޖުމްލަ 1,028 ޒުވާނުން ވަނީ ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކޮށް، ޤައުމީ ޚިދުމަތަށް ތައްޔާރުވެފައިވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުމެފައެވެ. މިއީ ޤައުމުގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއަދު ދިވެހި ވަތަނީ ޚިދުމަތް ވެގެން ގޮސްފައިވަނީ ޒުވާނުންނަށް އައު އުއްމީދެއް ގެނެސްދީ، މައިންބަފައިންގެ ހިތްތަކަށް ބޮޑު ފިނިކަމެއް ގެނެސްދިން މުހިންމު ޕްރޮގްރާމަކަށެވެ.
މިއީ ސެލިއުޓް ޙައްޤު މަސައްކަތްޕުޅެއް
ޝައްކެއްނެތް ގޮތުގައި، މިއީ ސިފައިންގެ ތަރައްޤީ ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ހޭދައެއް ކުރެވެމުންދާ ރިޔާސީ ދައުރެވެ. ދިފާއީ އަދި އަސްކަރީ ސިޔާސަތު ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ގާބިލްކަން އިތުރުކުރުމަށް ކަމުގައި ވާތީ، މިކަން ހާސިލް ކުރުމުގައި ދިވެހި އަސްކަރިއްޔާއަށް ކޮންމެހެން ބޭނުންވެފައިވާ ގާބިލްކަން ހޯއްދަވައިދެއްވައި، އިންސާނީ ވަސީލަތް ތަރައްގީކޮށްދެއްވައި، ދިވެހި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއް ތަރައްގީކޮށްދެއްވާތީ، މިއީ ރައީސުލްޖުމްހޫރިއްޔާ އަށް ސެލިއުޓު ހައްގު މަސައްކަތެކެވެ. ރާއްޖޭގެ މިނިވަންކަން މިފަދަ ވަރުގަދަ އަޒުމަކާއެކު ދިފާއުކޮށްދެއްވުމަށް މިހާ އިސްކަމެއް ދެއްވި ވެރިކަމެއް ދިވެހި ތާރީޚު ދުވަހަކުވެސް ދެކެފައެއް ނުވެއެވެ.