ރިޕޯޓް
"ހިޔާލީ ފޮލާ" އާ ދުރަށް: ރައީސް މުއިއްޒު ދައްކަވަނީ "ހަގީގީ ދުނިޔޭގެ" އަމަލީ ނަތީޖާ!
ރަސްމާލެ. ފޮޓޯ: އެމްއެމްޓީވީ
ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ މެދު ސިޔާސީ މައިދާނުގައި ދެކެވޭ ވާހަކަތަކާއި، އަމަލީ ގޮތުން ފެންނަން ހުރި ނަތީޖާތަކާ ދެމެދު ހުރި ފަރަގަކީ ކޮބައިތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ފަރާތްތަކުން އުޅެނީ "ހިޔާލީ ފޮލާތަކެއްގެ ތެރޭގައި" އަދި "ހިޔާލީ ދުނިޔެއެއްގައި" ކަމަށާއި، އޭގެ ބަދަލުގައި މި ސަރުކާރުން އުޅެނީ "ހަގީގީ ދުނިޔެއެއްގައި، ރައްޔިތުންނާއެކުގައި" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެ މަޝްރޫއުން ރައްޔިތުންނަށް ލިބޭނީ ހަމައެކަނި މަންފާ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނު އެ ވިދާޅުވި ވާހަކައިގެ ފަހަތުގައި ވަނީ ނުނިމި ދިގުލައިގެން ގޮސްފައިވާ މަޝްރޫއުތަކާއި އާ މަޝްރޫއުތައް ނިންމުމުގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކެވެ.
މަޑުޖެހިފައި ހުރި މަޝްރޫއުތައް ހަލުވިކުރުމުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. 1981 ވަނަ އަހަރު ހުޅުވި ކުރީގެ ޓާމިނަލްގެ ބަދަލުގައި ބިނާކުރި އާ ޓާމިނަލްގެ މަސައްކަތް ފާއިތުވި ހަ އަހަރުގެ ތެރޭގައި ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި 1.5 އަހަރުގެ ތެރޭގައި އެ ތަނުގެ 70 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ. އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ، މި ސަރުކާރުން މަސައްކަތް އަވަސްކޮށް އެއާޕޯޓުގެ މުޅި މަލަމަތި ބަދަލުކޮށްލާފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ހުޅުއްވައިދެއްވި މި އާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑާއި ގޮނޑުދޮށްތަކުން އަސަރު ލިބިގެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ޓާމިނަލްގައި 47 ޗެކް-އިން ކައުންޓަރާއި، އަމިއްލައަށް ހިދުމަތް ހޯދޭ 6 ކިއޮސްކާއި، ފުރާ މީހުންނަށް ހާއްސަ 20 އިމިގްރޭޝަން ކައުންޓަރާއި، 6 ބޯޑިން ގޭޓުގެ އިތުރުން 12 އެއިރޯބްރިޖް ހިމެނެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމަށްފަހު އެތެރޭގެ އުދުހުންތަކަށް ހާއްސަ ޓާމިނަލް 2 އަވަހަށް ނިންމައި، ފެބްރުއަރީ 17، 2026 ގައި އެ ތަނަށް ހިދުމަތްތައް ބަދަލުކުރުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށާއި އިގުތިސާދަށް ފައިދާކުރާނެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއަށް ބަލާއިރު، ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ 4،000 ފްލެޓްގެ މަސައްކަތްވެސް ވަނީ ހަލުވިކޮށްފައެވެ. އޮގަސްޓް 5، 2025 އާ ހަމައަށް އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ ޔުނިޓުގެ މަސައްކަތް ނިންމައި ތަޅުދަނޑި އެފްޑީސީއާ ހަވާލުކޮށްފައިވާއިރު، "ދޯދި އުދަރެސް" މަޝްރޫއުގެ 1،776 ޔުނިޓެއްގެ ތަޅުދަނޑި ހަވާލުކޮށް، ބާކީ ވެސް އަވަހަށް ނިންމައި ވަނީ ހަވާލުކޮށްފައެވެ.
ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން ނޮވެންބަރު 15، 2023 ގައި އާންމުކޮށްފައިވާއިރު، އެ ލިސްޓު ފައިނަލްކޮށް އެފްޑީސީން ވަނީ 3،000 އަށް ވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ގާތްގަނޑަކަށް 600 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާއިރު، ސެޕްޓެންބަރު 11، 2025 ގައި އޮންލައިންކޮށް ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ފެށުމަށްފަހު، ސެޕްޓެންބަރު 28، 2025 ގައި "އަމާން އުދަރެސް" ގެ ޓަވަރު 14 އިން ފުރަތަމަ ފްލެޓްތަކުގެ ތަޅުދަނޑި ހަމްދާން ޝަކީލް ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ. މިހާރު އެ ފްލެޓްތަކަކީ މީހުން އަރާމުގައި ދިރިއުޅެމުން އަންނަ ތަންތަނެވެ. މި ބޮޑު މަސައްކަތް ނިންމައި ރައްޔިތުންނަށް މި ލުއި ފަސޭހަ ހޯދައި ދިނީ މި ސަރުކާރުންނެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ އެންމެ އުތުރުގައި ކުރީ ސަރުކާރުން ހަދަން ފެށި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ހަލުވިކޮށް ހުޅުވީ ވެސް މި ސަރުކާރުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ހަލުވިކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރު އެ އެއާޕޯޓް ހުޅުވައި ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.
ވިލިމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މިއަދު މާލެ އާއި ވިލިމާލެ އެ ވަނީ ބްރިޖުން ގުޅާލައި ނިންމައިފައެވެ. އަދި ވިލިމާލެ އާއި ތިލަފުށި އެ ވަނީ ގުޅާލައިފައެވެ. މި ސަރުކާރު ހަވާލުވިއިރު މާ ބޮޑަށް ނިމިފައި ނުވާ މި މަޝްރޫއުގެ ވެސް ގިނަ މަސައްކަތްތަކެއް ނިންމާފައި ވަނީ މި ސަރުކާރުންނެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި، އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ހޮޓާ އެހެން ހުއްޓިފައި ހުންނަތާ އެތައް އަހަރުތަކެއް ފަހުން މި ސަރުކާރުން އެ ވަނީ އެ މަސައްކަތް ދުނިޔޭގެ ފެންވަރުގެ ބްރޭންޑަކާ ހަވާލުކޮށް ހުޅުވައިފައެވެ.
ސަރުކާރުން މިފަދަ ކުރިއެރުންތައް ގެންނައިރު އިދިކޮޅުން މުޅިންހެން ދައްކަމުން އަންނަނީ ވާހަކަތަކެވެ. އެކިއެކި ތުހުމަތުތަކެވެ. އުޅެނީ ރައީސް އެ ވިދާޅުވާ ފަދަ ހިޔާލީ ދުނިޔެއެއްގައެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ނަތީޖާ ދައްކަމުންނެވެ. ރައީސް އެ ވިދާޅުވަނީ އެ ވާހަކައެވެ.