ރިޕޯޓް
ކޮވިޑަށް ވުރެ ބޮޑު އިގުތިސާދީ ތޫފާނަކުން ރާއްޖެ ސަލާމަތްކުރި ރައީސް މުއިއްޒުގެ ހިކުމަތްތެރި ފިޔަވަޅުތައް
ފޮޓޯ: ފަރުދުން
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ކަނޑުމަގުން މުދާ އުފުލުމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް އޭގެ އަސަރު ކުޑަކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، އިންފްލޭޝަނާއި އިންޓަރެސްޓް ރޭޓްތައް ދަނީ އުފުލެމުންނެވެ. މި ލޮޅުންތަކުން ރާއްޖޭގެ އިގުތިސާދާއި ރައްޔިތުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ހަނގުރާމައިގެ އަސަރުތަކުން އަރައިގަތުމަށް މިދިޔަ މާޗް މަހު ކެބިނެޓުގެ ހާއްސަ ކޮމިޓީއެއް އުފައްދައި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ.
ދުނިޔޭގެ ވިޔަފާރި ބިނާވެފައިވަނީ ތެލުގެ އަގާއި ދަތުރުފަތުރުގެ ނިޒާމުގެ މައްޗަށް ކަމަށްވާއިރު، މިހާރު ކުރިމަތިވެފައިވާ ލޮޖިސްޓިކްސްގެ ދަތިކަން ކޮވިޑް-19 ގެ ދުވަސްވަރަށް ވުރެވެސް ބޮޑެވެ. އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޖަބަލް އަލީ ބަނދަރުން މުދާ ބޭރުކުރި މިންވަރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ 60 އިންސައްތަ ދަށްވެފައެވެ. ފްރެއިޓް އަގުތައް ބަލަހައްޓާ ޒެނެޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އީރާން ހަނގުރާމަ ފެށުނު ފަހުން ޗައިނާއިން އެމެރިކާއަށް 40 ފޫޓުގެ ކޮންޓެއިނަރެއް އުފުލާ އަގު ވަނީ ހަތަރު ގުނައަށް ވުރެ ބޮޑުވެ، 10،948 ޑޮލަރަށް އަރާފައެވެ. ހަމައެއާއެކު، މެދުއިރުމަތިން އިރުމަތީ އޭޝިއާއަށް ބޮޑެތި ޓޭންކަރުތަކުގައި ސާފުނުކުރާ ތެޔޮ އުފުލާ އަގު ފީފާއަކަށް 3.18 ޑޮލަރުން 37.13 ޑޮލަރަށް އުފުލި، 12 ގުނަ ބޮޑުވެފައިވާއިރު، އިންޝުއަރެންސްގެ ހަރަދު ވަނީ ފީފާއަކަށް 0.06 ޑޮލަރުން 12.29 ޑޮލަރަށް އަރައި 200 ގުނައަށް ވުރެ ބޮޑުވެފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާ ހެދި މިދިޔަ އޮގަސްޓް މަހު ގަލްފު ސަރަހައްދުން ދުވާލަކު އުފައްދާ ތެލުގެ ތެރެއިން 10 މިލިއަނަށް ވުރެ ގިނަ ފީފާ ވަނީ ބާޒާރަށް ނުނެރެވި ހުއްޓިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި ތެޔޮ އުފުލުމުގެ ހަރަދު މިހާ ބޮޑަށް އުފުލުނު ނަމަވެސް، ރާއްޖޭގައި އާންމު ހިދުމަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިދިޔަ މާޗް މަހު ޕެޓްރޯލްގެ އަގު 19 އިންސައްތަ އަދި ޑީސަލްގެ އަގު 26 އިންސައްތަ އުފުލުނު ނަމަވެސް، ކަރަންޓާއި ފެނާއި އާންމު ދަތުރުފަތުރާއި މަސްވެރިކަމުގެ ސިނާއަތަށް ފޯރުކޮށްދޭ ތެލުގެ އަގަށް ސަރުކާރުން ބަދަލެއް ނުގެނެއެވެ. އެ ފަރަގު ފޫބައްދާފައިވަނީ ސަރުކާރުގެ ހަކަތައިގެ ސަބްސިޑީ ނިޒާމުގެ ތެރެއިންނެވެ. މީގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދައުލަތަށް ލިބޭ ފައިދާގެ ބައެއް ސަބްސިޑީގެ ގޮތުގައި ބޭނުންކޮށްގެން ތެލުގެ އަގު ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް ދަ އެޑިޝަންއިން ރިޕޯޓުކޮށްފައިވެއެވެ. މި ފިޔަވަޅުތަކާއެކު، އޮކްޓޫބަރު 29 އާ ހަމައަށް ސަބްސިޑީއަށް ކުރި ހޭދަ 4.31 ބިލިއަން ރުފިޔާއަށް އަރައި، އަހަރަށް ކަނޑައެޅި 2.89 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 49.2 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ސެޕްޓެންބަރު 26 ގައި ވިދާޅުވިއެވެ.
ހަމައެފަދައިން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށްވެސް ސަރުކާރުން ވަނީ ފުޅާ މަސައްކަތްތަކެއް ފަށާފައެވެ. ވަޒީރު މުހައްމަދު ސައީދު ނޮވެންބަރު 4 ގައި ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑޮލަރު ދޫކުރި މިންވަރު ވަނީ 80 އިންސައްތަ އިތުރުކޮށްފައެވެ. އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދުވާލަކު އެއް ފަހަރު ބާޒާރުގެ 164 ބާވަތެއްގެ އަގުތައް ބަލަހައްޓަމުންދާއިރު، އަސާސީ މުދަލުގެ ލިސްޓުގައި ކުރިން އޮތް 3 ބާވަތުގެ ބަދަލުގައި 26 ބާވަތް ހިމަނައި، އޮގަސްޓް 31 ގައި އެ ލިސްޓު ވަނީ 80 ބާވަތަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި މޭވާގެ 20 ބާވަތާއި، ތަރުކާރީގެ 20 ބާވަތާއި، އާންމު ކާބޯތަކެތީގެ 37 ބާވަތުގެ އިތުރުން ކާބޯތަކެތި ނޫން ޒަރޫރީ 3 ބާވަތެއް ހިމެނެއެވެ. މި ތަކެތި އެސްޓީއޯއިން އެތެރެކޮށް، އަތޮޅުތެރޭގެ އެޖެންޓުން މެދުވެރިކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެސްޓީއޯ ރޭޓުގައި ފޯރުކޮށްދޭން ފަށާފައިވާކަން އެ ވުޒާރާއިން އޮކްޓޫބަރު 11 ގައި އާންމުކުރި މައުލޫމާތުން އެނގެއެވެ.
ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ކޮވިޑްގެ ދުވަސްވަރެކޭ އެއްފަދައިން ފަތުރުވެރިކަމަށާއި އިގުތިސާދީ ދުވެއްޔަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައިވެސް ރާއްޖެއިން ވަނީ ހަރުދަނާކަން ދައްކާފައެވެ. ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށާއި ތެލުގެ އަގަށް އައި ލޮޅުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހިފެހެއްޓުމަށާއި މާލީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ހަމަޖެހުން ވަނީ ދެމެހެއްޓިފައެވެ. ހާއްސަކޮށް، ތެލާއި ކާބޯތަކެތީގެ ސަޕްލައި މެދުނުކެނޑި ލިބޭނެ މަގު ތަނަވަސްކޮށް، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން އިތުރުކުރުމާއެކު، ދުނިޔޭގެ އިގުތިސާދަށް އެޅިފައިވާ މި ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ އާންމު ދިރިއުޅުމުގެ ހަރަދުތައް ކޮންޓްރޯލްކޮށް، އިގުތިސާދީ ދުވެލި ހިފެހެއްޓުމަށް ސަރުކާރުގެ ސިޔާސަތުތަކުން ވަނީ ބާރުއަޅާފައެވެ.